އިސްލާމް ދީން ނޫން އެހެން ދީންތަކަށް ދިވެހި ފަސްގަނޑުން ޖާގަ ހޯދުމަށް އެކިއެކި ފަރާތް ތަކުން ކުރަމުންދާ މަސައްކަތްތަކާ މެދު ހޭލުންތެރިވުމަށާއި އެކަމާ ދެކޮޅަށް އަބަދުވެސް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭނެ ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ބުނެފި އެވެ.
އެ ޕާޓީން މިހެން ބުނެފައިވަނީ ރާއްޖެ އިސްލާމްވީ ދުވަހާއި ގުޅިގެން ނެރެފައިވާ ބަޔާނެއްގަ އެވެ.
ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގައި މީހުން ވަޒަންވެރިވެގެން އުޅެންފެށީއްސުރެ އަޅުކަން ކުރަމުން އައި އެހެން ދީންތައް ދޫކޮށްލައި ދިވެހިން އިސްލާމްދީން ގަބޫލުކޮށް ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމުގައި ބަލައިގެންފައިވާ ކަމަށެވެ. އެހެންވެ ހަނދާން ކުރަންވީ ކަމަކީ ދިވެހިރާއްޖެ، މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި މިއަދާ ހަމައަށްވެސް ދެމިއޮތުމުގެ އަސްލަކީ މާތްވެގެންވާ އިސްލާމްދީން ކަމެވެ.
ދިވެހީންނަށް ލިބިފައިވާ އެންމެ ބޮޑު ނިއުމަތަކީ އިސްލާމް ދީނުގެ ހިދާޔަތު ކަމަށާ ދިވެހި ގައުމިއްޔަތު ބިނާވެފައިވަނީ އިސްލާމްދީނުގެ މަތިވެރި އުސޫލުތަކުގެ މައްޗަށްކަން ފާހަގަކޮށް ރާއްޖޭގެ ރައްޔިތުންގެ މެދުގައި ޒަމާނުއްސުރެ އުފެދިފައިވާ އަހުވަންތަކަމުގެ ގުޅުމުގެ ރަމްޒަކީ ވެސް އިސްލާމްދީން ކަމަށް ބަޔާނުގައިވެ އެވެ.
"..އެހެންކަމުން އަޅުގަނޑުމެންގެ މެދުގައި މިއޮތް އަހްވަންތަކަމުގެ ގުޅުމުގެ ރޫހު ވަރުގަދަކޮށް އިސްލާމް ދީން ނޫން އެހެން ދީންތަކަށް މި ދިވެހި ފަސްގަނޑުން ޖާގަ ހޯދުމަށް އެކިއެކި ފަރާތް ތަކުން ކުރަމުންދާ މަސައްކަތާއި މެދު ހޭލުންތެރިވެ ތިބެ އެކަމާ ދެކޮޅަށް އަބަދުވެސް އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތް ކުރުންޖެހޭނެ އެވެ،" ސަރުކާރު ކޯލިޝަންގައިވެސް ހިމެނޭ އެމްއާރްއެމްގެ ބަޔާނުގައިވެ އެވެ.