މޯލްޑިވްސް ނޭޝަނަލް ޕާޓީ

އައްޑޫގައި އަރަބި އިސްލާމީ ތައުލީމުދޭ މަރުކަޒެއް އަޅައިދޭނަން: ނާޒިމް

އައްޑޫސިޓީގައި އަރަބި އިސްލާމީ ތައުލީމުދޭ މަރުކަޒެއް އަޅައިދޭނެ ކަމުގައި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމު ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީގެ ހިތަދޫގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ރައްޖޭގެ މުސްތަގުބަލް އޮތީ އަދި ގައުމު ތަރައްގީކުރެވެން އޮތީ ތައުލީމީ ރަނގަޅު ޖީލެއް ބިނާކޮށްގެން ކަމަށެވެ.

"ތައުލީމުގެ ވާހަކަ ދައްކާއިރު އެންމެ އެކަށޭނެ ތައުލީމެއް ދެވޭކަމަށް ބުނެވޭކަން ނެން،" ނާޒިމު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިޒަމާނުގައި ހަމައެކަނި ފޮތުން ކިޔަވައިގެން ކުދިންނަން އޭ ޕްލަސް ލިބުމަކުން އަތްޖަހަން ތިބެވެން ނެތް ކަމަށާއި ހުނަރާއި ފަންނުތަކުގައިވެސް ދަރިވަރުން ކުރިއަރާ ދާނެ ގޮތްތަކެއް ބުނެދޭން ޖެހޭ ކަމަށެވެ. އަދި ސުކޫލުތައް އެއްދަންފަޅިއަށް ބަދަލުކޮށް ހުނަރު ދަސްކޮށްދޭ ވަށާޖެހޭ ތައުލީމެއް ލިބޭ ތަނަކަށް ސްކޫލުތައް ހަދާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"މަންހަޖަށް ބަދަލުގެނެސް ސުކޫލްތަކަކީ އެކަމަށް އެކަށޭނަ ތަނަކަށް ހަދާ އިންފުރާސްޓްރަކްޗާ އަށް ބަދަލުގެނެސް ސުކޫލުގެ މާހައުލަކީ އެންމެ ޒަމާނީ ފެންވަރަށް ހެދިފަ ހުރި ތަންތަނަން ހަދާނަން،" ނާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އައްޑޫ ސިޓީއަކީ އަރަބި އިސްލާމީ ތައުލީމަށް ވަރަށް ބޮޑު އަހްމިއްޔަތު ކަމެއް ދޭ ބަޔަކު ދިރިއުޅޭ ސިޓީއެއް ކަމަށެވެ. ރާއްޖޭގައި އުފެދުނު އެންމެ މޮޅު އިލްމުވެރިން ތިބި އެއް ތަނަކީ އައްޑޫ ކަން ފާހަގަކުރައްވަމުން ނާޒިމު ވިދާޅުވީ އައްޑޫގައި އަރަބި އިސްލާމީ ތައުލީމުދޭ ޒަމާނީ ފެންވަރުގެ މަރުކަޒެއް ކޮންމެހެން ވެސް ހުންނަންޖެހޭ ކަމަށެވެ.

"ތައުލީމުގެ ވަހަކަ ދައްކާއިރު ރާއްޖޭގައި ނެތޭ ރަނގަޅު ފެންވަރުގެ ލައިބްލަރީ އެއްވެސް. ރިސާޗުކުރާ ކުދިން އުޅޭނެ ހާލާމެދު ވިސްނާ. އައްޑޫ ސިޓިގައިވެސް ނެން ލައިބްލަރީއެއް. މާލޭގައި ހުރީ ހަމައެކަނި އެންމެ ލައިބްލަރީއެއް. ތައުލީމުގެ ކަންކަމުގައި ފަހަތައް ގޮސްފައި ހުރިވަރު ފާހަގަ ކުރެވިގެން ދާނެ،" އޭނާ ވިދާޅުވި އެވެ.

ނާޒިމު ވިދާޅުވީ އައްޑޫ ރައްޔިތުންގެ ހުވަފެން ހަގީގަތަކަށް ހަދައިދޭނެ ޕާޓީ އަކީ އެމްއެންޕީ އެވެ. އެހެންވެ ކުރިއަށް އޮތް ސެޕްޓެމްބަރު ނުވަވަނަ ދުވަހު ރައްޔިތުން ވޯޓުލާން ނިކުންނައިރު ވިސްނާފައި ވޯޓުލުމަށްވެސް ނާޒިމު އެދިވަޑައިގެންނެވި އެވެ.

"ހުވަފެނެއް ދެކުނީމަ ހުވަފެން ހަގީގަތަކަށް ވާނެ. ތިބޭފުޅުން 'އުޖާލާ ޒަމާނަކަށް' ދާން ބޭނުންތޯ. އެހެންކަމަށްވާނަމަ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓްދޭއިރު ވިސްނާފައި ވޯޓް ދެއްވާ،" ނާޒިމް ވިދާޅުވި އެވެ.