ލައިފްސްޓައިލް

ލެމަން ކޮފީ ބުއިމަ ހިކޭތަ؟ ތަޖުރިބާކާރުން ބުނަނީ ކީކޭ؟

ޓިކްޓޮކްގައި މިހާރު ވައިގައި ހިފައިގެން އުޅޭ އެއް ވާހަކައަކީ ލެމަން ކޮފީގެ ވާހަކަ އެވެ. ކަޅު ކޮފީއަށް ލުނބޯ ހުތް ފެލައިގެން ބުއިމުން ބަރުދަން ލުއިކުރުމަށް އެހީތެރިވާ ވާހަކަ އެވެ.

ހުސްބަނޑާ ހުރެ ކަސްރަތުކުރުމާއި އެނޫން ވެސް ބަރުދަން ލުއި ވާނެ ވަރަށް ގިނަ ގޮތްގޮތް އިންޓަނެޓުގައި އެކި މީހުން ކިޔައިދީފައި ހުންނައިރު ލެމަން ކޮފީ އަކީ ވެސް މިގޮތަށް ކިޔައިދީގެން އުޅޭ ވާހަކަ އެކެވެ.

ހަތް ދުވަސް ވަންދެން މި ކޮފީ ބުއިމުން ފާހަގަކޮށްލެވޭ ވަރަކަށް ބަރުދަން ލުއިވާ ކަމަށްވެ އެވެ. ނަމަވެސް ސޯޝަލް މީޑިއާގައި މި ކޮފީއަށް ކޮމެންޓުކުރި ބައެއް މީހުން ބުނަނީ މި ކޮފީ ބޮއިގެން ނުހިކޭ ކަމަށެވެ. އަދި އަނެއް ބަޔަކު ބުނަނީ މި ކޮފީ ބުއިމުން ހަށިގަނޑަށް ގެއްލުން ލިބޭ ކަމަށެވެ. އެހެންވެ މި ކޮފީގެ ފައިދާ އާއި ގެއްލުން އިންޑިއާގެ ބައެއް ތަޖުރިބާކާރުން ކިޔައިދީފައިވެ އެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ކޮފީގައި ސަރުބީ ވިރުވާ ނިޒާމުގެ މަސައްކަތް ހަލުވިކުރާ މާއްދާތަކެއްވެ އެވެ. އަދި ކޮފީ ބުއިމުން މޫޑު ރަނގަޅު ކޮށްލަ އެވެ. އަނެއްކޮޅުން ލުނބޯ ހުތަކީ ބަނޑުހައިކަން ފިލުވާ އެއްޗެކެވެ. ލުނބޯ އެކުލެވޭ ކާނާގެ ކުޑަ އެތިކޮޅަކުން ވެސް ބަނޑުފުރޭ ކަމަށްވެ އެވެ. އަދި ލުނބޮ އަކީ ވިޓަމިން ސީ ހަށިގަނޑަށް ލިއްބައި ދޭން ރަނގަޅު ވަސީލަތެކެވެ.

އިންޑިއާގެ ނާރާޔާނާ ސުޕަ ސުޕެޝަލިޓީ ހޮސްޕިޓަލުގެ ސީނިއާ ޑައިޓީޝިއަން ޑރ. ޕަރްމީތު ކޯރު އިންޑިއާގެ ނޫހަކަށް ވިދާޅުވެފައިވާ ގޮތުގައި ސިޓްރިކް އެސިޑް އާއި ކިރު އެއްކޮށްގެން ތައްޔާރުކުރާ ބުއިންތަކުގައި އެއްވެސް ކަހަލަ ނިއުޓްރިއަންޓެއް ނުހުންނާނެ އެވެ. ނަމަވެސް ކިރު ނާޅާ ކޮފީއަށް ކުޑަ ކުޑަ ލުނބޯ ހުތްކޮޅެއް ފިތާލައިގެން ބޯލުމަކުން ސިއްހަތު ރަނގަޅުކޮށް ތިބޭ އިންސާނުންނަށް ގެއްލުމެއް ނުވާނެ އެވެ. ނަމަވެސް ކިޑްނީގެ މައްސަލަތައް ހުންނަ މީހުން ލެމަން ކޮފީ ބޯކަށް ނުވާނެ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

ޑރ. ޕަރްމީތު އިތުރަށް ވިދާޅުވީ ހޫނު ބުއިންތަކަށް ލުނބޯ ހުތް ޖަހައިގެން ބުއިމުން ބަރުދަން ލުއި ވާނީ އެއަށް ކިރު ނާޅާ ނަމަ އެވެ. އަދި ހަމައެކަނި މިފަދަ ބުއިމެއް ބޮއިގެން ބަރުދަން ލުއި ނުވާނެ ކަމަށާއި މީގެ އިތުރަށް އެމީހެއްގެ ކެއުމަށް ވެސް ބަލަން ޖެހޭނެ ކަމަށެވެ. އަދި ލުނބޯ ހުތާއި ކޮފީ ވަކިން ތައްޔާރުކޮށްގެން ވަކި ވަކި ބުއިންތަކުގެ ގޮތުގައި ބޭނުންކުރުމުގެ ފައިދާ މާބޮޑު ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ. ނަމަވެސް ކޮފީ އާއި ލުނބޯ އެއްކޮށް ލެމަން ކޮފީ ތައްޔާރުކޮށްގެން ބުއިމުން އެއްވެސް ކަހަލަ ފައިދާއެއް ހަށިގަނޑަށް ލިބިދާނެކަމުގެ ސައިންޓިފިކް ހެއްކެއް ނެތްކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

އެކަށީގެންވާ ގޮތަކަށް ބަރުދަން ލުއިކުރަން ބޭނުންވާ މީހުން ސިއްހަތަށް ފައިދާ ހުރި ކެލޮރީ މަދު ކާނާ ކެއުމަށް ޑޮކްޓަރު އިރުޝާދު ދެއްވި އެވެ. އަދި ގަވާއިދުން ކަސްރަތުކުރާނަމަ ރަނގަޅު ނަތީޖާ ފެންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.