ރައީސް މުހައްމަދު ނަޝީދު

އަސްލަމަށް ފިޔަވަޅު އަޅަން ނަޝީދު އެދިވަޑައިގެންފި

ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމަށް ފިޔަވަޅު އަޅަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.

މިނިސްޓަރު އަސްލަމަަށް ފިޔަވަޅު އެޅުމަށް ނަޝީދު އެދިވަޑައިގެންނެވީ ހުޅުމާލޭގެ ޕްލޭނިން އަދި އިމާރާތްކުރުމާ ބެހޭ ގަވާއިދު ގެޒެޓުކޮށްފައި ނުވާތީ އެވެ. މަޖިލީހުގެ ގަވާއިދު ކޮމިޓީން ވަނީ ހައުސިން މިނިސްޓްރީއަށް އެ ގަވާއިދު އިސްލާހު ކުރުމަށްފަހު ފޮނުވާފަ އެވެ.

ރައީސް ނަޝީދު މިއަދު ވިދާޅުވީ މިނިސްޓަރު އަސްލަމް ގާނޫނުއަސާސީއާ ހިލާފުވެފައިވާ މިންވަރާއި ކަންކުރެއްވި ގޮތް މެންބަރުން ބައްލަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. ވަކި ކަމެއް ވަކި ގޮތަކަށް ކުރުމަށް ގާނޫނުގައި އޮއްވާ އެ ނޫން ގޮތަކަށް އަމަލުކުރުމަކީ ގާނޫނާއި ހިލާފުވުން ކަމަށްވެސް ވިދާޅުވި އެވެ.

މިނިސްޓަރު އަސްލަމަކީ އެމްޑީޕީގެ ވަޒީރެއްކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ އެ ބޭފުޅުންނަށް މެންބަރުންނާ ވާހަކަދެއްކުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ނަމަވެސް ވަރިހަމަ ކުރައްވާ އަޅާ ނުލައްވާ ތިމާއަށް ގަބޫލުކުރެއްވޭ ގޮތަކަށް އަމަލުކުރެއްވުމަކީ ގާނޫނުއަސާސީ އިން ތަންދޭ ކަމެއް ނޫން ކަމަށެވެ.

ހުޅުމާލޭގެ ޕްލޭނިން އަދި އިމާރާތްކުރުމުގެ ގަވާއިދު ގެޒެޓް ނުކުރާ މައްސަލަ ދިރާސާކުރުމަށްފަހު ރައްޔިތުންގެ މަޖިލީހަށް މިއަދު ވަނީ ހުށަހަޅާފަ އެވެ. ކޮމިޓީ ރިޕޯޓު ފާސްކުރާ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ގަވާއިދު ގެޒެޓުކުރަން ހައުސިން މިނިސްޓްރީއަށް އެންގުމަށް ކޮމިޓީން ވަނީ ނިންމާފަ އެވެ.