އިސްލާމް ދީނުގެ ސައްހަ އަގީދާ ރަނގަޅު ގޮތުގައި ދަރިންނަށް ފޯރުކޮށްދެއްވުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އިލްްތިމާސްކުރައްވައިފި އެވެ. އިލްމުވެރިންނާއި މުދައްރިސުން ރައީސް މި އިލްތިމާސް ކުރެއްވީ ރާއްޖެ އިސްލާމުވި ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ފޮނުއްވި ހިތާބުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ހިތާބުގައި ދިވެހި ގައުމިއްޔަތު ބިނާވެފައި ވަނީ މާތްވެގެންވާ އިސްލާމް ދީނުގެ ސައްހަ އަގީދާގެ މަތީގައިކަން ފާހަގަކުރައްވާ އެ ނިއުމަތުގެ މަތީގައި ތާއަބަދަށް ދެމިތިބެވޭތޯ ގަދައަޅައި މަސައްކަތް ކުރުމަކީ ކޮންމެ ދިވެހި ފަރުދެއްގެ ބޮލުގައި އެޅިފައިވާ ދީނީ އަދި ގައުމީ ވާޖިބެއްކަމުގައި ވިދާޅުވިއެވެ.
ދިވެހި މުޖްތަމައަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އިސްލާމް ދީނާ އެއްވެސް ގުޅުމެއް ނެތް ފިކުރުތަކާއި އަމަލުތަކެއް ދީނީ ކަންތަކެއްގެ ގޮތުގައި ފެތުރުމަށް ބަޔަކު ކުރަމުންދާ މަސައްކަތް ކަމަށް ރަައީސް ވިދާޅުވިއެވެ. އަދި އޭގެ ނަތީޖާއަކީ އެފަދަ ފިކުރުތައް ގަބޫލުކުރާ މަދު ބަޔަކު މީހުންގެ ފުރާނައާއި މުދަލަށް ގެއްލުންދިނުމުގެ ޓެރަރިޒަމްގެ އަމަލުތައް ހިންގަން ފެށުން ކަމަށާއި މި ސަބަބަށްޓަކައި އިލްމުވެރިންނާއި މުދައްރިސުންވެސް އިސްލާމް ދީނުގެ ސައްހަ އަގީދާ ރަނގަޅު ގޮތުގައި ދަރިންނަށް ފޯރުކޮށްދެއްވުމަށް ހާއްސަ ސަމާލުކަން ދެއްވުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
"ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރާއިރު އަޅުގަނޑުމެންގެ ވިސްނުން މިއަދު އަމާޒުކުރަންވީ އެންމެ މުހިންމު ކަމަކީ ލޯތްބާއި ކުލުނާއި އޯގާތެރިކަމުގެ ވަރުގަދަ ގުޅުމުން މީސްތަކުންގެ ހިތްތައް ގުޅުވައިލަ ދިން އިސްލާމީ ރިވެތި އަޚްލާޤުގެ މަތީގައި ސާބިތުވެ ތިބުމަށެވެ. އަނެކުންގެ ފުރާނަ އާއި މުދަލާއި އަބުރަށް ޙުރްމަތްތެރިކޮށް ހިތައި ރައްކާތެރިވުމުގައި މި އުންމަތުގެ މާތް ނަބިއްޔާ ދެއްކެވި މަތިވެރި ނަމޫނާ އަޅުގަނޑުމެންގެ ހަޔާތުގައި އަމަލީ ގޮތުން ތަންފީޒު ކުރުމަށެވެ. ހަސަދަވެރިކަމާއި އަދާވާތްތެރިކަމުން އެއްކިބާވެ މީސްތަކުންނަށް މައާފްކުރުމަށާއި ބަދަލު ނުހިފުމަށް މި އުންމަތުގެ މާތް ނަބިއްޔާ ތަކުރާރުކޮށް ދެއްވި އިރުޝާދުތައް ތާއަބަދު ސިކުނޑީގައި ހަރުލެއްވުމަށެވެ،" ރައީސްގެ ހިތާބުގައި ވިދާޅުވެފައިވެއެވެ.
ރާއްޖެ އިސްލާމުވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ހިޖުރީ ސަނަތުން ކޮންމެ ރަބީއުލްއާހިރާ މަހެއްގެ 2 ވަނަ ދުވަހެވެ.