- 80 ޕަސެންޓަކީ ޓޫރިޒަމް އިންވެސްޓްމަންޓްތައް
- 1.3 ބިލިއަން ޑޮލަރު އިންވެސްޓް ކުރާނެ ކަމަށް ބެލެވޭ
- އެކި ދާއިރާތަކުން ވަޒީފާ އުފެދޭނެ
މިއަހަރުގެ ތެރޭގައި ރާއްޖެ އައި އާ ފޮރިން އިންވެސްޓްމަންޓްތަކުން، 800 އެއްހާ އިތުރު ވަޒީފާ އުފެދޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ލަފާކޮށްފި އެވެ.
އިކޮނޮމިކް މިނިސްޓްރީގެ ކޮމްޕެނީ ރެޖިސްޓްރާ މަރިޔަމް ވިޝާމް ވިދާޅުވީ މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން އަންނަ މަހުގެ 30ގެ ނިޔަލަށް 31 ފޮރިން އިންވެސްޓްމަންޓް ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. އަދި އެ އިންވެސްޓްމަންޓްތަކުން ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި 1.3 ބިލިއަން ޑޮލަރު އިންވެސްޓް ކުރަން ހުށަހަޅާފައި ހުރި ކަމަށް ވިޝާމް ވިދާޅުވި އެވެ. އެއީ އެކި ދާއިރާތަކުން ގިނަ އަދަދެއްގެ ވަޒީފާ އިތުރުކޮށްދޭނެ ކަމެއް ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.
"މީގެ ސަބަބުން ގާތްގަނޑަކަށް އިތުރު 800 ވަޒީފާ އުފެދޭނެ ކަމަށް އަޅުގަނޑުމެންނަށް ލަފާ ކުރެވޭ. މިހުރީ ޓޫރިޒަމް އާއި ދާއިރާތަކަށް އިންވެސްޓް ކުރަން ހުށަހަޅާފައި،" ވިޝާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެންމެ ގިނަ އިންވެސްޓްމަންޓްތައް ރަޖިސްޓްރީ ކޮށްފައި ހުރީ ޓްއަރިޒަމްގެ ދާއިރާ އިން ކަމަށެވެ. މި ކުންފުނިތަކުގެ 80 ޕަސެންޓަކީ ޓްރިޒަމްގައި ހަރަކާތްތެރިވާ ކުންފުނިތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ. ދެން އެންމެ ގިނައިން ރަޖިސްޓްރީ ކުރި ކުންފުނިތަކަކީ ހޯލް ސޭލް ވިޔަފާރިތަކުގައި ހަރަކާތްތެރިވާ ކުންފުނިތަކެވެ. އަދި މަދުން ނަމަވެސް ކޮންސަލްޓެންސީ ފާމްސްތައް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ސަރުކާރު އައި ފަހުން ޓޫރިޒަމް ދާއިރާއިން އެކަނި 1.1 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ރަޖިސްޓްރީކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ލަފާކޮށްފައިވެ އެވެ. އެ ދާއިރާ އިން ބޭރުން 166.7 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ރަޖިސްޓްރީކޮށްފައިވާ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.