ޖޭއެސްސީ

ގާޒީ ފާއިޒު 60 ދުވަހަށް ސަސްޕެންޑް ކޮށްފި

ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދު ސަސްޕެންޑް ކޮށްފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިރޭ ބުނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ އޯޑިއޯ ރެކޯޑިން ތަކެއް ކަމަށް ބުނެ މީޑިއާގައި ދައުރުވި އޯޑިއޯތަކުގެ ފޮރެންސިކް އެނާލިސިސްއިން އެ އޯޑިއޯތަކުގައި ހިމެނޭ އޯޑިއޯއެއްގައިވާ އަޑާއި ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދުގެ އަޑާ ދިމާވާ ކަމަށް އޯޑިއޯ އެނާލިސިސްގައި ކަނޑައަޅާފައި ވާތީ އެ ކޮމިޝަނުން މައްސަލަ ތަހުގީގު ކުރަން ނިންމާ އެ ތަހުގީގު ފަށާފައިވާ ކަމަށެވެ.

ގާޒީ ފާއިޒު ރަޝާދުގެ ސުލޫކީ މައްސަލައާ ގުޅިގެން އެ މައްސަލައިގެ ބާވަތަށާއި ތަހުގީގަށް ހޯދިފައިވާ މައުލޫމާތަށް ބަލައި ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނުގެ 25 ވަނަ މާއްދާގެ ދަށުން ކޮމިޝަނުން ވަކި ގޮތެއް ކަނޑައަޅަންދެން ވަގުތީ ގޮތުން 60 ދުވަހަށް ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް ގާޒީ ހުސައިން ފާއިޒް ރަޝާދަށް އެންގުމަށް ފެންނަ ކަމަށް ނިންމާފައިވާ ކަމަށްވެސް ޖޭއެސްސީން ބުންޏެވެ.

އެ ނިންމުން ނިންމީ މިއަދު ބޭއްވި ޖޭއެސްސީގެ 83 ވަނަ ބައްދަލުވުމުގައި ކަމަށްވެސް ބުންޏެވެ.

ޖޭއެސްސީން ކުރީން ބުނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ އޯޑިއޯ ރެކޯޑިން ތަކެއް ކަމަށް ބުނެ މީޑިއާގައި ދައުރުވި އޯޑިއޯތަކުގެ މައްސަލައިގައި މީޑިއާގައި ދައުރުވަމުންދާ އޯޑިއޯތަކުގެ ފޮރެންސިކް އެނާލިސިސް ހެދުމަށް ފުލުހުންގެ އިދާރާއަށް ކޮމިޝަނުގެ ފަރާތުން ހުށަހެޅުމުން، އެ އޯޑިއޯތަކުގެ ފޮރެންސިކް އެނާލިސިސްގެ ނަތީޖާ ލިބިފައިވާއިރު ތުހުމަތު ރައްދުކުރި ތިން ފަނޑިޔާރުންގެ ތެރެއިން، ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް އާއި ޑްރަގް ކޯޓުގެ ގާޒީ މުހައްމަދު ސަމީރުގެ އަޑާ އެ އޯޑިއޯތަކުގައި ވާހަކަދައްކާފައިވާ މީހާގެ އަޑު ދިމާނުވާކަން ކަށަވަރުވާ ކަމަށެވެ. އަދި ގާޒީ އަލީ އާދަމް އާއި މަހައްމަދު ސަމީރުގެ މައްޗަށް އުފައްދާފައިވަނީ ދޮގު ތުހުމަތުތަކެއްކަން ފާހަގަކޮށް އެ ދެ ފަނޑިޔާރުންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައެއް ނެތްކަމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.