ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތުގައި އެންމެ މުހިއްމު މަސައްކަތްތަކެއް ކުރެވޭނީ ގާނޫނު ހަދާ މަޖިލިސްތަކުގެ މެންބަރުންނަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ސްކޮޓްލެންޑުގެ ވެރިރަށް ގްލާސްގޯގައި ކުރިއަށްދާ ކޮޕް26 ސަމިޓުގެ ހަވާސާގައި ގާނޫނު ހަދާ މަޖިލިސް ތަކުގެ މެމްބަރުންނަށް ހާއްސަކޮށްގެން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ނަޝީދުގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ތިމާވެށި ހިމާޔަތް ކުރުމުގެ މަސައްކަތުގައި ރާއްޖެއިން ދައްކާ ވާހަކަތައް އަޑުއަހައި، ރާއްޖެއިން ކުރަމުންދާ މަސައްކަތް ގައުމުތަކުގެ މެންބަރުން ބައިވެރިވެވަޑައިގަތުމަށް އެދިފަ އެވެ.
ގާނޫނު ހަދާ މަޖިލިސްތަކުގެ ތެރެއިން ތިމާވެށީގެ މައްސަލަތައް ހައްލު ހޯދުމަށް އެނގިވަޑައިގަންނަވާ ކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ތިމާވެށީގެ މައްސަލަތަކުގައި ކޮންމެ ގައުމަކުން އެދުނު ނަމަވެސް ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުން އެކަމެއްގައި އެހީތެރިވެ އެއްބާރުލުން ދެއްވާނެ ކަމަށެވެ. ރާއްޖޭގައި ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން މަދުކުރުމަށްޓަކައި އެކަމަށް ހާއްސަކޮށްގެން ގާނޫނެއް ހަދައި ޓެކްސްއެއް ނެގުމަށް ތައްޔާރުވަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިއީ އިންޑިއާ ކަނޑުގެ މެދުތެރޭގައިވާ ގައުމެއް. ފަހަރުގައި ޗާޓުން އަޅުގަނޑުމެން ނުފެނިދާނެ. އެކަމަކު ތިމާވެށީގެ މައްސަލަތަކުގައި ކުރަންވީ ކަންކަން އަޅުގަނޑުމެންނަށް އެނގޭ،" ނަޝީދު ވިދާޅުވި އެވެ.
މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ލިބެމުންދާ ގެއްލުންތަކުގެ ސަބަބުން ކަންބޮޑުވުން ފާޅުކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ރަށްތައް ގިރައިގެން ގޮސް ބައެއް ރަށްތަކުގައި ފެން ފަށަލަ ވެސް ތަޣްޔަރުވެފައިވާ ކަމަށެވެ. ކަނޑުގެ ލޮނުގަނޑު އުސްވާތީ އެކަމަށް އިޝާރާތް ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ދިވެހިރާއްޖެ އަޑިއަށް ދިއުމުގެ ކުރިން ސަލާމަތްވުމަށްޓަކައި ރާއްޖެއަށް ކުރެވެން ހުރި ކަމެއް ކުރަމުންދާއިރު ގައުމުތަކުން އެހީތެރިވާންޖެހޭނެ ކަމަށެވެ.
މޫސުމީ ބަދަލުތަކުގެ އަސަރުތައް އެންމެ ބޮޑަށް ކުރާ ގައުމުތައް ހިމެނޭ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ އެމްބިޝަން އެމްބެސެޑަރުގެ ގޮތުގައިވެސް ރައީސް ނަޝީދު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.