މޯލްޑިވްސް ނޭޝަނަލް ޕާޓީ

އެމްއެންޕީގެ ޖަގަހައެއް ހިތަދޫގައި ހުޅުވައިފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާ މޯލްޑިވިސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޖަގަހައެއް އައްޑޫގައި ހުޅުވައިފި އެވެ.

މި އޮފީސް ރޭ ހުޅުއްވައިދެއްވީ އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމުގެ ރަނިންމޭޓް އަދި އައްޑޫގެ ރައްޔިތެއް ކަމަށްވާ ޑރ. އަހްމަދު އަދީލް ނަސީރު އެެވެ.

ހިތަދޫ ބޮޑުމަގުގައި މި ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާ ބައިވެރިވީ ނިސްބަތުން މަދު ބައެކެވެ.

މިޖަލްސާގައި ވާހަކަދައްކަވަމުން ޑރ. އަދީލް ވިދާޅުވީ ރޭ ހުޅުވި ޖަގަހައާއި އެކު އައްޑޫގައި އެމްއެންޕީގެ ހަރަކާތްތައް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށެވެ.

އައްޑޫގައި މީގެކުރިންވެސް އެމްއެންޕީގެ ދެ އޮފީހެއް ހުޅުވި ނަމަވެސް އެއްވެސް ހަރަކާތެއް އެ އޮފީހުން އިންތިޒާމުކުރާތީއެއް ނުފެނެ އެވެ.

އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމު ކެމްޕޭން ދަތުރުފުޅެއްގައި މިހާރު އުޅުއްވަނީ ތ. އަތޮޅު ގައެވެ.

ނާޒިމު ވަނީ ކެމްޕޭން ގިނަ އަތޮޅު ތަކަކަށް ވަޑައިގެން އޭނާއަށް ވެރިކަން ލިބިވަޑައިގެންފިނަމަ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ރާއްޖެ ބަދަލުކޮށްލާނެ ކަމަށް ވިދާޅުވެފަ އެވެ.