އެޗްޑީސީ

ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް އުރީދޫގެ ހިދުމަތް

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އިމާރާތްތަކަށް އުރީދޫގެ އެއްމެހާ ހިދުމަތް ދިނުމަށް އޫރިދޫއިން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އުރީދޫއިން ހިދުމަތް ދޭނީ އެޗްޑީސީން ގާއިމުކޮށްފައިވާ އޯޕަން އެކްސެސް ނެޓްވޯކް ބޭނުންކޮށްގެންނެވެ. އެ ނެޓްވޯކް ތެރެއިން ޓީވީ އާއި އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

އެޗްޑީސީން ބުނީ އެ އެއްބަސްވުމުގައި ސޮއިކުރުމާއެކު، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް، އަދި ހާއްސަކޮށް ހިޔާފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އުރީދޫގެ ހިދުމަތްތައް ފަސޭހަ އަދި އަވަސްކަމާއެކު ލިބިގެންދާނެއެވެ.

އަދި އޭގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށާއި ވިޔަފާރިތަކަށް ގިނަގުނަ އިޖުތިމާއީ އަދި އިގުތިސާދީ ފައިދާތަކާއި ލުއިފަސޭހަތަށް ލިބިގެން ދާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

އިންޓަނެޓް އަދި ޓީވީ ފަދަ މުއާސަލާތީ ހިދުމަތްތައް ފޯރުކޮށްދޭ ހުރިހާ ފަރާތްތަކަށްވެސް އެއް ވިއުގައެއް ބޭނުންކޮށްގެން ހިދުމަތް ދެވޭގޮތަށް އެޗްޑީސީއިން ފަރުމާކޮށްފައިވާ އެ އޯޕެން އެކްސެސް ނެޓްވޯކް މެދުވެރިކޮށް ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ހިދުމަތް ދޭން ދިރާގު އަދި މީޑިއާނެޓުން މިހާރު ވަނީ ފަށާފައެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތަކުގައި 600 އަށް ވުރެ ގިނަ އާއިލާ މިހާރުވެސް ދިރިއުޅެމުންދާއިރު ކޭބަލް ޓީވީގެ ހިދުމަތާއި އިންޓަނެޓުގެ ހިދުމަތް އަދިވެސް ބައެއް ފްލެޓްތަކަށް ނުލިބޭ ކަމަށް އެ ތަންތަނުގައި ދިރިއުޅޭ ބައެއް އާއިލާތަކުން ބުނެ އެވެ.

އެޗްޑީސީން ބުނީ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފުރިހަމަކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދާ ކަމަށެވެ.