މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން

މުރައިދޫގެ ނިމެނީ މިމަހުގެ 14 އަށް

Nov 4, 2021

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވުމަށް މ. މުރައިދޫގެ މަރާމާތު ކުރުމަށް ކުރާ މަސައްކަތް ނިންމާލެވޭނެ ކަމަށް މިހާރު ބެލެވެނީ މިމަހުގެ 14 ވަނަ ދުވަހަށް ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.

މުރައިދޫގެ މަރާމާތު ކުރުމުގެ މަސައްކަތް ކުރަނީ ސިފައިންގެ ކުންފުނި، ސިފްކޯ އިންނެވެ. ޕްލޭނިން މިނިސްޓްރީން ކުރިން މަސައްކަތް ކުރީ މިދިޔަ މަހުގެ ނިޔަލަށް މުރައިދޫގެ މަސައްކަތް ނިންމުމަށެވެ.

އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމު ކަމާލުއްދީން ވިދާޅުވީ ކުރިން ދެންނެވި ތާރީހަށް އެ މަސައްކަތް ނުނިމުނީ އަދިވެސް އެ އިމާރާތުގައި އިތުރު މަސައްކަތްތަކެއް ކުރަން ހުރުމުން ކަމަށެވެ.

"އެކަމަކު މިހާރު މަސައްކަތްތައްދާ ގޮތަށް ބަލާއިރު މިމަހުގެ 14 ނިމެނޭ ކަމަށް ބެލެވޭ،" އަކްރަމު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވުމަށް ދައުލަތުން ވަކި ތަނެއް ހަމަޖައްސަން ސަރުކާރުން ނިންމީ މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުގެ ރައީސް އާއި އުއްތަމަ ފަނޑިޔާރުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އިތުރު ފިޔަވަޅުތަކެއް އަޅަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެންގެވުމާ ގުޅިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެއިން ބޭރުގައި ފަސް މަސް ދުވަހު ހުންނެވުމަށްފަހު މިދިޔަ މަހުގެ 11 ވަނަ ދުވަހު މާލެ ވަޑައިގެން ހުންނަވަނީ ހޮޓެލް ޖެންގަ އެވެ. އެމަނިކުފާނު އެތަނުގައި ހުންނެވުމުގެ ހަރަދުތައް ބަލަހައްޓަނީ ސަރުކާރުންނެވެ. ރައީސް ނަޝީދުގެ އަމިއްލަފުޅު ގެ، ކެނެރީގެ ހުރި ތަނުގެ ގޮތުންނާއި އެ ގެ ހުރި ގޮތުން ކެނެރީގެ އަށް ސެކިއުރިޓީ ދިނުމަށް ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމަށް ސަލާމަތީ ފަރާތްތަކުން މީގެކުރިން ބުނެފައިވެ އެވެ.

އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ދިރިއުޅުއްވަން ވަގުތީ ގޮތުން ހަމަޖައްސާފައިވަނީ އަބްދުﷲ ޖިހާދު ނައިބް ރައީސް ކަމުގައި ހުންނެވިއިރު އެމަނިކުފާނު ދިރިއުޅުއްވި ރެހެންދި އެޕާޓްމަންޓެވެ. އުއްތަމަ ފަނޑިޔާރު އެތަނަށް ބަދަލުވެވަޑައިގަތުމަށްޓަކައި އެ އެޕާޓްމަންޓް ވެސް މަރާމާތުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އުއްތަމަ ފަނޑިޔާރު ވެސް މިވަގުތު ދިރިއުޅުއްވަމުން ގެންދަވަނީ އެމަނިކުފާނުގެ އަމިއްލަފުޅު ގޭގަ އެވެ.

ދެ ބާރުގެ ވެރިން ދިރިއުޅުއްވާނެ ތަނަކާއި އެ ބޭފުޅުންގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރުމަށް އިންތިޒާމުތަކެއް ހަމަޖައްސަމުން މިދަނީ ފަނޑިޔާރުންގެ ގާނޫނަށާއި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނު އިސްލާހުކުރުމަށްފަހު އެވެ.

އުއްތަމަ ފަނޑިޔާރާއި މަޖިލީހުގެ ރައީސް ދިރިއުޅުއްވަން ހަމަޖައްސާ ތަނަކަށް ހިނގާނެ ހަރަދާއި މުވައްޒަފުން ހަމަޖެއްސުމަކީ އިސްލާހުގައިވާ ގޮތުން އެ ދެ ބޭފުޅުން ނިސްބަތްވާ ދައުލަތުގެ މުއައްސަސާތަކުން ހަމަޖައްސައިދޭން ޖެހޭ އިންތިޒާމުތަކެކެވެ. އެއީ ސުޕްރީމް ކޯޓާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އެވެ.