އުމަރު ނަސީރު

އަސްލަމްގެ ވާހަކަތަކާއި ގުޅިގެން އުމަރުގެ އިންޒާރެއް

މާލީ ތަނަވަސްކަން ހުރި ރާއްޖެއިން ބޭރު މީހުނަށް ރާއްޖޭގެ ރަށްވެހިކަން ދިނުމުގެ ވިސްނުން ރަނގަޅު ކަމަށް ވިދާޅުވެ ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓަރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް ދެއްކެވި ވާހަކަތަކަކީ ނުރައްކާތެރި ވާހަކަތަކެއް ކަމަށާ އެއީ ދިވެހިންގެ މެދުގައި އޮތް އެއްބައިވަންތަކަމަށް ބުރޫ އަރާނެ ކަމެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއެއްގައި މިނިސްޓަރު އަސްލަމް ވިދާޅުވީ މާލީ ތަނަވަސްކަން ހުރި ރާއްޖެއިން ބޭރު ބައެއް މީހުން ރާއްޖޭގެ ރަށްވެހިކަން ހޯދަން ޝައުގުވެރިކަން ފާޅުކުރާ ކަމަށެވެ. އަސްލަމް ވިދާޅުވީ އެކަމާ ވިސްނުމަކީ ރަނގަޅު ކަމެއް ކަމަށެވެ.

އަސްލަމުގެ އެ ވާހަކަތަކަށް ވަރަށް ގިނަ ސިޔާސީ ބޭފުޅުން ވަނީ ފާޑުވިދާޅުވެފަ އެވެ. ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ދިވެހިންނަށް ލިބިފައިވާ އެންމެ ހާއްސަ ތިން ނިއުމަތަކީ އެންމެން އެއް ދީނެއްގައި ތިބުމާ، އެއް ބަހަކުން ވާހަކަ ދެއްކުމާ، އެއް ނަސްލަކަށް ނިސްބަތްވުން ކަމަށެވެ. އެކަމުގެ ސަބަބުން ދިވެހިން ގެތެރޭގައި ދީނީ، ނަސްލީ ތަޅާފޮޅުމެއް ނެތި ސުލްހަ ވެރިކަމާއެކު އަމާން ކަންމަތީ ތިބުމުގެ ނަސީބު ދިވެހިންނަށް ލިބިފައިވާ ކަމަށެވެ.

އަސްލަމްގެ އެ ހުށައެޅުމަކީ އެ ނަސީބަށް ބުރޫއަރާނެ ފަދަ ކަމެއް ކަމަށް ވިދާޅުވެ އުމަރު ވަނީ މިހާތަނަށް އެކަންކަން ކުރަން އުޅުނު ހުރިހާ ވެރިކަމެއް ނެތި ދިޔައީ ހިތިކޮށް ކަމަށް ވިދާޅުވެފައެވެ.

"އެހެން އެއްވެސް ގައުމަކަށް ދެއްވާފަ ނެތް ތިން ނިއުމަތެއް މާތްﷲ ދިވެހިންނަށް ވަނީ ދެއްވާފައި. އެއީ އެންމެން އެއް ދީނެއްގައި ތިބުމާ، އެއް ބަހަކުން ވާހަކަ ދެއްކުމާ، އެއް ނަސްލަކަށް ނިސްބަތް ވުން. މި ހާއްސަ ތިން ސިފައިގެ ސަބަބުން ދިވެހިން ގެތެރޭގައި ދީނީ، ނަސްލީ ތަޅާފޮޅުމެއް ނެތި ސުލްހަ މަސްލަހަތު ރައްކާތެރިވެ އަމާން ކަންމަތީ ތިބުމުގެ ނަސީބު ދިވެހިންނަށް ލިބިފައިވޭ. މިތަނުން އެއްވެސް ކަމަކަށް ބުރޫ އަރުވާލަން އުޅުނު ހުރިހާ ވެރިކަމެއް ނެތި ދިޔައީ ހިތި ގޮތަކަށް." އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ އެމްޑީޕީގެ ފުރަތަމަ ވެރިކަން ބަދަލުވީ ވެސް އޭގެ ސަބަބުން ކަމަށެވެ. އަދި ދެން ވެސް އެމަގުން ހިގައިފިނމަަ ވެރިކަމުގެ ނިމުން ހިތިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މުހައްމަދު ނަޝީދު ގެ ވެރިކަން ވެއްޓުނީ ވެސް މި ތަނުން ރުކުނެއް ބަދަލު ކުރަން މަސައްކަތް ކުރުމުން. އަދިވެސް އެ މަގުން ހިގައިފި ވެރިކަމެއްގެ ނިމުން ހިތިކޮށް އަންނާނެ." އަސްލަމްގެ ހުށައެޅުމަށް އިޝާރާތް ކުރައްވާ އުމަރު ވިދާޅުވިއެވެ.