އިންޑިއާ އިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު މުނޫ މަހާވަރު ރަސްމީކޮށް އެ މަގާމަށް އައްޔަންކުރައްވާ އޭނާ އަށް ސަފީރު ކަމުގެ ފަތްކޮޅު އަރުވައިފި އެވެ.
އިންޑިއާގެ ރައީސްގެ ރިޔާސީގަނޑުވަރު، ރާސްތުރަޕަތީ ބަވަންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސަފީރު މުނޫ އަށް މަގާމުގެ ފަތްކޮޅު އެރުވީ އިންޑިއާގެ ރައީސް ރާމް ނާތު ކޮވިންދު އެވެ.
ރާއްޖޭގައި ހުންނަވާ ސަފީރަކަށް މުނޫ މަހާވަރު އައްޔަންކުރަން ނިންމާފައިވާ ކަން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން އެންމެ ފުރަތަމަ ހާމަކުރީ މިދިޔަ ސެޕްޓެމްބަރު 15 ވަނަ ދުވަހު އެވެ.
އިލެކްޓްރިކަލް އިންޖީނިއަރިންގެ ދާއިރާއިން ތައުލީމް ހާސިލްކުރައްވާފައިވާ މުނޫ މަހާވަރު ހާރިޖީ ދާއިރާގައި މަސައްކަތް ކުރައްވަން ފެއްޓެވީ 1996 ވަނަ އަހަރުން ފެށިގެންނެވެ.
ބައެއް ގައުމުތަކުގައި ހުންނަ އިންޑިއާގެ ހައިކޮމިޝަން ތަކުގައި މީގެކުރިން މަސައްކަތް ކުރައްވާފައިވާ މުނޫ މަހާވަރު އޮމާންގެ ސަފީރު ކަމާ ހަވާލުވެވަޑައިގަތީ އޮގަސްޓް 21، 2018 ގައެވެ.
އިންޑިއާ ސަފީރުގެ ގޮތުގައި ރާއްޖޭގައި އެންމެ ފަހުން ހުންނެވީ ސަންޖޭ ސުދިރު އެވެ. އޭނާ މިހާރު ވަނީ ޔޫއޭއީގައި ހުންނަވާ އިންޑިއާ ސަފީރަކަށް އައްޔަންކުރައްވާފަ އެވެ.
އިންޑިއާ އިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު މުނޫ މަހާވަރު ރަސްމީކޮށް މަގާމާ ހަވާލުވެވަޑައިގެންނެވި ނަމަވެސް އޭނާ ރާއްޖެ ވަޑައިގަންނަވާނެ ވަކި ދުވަހެއް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން އަދި ބުނެފައެއް ނުވެ އެވެ.
ނިމިދިޔަ ސަރުކާރުގައި އިންޑިއާ އާއި ރާއްޖޭގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެގެން ދިޔަ އެވެ. އެކަމަކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިކޮށްފަ އެވެ. ހާއްސަކޮށް އެންމެ ފަހުން ރާއްޖޭގައި ހުންނެވި އިންޑިއާ ސަފީރު ސަންޖޭ ސުދީރުގެ ސަފީރުކަމުގައި ދިވެހިންގެ ދާހިލީ ކަންކަމުގެ ތެރެއަށް އިންޑިއާ އިން ވަރަށް ބޮޑަށް އަތްގަދަކޮށް ދިވެހިންގެ މިނިވަންކަން ގެއްލިގެންދާ ފަދަ އަމަލުތައް ހިންގާފައިވާ ކަމަށް ބުނެ ސިޔާސީ ބޭފުޅުންނާއި ދިވެހި އެތައް ރައްޔިތުންނެއްގެ ފާޑުކިޔުން ވެސް އިންޑިއާ އަށް މިހާރު ވަނީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެ ދޫކޮށް ދިއުމަށްވެސް ދިވެހިންގެ އެތައް ބަޔަކު ދަނީ ގޮވާލަމުންނެވެ.