ހަބަރު

ޓީޗަރުންގެ މުސާރައާ ގުޅޭ ގޮތުން މިނިސްޓަރާ ސުވާލުކުރަނީ

ޓީޗަރުންގެ މުސާރައާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާ ސުވާލު ކުރުމަށް މާދަމާގެ ޖަލްސާ އަށް އެޖެންޑާ ކޮށްފި އެވެ.

މިނިސްޓަރާ ސުވާލު ކުރަން މަޖިލީހަށް ހުށަހަޅާފައި ވަނީ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ އެވެ. އޭނާ މިނިސްޓަރާ ސުވާލު ކުރަން ހުށަހެޅީ، ސަރުކާރުތަކުން ތައުލީމީ ދާއިރާއަށް އެކަށީގެންވާ ސަމާލުކަމެއް ނުދެވި އޮތުމުގެ ސަބަބުން، ޓީޗަރުންގެ ހާލަތު ދަށަށް ގޮސްފައިވާތީ އެވެ. އަދި ޓީޗަރުންގެ މުސާރަ ބޮޑު ކުރެވޭނެ ދުވަހެއް ސާފު ކުރުމުގެ ގޮތުންނެވެ.

މީގެ އިތުރުން ފާއިތުވި 12 ވަރަކަށް އަހަރު ތެރޭގައި ސްކޫލް ނިންމާ މޮޅު ދަރިވަރުން ތައުލީމީ ދާއިރާއާ ދުރަށްދާ ސަބަބާ ގުޅޭ ގޮތުން ވެސް ޔައުގޫބު ވަނީ މިނިސްޓަރާ ސުވާލު ކުރަން އެދި ވަޑައިގެންފަ އެވެ.

ސްކޫލްތަކުގައި ކިޔަވައިދޭ ޓީޗަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މުސާރައިގެ ކަންބޮޑުވުން ކަމަށް މީގެ ކުރިން މިނިސްޓަރު އައިޝަތު އަލީ ވަނީ ވިދާޅުވެފަ އެވެ.