ނިއުޒީލަންޑްގެ ބޮޑުވަޒީރު ޖަސިންޑާ އާޑަން ދެކެވަޑައިގަންނަވާ ގޮތުގައި އިންޑޯ ޕެސިފިކް ސަރަހައްދުގައި އެމެރިކާ ހަރަކާތްތެރިވުމަކީ މައްސަލައެއް ނޫނެވެ. އަދި އެކަމަށް މަރުހަބާ ކިޔާ ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.
ބޮޑުވަޒީރު ވިދާޅުވި ގޮތުގައި ދުނިޔޭގެ ބާރުތަކާއެކު ނިއުޒިލެންޑް ރަނގަޅު ގުޅުމެއް އޮވެ އެވެ. އެކަމަނާ ވިދާޅުވީ އިންޑޯ ޕެސިފިކަކީ ޗައިނާއަށް މުހިންމު ސަރަހައްދެއްކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އެހެންނަމަވެސް ބައިނަލްގައަގުވާމީ ހަމަހަމަކަމަށް ބަލާއިރު އެސަރަހައްދަކީ ބިރެއް ނެތި ދަރުތުފުތުރު ކުރެވެން ޖެހޭ ސަރަހައްދަކަށް ވާން ޖެހޭ ކަމަށެވެ.
ޗައިނާއާ އެކު ވަރަށް ރަނގަޅު ގުޅުމެއް އޮންނަ ކަމަށް ވިދާޅުވަމުން ބޮޑުވަޒީރު ވިދާޅުވި ގޮތުގައި މިކަހަލަ ފޯރަމެއްގައި ފާޅުކުރާ އަދި ނިއުޒިލެންޑަށް ފެންނަ ގޮތް ހާމަކުރުމަކުން ޗައިނާއާ އެކު އޮންނަ ގުޅުމަށް އެއްވެސް ކަހަލަ ނުތަނަވަސްކަމެއް ނާންނާނެ އެވެ. އެކަމަނާ ވިދާޅުވީ ޗައިނާ އަކީ އެއަށް ވުރެ މާބޮޑަށް ފުދޭ ގައުމެއް ކަމަށެވެ.
އެމެރިކާގެ އެންބީސީ އަށް އާދީއްތަ ދުވަހު ދެއްވި ބަސްދީގަތުމެއްގައި ޖަސިންޑާ އާޑަން ވިދާޅުވީ އިންޑޯ ޕެސިފިކް ސަރަހައްދުގައި އިގްތިސާދާއި ވިޔަފާރި އަދި ދިފާއީ މުއާމަލާތްތައް ދެމެހެއްޓުމަށް އެމެރިކާއަށް މުހިންމު ރޯލެއް އަދާކުރެވިދާނެ ކަމަށެވެ.
އާޑަން ވިދާޅުވި ގޮތުގައި އިންޑޯ ޕެސިފިކްގައި އެމެރިކާގެ ދައުރު ފުޅާކުރުމަކުން ޗައިނާ އަށް ބިރެއް ނެތެވެ. އެހެން ގައުމުތައް ފަދައިން ޗައިނާ ވެސް އެސަރަހައްދު ބޭނުންކުރަންވީ އެވެ. އެކަމަނާ ވިދާޅުވި ގޮތުން މިފަދައިން ދެކެވޭ ވާހަކަތައް ވިސްނުމުގައި ހުރި ގޮތަށް ހާމަކުރުމަށް ޗައިނާއާ ނިއުޒިލެންޑާ ދެމެދު އޮންނަ ގުޅުން ހުއްދަކުރެ އެވެ.
ދުނިޔެ ކަންބޮޑުވާ ކަމެއްގައި ނިއުޒިލެންޑަށް ބަސް ކިއޭނެކަން ގަބޫލުފުޅު ކުރައްވާ ކަމަށް ޖަސިންޑާ އާޑަން ވިދާޅުވި އެވެ. އެކަމަނާ ވިދާޅުވީ އެއީ އިންސާނީ ހައްގުތަކާއި މަސައްކަތްތެރި ކަމުގެ މައްސަލަތަކެއް ކަމުގައި ވިޔަސް އަދި ތިމާވެށީގެ މައްސަލަތަކެއް ކަމުގައި ވިޔަސް ނިއުޒިލެންޑަށް ފެންނަ ގޮތް ހާމަކުރައްވާނެ އެވެ.
ޗައިނާއާ މަޝްވަރާކުރަން ދަތި އެއްވެސް ކަމެއް ނިއުޒިލަންޑަށް ނެތް ކަމަށްވެސް ޖަސިންޑާ ވަނީ ވިދާޅުވެފަ އެވެ.