ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

ނަޝީދަށް އިންޒާރު ދިން މީހާއަށް ދައުވާކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތަކުރާރުކޮށް މަރުގެ އިންޒާރު ދިން މީހާއަށް ދައުވާކޮށްފި އެވެ.

ރައީސް ނަޝީދަށް އިންޒާރުދިން މައްސަލައިގައި ދައުވާކޮށްފައި ވަނީ ހ. ލައިޓްނައިޓް އިސްމާއީލް ޔާފިސް އަށެވެ،

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު ވިދާޅުވީ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާއަތަށް ބައިއަތުހިފިކަން އަންގައިދޭ ލިޔުމެއް ސޯޝަލް މީޑިއާގައި ޔާފިސް ޝާއިއުކޮށްފައިވާ ކަމަށެވެ. އަދި 2020 ވަނަ އަހަރުން ފެށެގެން އޭނާ ބޭނުންކުރަމުންދިޔަ ސޯޝަލް މީޑިއާގެ އެކިއެކި ޕްލެޓްފޯމްތަކުގައި ރައީސް ނަޝީދަށް އިންޒާރުދީ އެކި ޕޯސްޓްތައް ކޮށްފައިވާ ކަމަށެވެ.

އެހެންކަމުން ދައުލަތުން ޔާފިސްގެ މައްޗަށް ތިން ދައުވާއެއް ވަނީ އުފުލައިފަ އެވެ. އެއީ ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ އިންޒާރު ދިނުން ނުވަތަ ބިރުދެއްކުމުގެ ކުށުގެ ދައުވާ އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާ އެވެ.

ޔާސިފް މިދިޔަ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު ހައްޔަރުކުރީ ރައީސް ނަޝީދު ރާއްޖެ ވަޑައިގެންފިނަމަ "ބަދުރު ދުވަހު އަބޫ ޖަހުލަށް ހަދާލި ގޮތް ހަދާނެ" ކަމަށް ބުނެ އިންޒާރުކޮށް ފޭސްބުކްގައި ޕޯސްޓެއް ކުރުމުންނެވެ. އަދި "ހައެއް ފަހެއް" ގައި ރައީސް ނަޝީދަށް ދިން ހަމަލާއަށް ވުރެ ވަރުގަދަ ހަމަލާއެއް ދޭނެ ކަަމުގެ އިންޒާރު ވެސް ދީފައިވެ އެވެ.

ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު އޭނާގެ ބަންދާމެދު ގޮތެއް ނިންނުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުގައިވެސް އޭނާ ވަނީ ރައީސް ނަޝީދަށް މަރުގެ އިންޒާރު ދީފަ އެވެ. އެހެންވެ ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ކުށުގައި 15 ދުވަސް އަދި އޭނާގެ ބަންދަށް ވެސް 15 ދުވަސް ކޯޓުން އެދުވަހު ޖެހި އެވެ.

ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާ ސާބިތުވެއްޖެނަމަ 10 އަހަރާއި 15 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ އިންޒާރު ދިނުން ނުވަތަ ބިރުދެއްކުމުގެ ކުށުގެ ދައުވާ ސާބިތިވެއްޖެނަމަ ހަތަރު އަހަރާއި ހަ އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާ ސާބިތުވެއްޖެނަމަ ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.