ރަސްފަންނު ސަރަހައްދަކީ މޫދު ކުޅިވަރުތައް ކުޅޭ ޒޯނެއްގެ ގޮތުގައި ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށް މާލޭގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
މުއިއްޒު މިހެން ވިދާޅުވީ ބާ 2000 ފަރަމަންތާ ޗެލެންޖުގެ އިވެންޓެއް ކާމިޔާބުކުރި ބައިވެރިންނަށް އިނާމު ހަވާލުކޮށްދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގަ އެވެ.
މުއިއްޒު ވިދާޅުވީ މާލެ ސިޓީ ކައުންސިލުގެ ބޭނުންވަނީ މާލެ އަކީ ކުޅިވަރަށް ފަހި ސިޓީއަކަށް ހެދުން ކަމަށާއި އެކަމަށް ހުރި ފުރުސަތުތައް ފަހިކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި ރަސްފަންނު ސަރަހައްދަކީ މޫދު ކުޅިވަރަށް ހާއްސަ ސަރަހައްދެއްގެ ގޮތުގައި ހަމަޖެއްސުމަށް ސިޓީ ކައުންސިލުން މިހާރު ނިންމާފައިވާ ކަމަށާއި އެ ސަރަހައްދު ރައްކާތެރިކުރުމުގެ ގޮތުން، ސޭފް ޒޯނެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި ބޮއިތައް ހަރުކުރުމަށް ނިންމާފައިވާ ކަމަށެވެ.
"ރަސްފަންނުގެ ބޭރުން މި ސަރަހައްދަކީ އޯޕަން ވޯޓާ ސްވިމިންއަށް ހާއްސަ ކުރެވޭ ޒޯނަކަށް ކަނޑައެޅުމަށް ސިޓީ ކައުންސިލުން ވަނީ ނިންމާފައި. ރަސްފަންނު ހުޅުވިއިރު އަދި އަހަރުތަކެއް ވަންދެން ހުރި ބޭރުގައި ބައުންޑަރީ ފާހަގަކުރަން ހަރުކޮށްފައި ހުރި ބޮއިތަކެއް. މިހާރު ކޮންމެވެސް ސަބަބަކާހުރެ އެއެއް ނެތް،" މުއިއްޒު ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވީ މާލަސްތަކެއް ނުވެ ބޮއިހަރުކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. ކުޅިވަރުގެ ހަރަކާތްތައް ހިންގާ ފަރާތްތަކާ އެކުގައި ސިޓީ ކައުންސިލުން ކުރިއަށްދާނެ ކަމަށާއި ކައުންސިލުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ވެސް މޭޔަރު ދެއްވެވި އެވެ.
ކުޅިވަރު ކުރިއެރުވުމަށް ސިޓީ ކައުންސިލުން ކުރަމުންދާ ކަންކަމާ ގުޅޭގޮތުން މޭޔަރު ވިދާޅުވީ އިހު އޮތްގޮތަށް އަވަށު ފޯރި އުފައްދަން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި ރަގަޅު ކަންކަމުގައި އެ ފޯރި އުފެއްދުމަކީ އޭގެ ފައިދާ ފެންނާނެ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ. އެގޮތަށް ފޯރި އުފައްދަން އެންމެ ރަގަޅު ވަސީލަތަކީ ކުޅިވަރު ކަމަށާއި އެކި ކަހަލަ މުބާރާތްތައް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ސިޓީ ކައުންސިލުން ރާވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ރަސްފަންނު ސަރަހައްދުގައި ކުރިއަށްދާ ބާ 2000 ފަރަމަންތާ ޗެލެންޖް 2021” އަކީ އޯޕަން ވޯޓާ ސްވިމިން، ސާފިން އަދި ބޮޑީ ބޯޑިން މުބާރާތްތައް ހިމެނޭ ގޮތަށް އެކުއަޓިކް މަލްޓި-ސްޕޯޓް ޗެލެންޖެކެވެ. މިއީ އެޗްއެސްސީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އިމްޕޯޓްކޮށް ޑިސްޓްރިބިއުޓް ކުރާ ޕްރިމިއާ ކޮފީ ބްރޭންޑް ބާ 2000 އިލެގީން ޚަރަދުކޮށް އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ހަރަކާތެކެވެ.