ދުނިޔެ

އެމެރިކާއަށް ވަނީ ހަނދާންނެތޭ ބަލިޖެހިފައި: އީރާން

ވިއެނާ އެއްބަސްވުމުން އީރާން ވަކި ނުވާ ކަމަށް އެ ގައުމުން ބުނެފި އެވެ. އީރާނުން ބުނީ ވިއެނާ އެއްބަސްވުން ދޫކޮށްލީ އެމެރިކާ ކަމަށާއި އެ މީހުންނަށް ކުރެވޭ ނުކުރެވޭ ކަމެއް ވެސް މިހާރު ނޭނގޭ ކަމަށެވެ.

އީރާނުން ބުނާ ގޮތުން އެމެރިކާގެ ކިބައިން މިހާރު ފެންނަނީ ހަނދާން ނެތޭ ބަލީގެ ނިޝާންތަކެކެވެ. އެމެރިކާއަށް ވަނީ ފާޅުކަން ބޮޑު ގޮތެއްގައި ހަނދާންނެތޭ ބަލިޖެހިފައި ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ސައީދު ޚަތީބުޒާދާ ވިދާޅުވި އެވެ.

ތެހެރާނަށް ބިރު ދެއްކުމުގެ ބަދަލުގައި އެމެރިކާއިން އެންމެ ފުރަތަމަ ޖެހޭނީ އީރާނާއެކު ނިއުކްލިއާ އެއްބަސްވުމަށް އީއާދަވާން ކަމަށް ތަރުޖަމާން ވިދާޅުވި އެވެ. އަދި އިގްތިސޯދީ ގޮތުން އީރާނަށް ދަތި ކުރަން އަޅާފައި ހުރި ފިޔަވަޅުތައް އުވާލަން ކަމަށް އޭނާ ވެސް ވިދާޅުވި އެވެ.

އީރާނުގެ ހާރިޖީ ވުޒާރާއިން ހޯމަ ދުވަހު ބުނި ގޮތުން އީރާނުގެ ނިއުކްލިއަ ޕްރޮގްރާމް މިހާރު ހުއްޓިފައި އޮތުމުގެ ޒިންމާ އުފުލަން ޖެހޭ ބަޔަކީ އެމެރިކާ އެވެ. އެވަރު ވެސް އެ މީހުންގެ ހަނދާނުގައި ނެތެވެ.

މިދިޔަ ހަފުތާ ބަންދުގައި އިޓަލީގެ ވެރިރަށް ރޯމްގައި އޮތް ޖީ20 ސަމިޓްގައި އެމެރިކާ އާއި ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތް އަދި ޖަރުމަނުވިލާތުން އެކައްޗެއް ކިޔައި އީރާނަށް ޕްރެޝަރު ކުރަން އޮތީ ރާވާފަ އެވެ. ތެހެރާނަށް ޕްރެޝަރު ކޮށްގެން ހާސިލްވާނެ އެއްވެސް ކަމެއް ނެން ކަމަށް ވެސް ތަރުޖަމާން ވިދާޅުވި އެވެ.

އީރާނަށް އޮތް ހަމައެކަނި އިހުތިޔާރަކީ އެނބުރި މަޝްވަރާ މޭޒުދޮށަށް ދިއުން ކަމަށް ހަތަރު ލީޑަރުން ވެސް ވިދާޅުވި އެވެ. ނުރައްކާތެރި ހާލަތަކުން އީރާނަށް ސަލާމަތްވެވެން އޮތް ހަމައެކަނި މަގަކީ ވެސް އެއީ ކަމަށް ވިދާޅުވި އެވެ.