ދުނިޔެ

=

އެމެރިކާގައި ޑީޕްސީކް ބޭނުންކުރުން ލިމިޓް ނުވަތަ ހައްދުކުރަނީ އެވެ. ބުނެވޭ ގޮތުގައި އެމެރިކާ ސަރުކާރުގެ އިލެކްޓްރޯނިކް އެއްވެސް އާލާތެއްގައި، ޗައިނާގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޗެޓްބޮޓް -- ޑީޕްސީކް ބޭނުމެއް ނުކުރެވޭނެ އެވެ.

ޑީޕްސީކް މަނާކުރުމަށްޓަކައި މިކަމަށް ހާއްސަ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި މިހާރު ކުރިއަށްދާ ކަމަށްވެސް މީޑިއާތަކުން ބުނެ އެވެ.

ޑީޕްސީކް ނިސްބަތް ވަނީ ޗައިނާ އަށެވެ. މިއީ އެމެރިކާ އަށާއި ހުޅަނގަށް ފޫޅުކެނޑި ގައުމުތަކަށް ވަރަށް ބޮޑު ބިރެކެވެ. މިއަށް ވުރެ ބޮޑު ބިރަކަށްވީ ޑީޕްސީކް ބޭނުންކުރާ މީހުންގެ ޒާތީ މައުލޫމާތު ރައްކާކުރާ ސާވާތައް ޗައިނާގައި ހުރުމެވެ. ޑީޕްސީކް ބޭނުންކުރަން ފެށުމުގެ ކުރިން -- ޕްރައިވަސީ ޕޮލިސީގައި، މި ވާހަކަތައް ކިޔައިދެ އެވެ.

ސައިބާސެކިއުރިޓީ ތަޖުރިބާކާރުން ބުނާ ގޮތުން ގައުމުތަކުން ޖާސޫސްކުރުމަށް ވަކި ކޯޑު މޮޑިއުލެއް، ޑީޕްސީކްގައި ހިމަނާފައިވެ އެވެ. މިއީ އެވްރެޖް މީހަކަށް ދެނެގަނެވޭ ވަރަށް ވުރެ ފުނުގައި ހިންގާ މުއާމަލާތްތަކެއް ކަމަށްވެސް ފަންނީ މާހިރުން ބުނެ އެވެ.

ނަމަވެސް ޗައިނާ ބުނާ ގޮތުން ޑީޕްސީކްއާ ބެހޭ ގޮތުން ދައްކާ ފުލެއް ބިތެއް ނެތް ވާހަކަތަކަކީ އެ ގައުމުގެ އަގުވައްޓާލައި އުފެއްދުންތަކުގައި ފެންވަރެއް ނެތްކަން ދެއްކުމަށް ވާދަވެރިން ހިންގާ އަސާސެއް ނެތް ވާހަކަތަކެކެވެ.

ޗައިނާގައި ޑީޕްސީކްގެ ސާވާތައް ހުއްޓެއް ކަމަކު، އެއްވެސް ބައެއްގެ މަސްލަހަތާ ގުޅުންހުރި މުއާމަލާތަކުން ޖާސޫސެއް ނުކުރާނެ އެވެ.

ޑީޕްސީކް ތައާރަފުކުރުމާ ހަމައަށް މީހުން ބޭނުންކުރަމުން އައި އޯޕަން އޭއައިގެ ޗެޓްޖީޕީޓީ، ގޫގުލްގެ ޖެމިނައި އަދި މައިކްރޮސޮފްޓްގެ ކޯޕައިލެޓް ފަދަ ޗެޓްބޮޓްތަކުގެ މައްޗަށް ޑީޕްސީކް ވަނީ ބާރުގަދަކޮށްފަ އެވެ.

ޗައިނާގެ ޑީޕްސީކުން މި އެޕްލިކޭޝަން ޑައުންލޯޑަށް ދޫކޮށްލުމާ އެކު، އެމެރިކާގައި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެންމެ ގިނައިން ޑައުންލޯޑް ކުރެވުނު އެޕްލިކޭޝަނަކަށް ޑީޕްސީކް ވެގެން ދިޔަ އެވެ.