ސައުދީ އަރަބިއްޔާއަށް މިސައިލް ވިއްކަން ހުއްދަ ލިބިއްޖެ ކަމަށް ޕެންޓަގަނުން ބުރާސްފަތި ދުވަހު ހާމަކޮށްފި އެވެ.
ޕެންޓަގަނުން ބުނީ ސައޫދީއަށް ވިއްކަން ހަމަޖެހިފައިވަނީ ވައިން ވަޔަށް ދަތުރުކުރާ މިސައިލް ކަމަށެވެ. ޑީލްގެ ޖުމުލައަކީ 650 މިލިއަން ޑޮލަރެވެ.
އެމެރިކާގެ ޑިފެންސް ސެކިއުރިޓީ ކޯޕަރޭޝަން އޭޖެންސީ (ޑީއެސްސީއޭ) އިން ބުނި ގޮތުގައި ސައުދީއަށް ވިއްކުމަށް ހަމަޖެހިފައިވަނީ ވައިގެ ތެރޭގައި ހުރަސްއަޅާ ޒާތުގެ މިސައިލް އެވެ. މި މުއާމަލާތް ކުރިއަށް ގެންދިއުމަށް ސްޓޭޓް ޑިޕާޓްމަންޓުން ރުހުން ދީފައި އޮތް ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ޑީއެސްސީއޭއިން ބުނި ގޮތުގައި ސައޫދީއަށް ވިއްކާ މިސައިލްތަކުން ބޮންއަޅާ ބޯޓުފަހަރަށް ވެސް ހަލަމާދެވޭނެ އެވެ. މިއީ 40 ނޯޓިކަލް މޭލަށް ދަތުރުކުރާ މިސައިލްތަކެއް ކަމަށް ވެސް އެ އޭޖެންސީން ބުނެ އެވެ. އަދި މި މަރުކާގެ އެންމެ ފަހުގެ މިސައިލްތަކުގައި އެންޓި ޖޭމިންގް ފީޗާސްތައް ހުންނަ ކަމަށް ވެސް ވެއެވެ.
ވޮއިސް އޮފް އެމެރިކާއިން ބުނާ ގޮތުން 650 މިލިއަން ޑޮލަރުގެ އަގުހުރި ވިޔަފާރިއަށް ހުއްދަ ދިން ސަބަބަކީ ސައޫދީގެ އަވަށްތަކަށް ޔަމަނުގައި ތިބި ހޫތީން ދެމުން ގެންދާ ހަމަލާތަކެވެ. ހޫތީން ކެނޑިނޭޅީ ސައޫދީއަށް ހަމަލާދެމުން ގެންދާއިރު ސައުދީ މިސައިލް ސްޓޮކް ވެސް ހުރީ ފުދޭވަރަކަށް އަޑިއަޅާލާފަ އެވެ.
ޕެންޓަގަނުން ބުނީ މި އެއްބަސްވުމަށް އަދި އަމަލުކުރާކަށް ނުފަށާނެ ކަމަށެވެ. މި ޑީލާ މެދު ކޮންގްރެސްއިން ވަކި ގޮތެއް ކަނޑައެޅުމުގެ ކުރިން ސައޫދީއަށް މިސައިލްތައް ފޮނުވައި ނުލެވޭނެ ކަމަށް ވެސް ޕެންޓަގަނުން ބުނެ އެވެ.
ސައޫދީއަށް ހަމާދޭން ހޫތީން އާންމުކޮށް ބޭނުންކުރަނީ ޑްރޯންތަކެވެ. ހޫތީން ޔަމަނަށް ވެރިވެގަނެ ހިންގަމުން ގެންދާ ޖަރީމާތައް ހުއްޓުވުަމަށް ސައޫދީ ކޯލިޝަނުން ކުރާ މަސައްކަތްތައް އަދި ވެސް އޮތީ ކޮޅެއްގައި ނުޖެހި އެވެެ.
ޔަމަނުގެ ދާޚިލީ ހަނގުރާމައިގައި ސައުދީ އިއްތިހާދުން ބައިވެރިވީ 2015 ވަނަ އަހަރު އެވެ. އެއީ ޔަމަނުގެ ރައީސް އަބްދްރަބޫހް މަންސޫރު ހާދީގެ މައްޗަށް ހޫތީން ގަދަވެގަނެ ވެރިރަށް ސަންއާއިން ބޭރުކޮށްލުމާ ގުޅިގެންނެވެ. އޭނާ މިހާރު އުޅުއްވަނީ ރިޔާޒްގެ އެހީތެރިކަމާ އެކު އެވެ.
ހޫތީންނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ސައޫދީން އުފެއްދި ކޯލިޝަންގެ ބައިވެރިންނަކީ ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި މޮރޮކޯ އާއި ސޫދާން އަދި އެމެރިކާ އެވެ. އެމެރިކާގެ ދައުރަކީ ޖާސޫސީ މައުލޫމާތު ފޯރުކޮށްދިނުމާއި ފައުޖުތަކަށް ބޭނުންވާ ތަމްރީން ދިނުމެވެ.