ސަރުކާރުން ވައުދު ފުއްދުމަށް ކުރިއަށްގެންދާ މަޝްރޫއުތަކުގެ މަސައްކަތްތަކުގެ ދުވެލި މަޑުޖައްސާލުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.
ރައީސް ނަޝީދު މިކަމަށް އެދިވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރުގެ ވައުދުތައް ފުއްދުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ދެއްވެވި ޖަވާބަކާ ގުޅިގެންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވައުދުތައް ފުއްދުމާ ގުޅޭގޮތުން މިނިސްޓަރު ވާހަކަދެއްކެވީ ރައީސްގެ ވައުދުތަކުގެ ތެރެއިން ޕްލޭނިން މިނިސްޓްރީއާ ގުޅިފައިވާ ވައުދުތައް ފުއްދިދާނެ ކަމުގެ ޔަގީންކަން އެބައޮތްތޯއޭ ވިދާޅުވެ ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު އަސްލަމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމަށް ޕްލޭނިން މިނިސްޓްރީ ހިމެނޭ ގޮތަށް ހުރިހާ އިދާރާތަކަކުން ވެސް މަސައްކަތް ކުރާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ވައުދެއް ވަނީ ކަމެއް ކުރަން ބޭނުންވާތީ ކަމަށާއި އެހެންކަމުން އެ ވައުދެއް ފުއްދުމަށް ވީވަރަކުން މަސައްކަތް ކުރާނެ ކަމަށެވެ. އެގޮތުން ވައުދުތައް ފުއްދުމަށް މަސައްކަތް ކުރާއިރު ބައެއް މަސައްކަތްތައް އަވަހަށް ކުރެވޭއިރު ބައެއް މަސައްކަތްތައް ލަސްވާ ކަމަށާއި އަދި ވެރިކަމުގެ ދައުރު ނިމޭއިރު ނުނިމޭ މަސައްކަތްތައް ހުންނަކަން ގަބޫލުވެސް ކުރައްވާ ކަމަށެވެ.
"އެއީކީއެއް ބަޔަކު ކަމެއް ނުކުރުމަށް ނިޔަތް ގަނެގެން ނުކުރެވޭތީ އަޅުގަނޑުމެން ކުރާ ކަންތައްތަކެއް ނޫން. މަސައްކަތް ކުރަމުންދާއިރު އަންނަ ގޮންޖެހުންތަކާ އެކު ނުކުރެވޭ ކަންކަން ހުރޭ. ދެން އެހެންވީމާ އެ ވާހަކަ އަޅުގަނޑު ދެންނެވީ." ރައީސްގެ ވައުދު ފުއްދުމާ ގުޅޭގޮތުން މަޖިލީހުގައި ކުރިން ވެސް ދެންނެވި ގޮތް ތަކުރާރުކުރައްވަމުން މިނިސްޓަރު ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ ރައީސްގެ ވައުދުތަކާ ގުޅޭގޮތުން އަދި އެމަނިކުފާނާ ގުޅޭގޮތުން އާންމު މީޑިއާއާއި ސޯޝަލް މީޑިއާގައި ދައްކާ ވާހަކަތަކަށް ރައްދުދެއްވަން ބޭނުން ނުވާ ކަމަށެވެ. ނަމަވެސް ރައީސްގެ ވައުދުތައް ފުއްދުމަށް ގަދައަޅާ މަސައްކަތް ކުރަމުންދާ ކަމުގެ ޔަގީންކަން ދެއްވެވި އެވެ.
މިނިސްޓަރު އަސްލަމުގެ ޖަވާބާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުގެ ވައުދުތައް ފުއްދުމަށް ސަރުކާރުގެ އިދާރާތަކުން މަސައްކަތް ކުރަމުންދާ ކަން އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން ކަމަށެވެ. ނަމަވެސް ރާއްޖޭގެ މާލިއްޔަތާއި ދުނިޔޭގެ އިގްތިސޯދީ ހާލަތު މިވަގުތު އޮތް ގޮތުން ސަރުކާރުގެ ދުވެލި މަޑުޖައްސާލަންޖެހޭ ކަމަށެވެ. ހާއްސަކޮށް ރާއްޖެއަކީ ތެލަށް ބަރޯސާވާ ގައުމަކަށް ވާއިރު ތެލުގެ އަގުވެސް ދުނިޔޭގެ ބާޒާރުގައި ބޮޑުވެފައިވާތީ މިވަގުތަކީ "ކޮންކްރީޓް މަޝްރޫއުތައް" ކުރިއަށް ގެންދަން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށް ނަޝީދު ތަކުރާރުކޮށް ވިދާޅުވި އެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ޕްރޮޖެކްޓްތައް މަޑުޖައްސާލުމަކީ ބޭނުންތެރިކަމެއް. އަޅުގަނޑަށް އެނގޭ އިއްޒަތްތެރި މެންބަރުންނަށް ދަތިވާނެކަން މި ވާހަކަ ވިދާޅުވާން. އަދި އަޅުގަނޑަށް އެނގޭ ސަރުކާރަށް ވެސް ދަތިވާނެކަން. އެހެންނަމަވެސް އަޅުގަނޑު، އަޅުގަނޑު ދެކޭ ގޮތުގައި މި ވާހަކަ ބުނަންޖެހޭނެ. މިއީކީ އެއް ބާރަށް ކޮންކްރީޓް ޕްރޮޖެކްޓްތައް ހިންގާންވީ ވަގުތު ކަމަކަށް އަޅުގަނޑަކަށެއް ނުފެނޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ދުނިޔޭގެ އިގްތިސޯދީ ހާލަތު މިވަގުތު ހުރި ގޮތުން ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ވެސް ގެންދަނީ މިވަގުތު ބިޔަ މަޝްރޫއުތައް މަޑުޖައްސާލުމަށްފަހު ދަރަނި އަދާކުރުމަށް އިސްކަން ދިނުމަށް ދިވެހި ސަރުކާރަށް އިލްތިމާސް ކުރަމުންނެވެ. ނަމަވެސް ސަރުކާރުން ގެންދަނީ ވައުދުތައް ފުއްދުމުގެ ގޮތުން މަޝްރޫއުތައް ހުއްޓާނުލާ ކުރިއަށް ގެންދަމުންނެވެ. އަދި ދަރަނި ދެއްކުމުގެ ގާބިލްކަން ހުރި ކަމަށްވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ ވިދާޅުވެފަ އެވެ.