މޯލްޑިވްސް ނޭޝަނަލް ޕާޓީ

އައްޑޫ ތަރައްގީ ކުރުމަކީ އެމްއެންޕީގެ ބޮޑު އަމާޒެއް: ނާޒިމް

ރާއްޖޭގެ އެންމެ މުހިންމު އެއް ސިޓީ ކަމަށްވާ އައްޑޫގެ ތަރައްގީއަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ މެނިފެސްޓޯގައި ގިނަ ކަންތައްތަކެއް ހިމަނުއްވާނެ ކަމަށް އެ ޕާޓީގެ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް 2023 ގެ އިންތިހާބުގައި އެމްއެންޕީގެ ރިޔާސީ ޓިކެޓްގައި ވާދަކުރައްވަން އެ ޕާޓީގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލައްވާނެ ކަމަށް އިއުލާނު ކުރައްވާފައިވާ އެ ޕާޓީގެ ރައީސް ނާޒިމް މިހެން ވިދާޅުވީ އައްޑޫ އާއި ފުވައްމުލަކަށް އެ ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުން ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ފޭދޫގައި އެމްއެންޕީގެ އޮފީސް ހުޅުވުމަށްފަހު ވާހަކަދައްކަމުންނެވެ.

ނާޒިމް ވިދާޅުވީ ރާއްޖެ ތަރައްގީ ކުރުމުގައި އައްޑޫގައި ތަރައްގީގެ ފުރުސަތުތައް ފަހިކޮށް ދިނުން ވަރަށް މުހިންމު ކަމަށެވެ. އެ ސިޓީގެ ތަރައްގީ ފަށަން ޖެހެނީ އިންޓަނޭޝަނަލް އެއާޕޯޓް ކުރިއެރުވުމުގެ މަސައްކަތުން ކަމަށްވެސް ވިދާޅުވިއެވެ. އެކަން ކުރުމުން ދެކުނުގެ ފަތުރުވެރިކަން އެހެން ހަރުފަތަކަށް ގެންދެވޭނެ ކަމަށް ވިދާޅުވިއެވެ.

އަދި އެ ސިޓީގެ ރައްޔިތުން އެދޭ ގޮތަށް ބްރިޖްތަކުން ގުޅާލުމުގެ މަޝްރޫއު ކުރިއަށް ގެންދެވުން މުހިންމު ކަމަށްވެސް ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ އެފަދަ ކޮންމެ މަސައްކަތަކީ ރައްޔިތުންގެ ބައިވެރިވުމާއި ހިޔާލާއެކު އެ ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް ކަމަށެވެ. އެމްއެންޕީގެ ސަރުކާރެއްގަައި އެކަން ހިނގާނީ އެ މަގުން ކަމަށްވެސް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އެ ޕާޓީން އެކުލަވާލާ މެނިފެސްޓޯގައި އައްޑޫއަކީ ވަރަށް ހާއްސަ ސިޓީއެއް ކަމަށެވެ. އެ ސިޓީގެ ތަރައްގީގެ މަސައްކަތްތަކަށް އިސްކަން ދީ ގިނަ ކަންތައްތަކެއް ހިމަނުއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެންމެ ދެކުނުގެ ދެ ސިޓީއަށް އެމްއެންޕީގެ އިސް ބޭފުޅުން ކުރައްވާ ދަތުރުގައި އިއްޔެ އާއި މިއަދު ވަޑައިގެންފައިވަނީ ފޭދޫ އާއި މަރަދޫ ފޭދޫއަށެވެ. އަދި މަރަދޫ އާއި ހިތަދޫއަށެވެ.

މާދަމާގެ ވަގުތެއްގައި އެ ޓީމުގެ ބޭފުޅުން މީދޫ އާއި ހުޅުދޫއަށް ޒިޔާރަތް ކުރައްވާނެ އެވެ. އަދި އޭގެ ފަހުން 8 ވަނަ ދުވަހު ފުވައްމުލަކު ސިޓީއަށް ޒިޔާރަތް ކުރައްވާނެ އެވެ. އައްޑޫގެ ދަތުރުގެ ތެރެއިން ގިނަ ބަޔަކު އެ ޕާޓީއަށް ދަނީ ސޮއިކުރަމުންނެވެ.