ފައްޔާޒް އިސްމާއީލް

ދުވާފަރާއި ގަމުގައި ޖޮބް ސެންޓަރުތައް ހަދަނީ

ރ. ދުވާރާއި ލ. ގަމުގައި ރީޖެނަލް ޖޮބް ސެންޓަރުތައް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

މިނިމަމް ވޭޖް އިއުލާނު ކުރުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ ޑީސެންޓް ވޯކްގެ ޕްރޮގްރާމް ގާއިމް ކުރުމަކީ މި ސަރުކާރު އަމާޒެއް ކަމަށެވެ. އަދި އެކަން ހާސިލް ކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށެވެ.

އެގޮތުން ވަޒީފާގެ މާހައުލަށް ދިވެހި ތަމްރީނު ކުރުމުގެ ޕްރޮގްރާމްތަކެއް ހަޔާއެޑިއުކޭޝަން މިނިސްޓްރީ މެދުވެރިކޮށް ކޮށްފައިވާނެ ކަމަށާއި ގިނަ ދިރާސާތަކެއް ކޮށް އަމަލީ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ވަޒީފާގެ ބާޒާރަށް ދިވެހި ނެރުމަށްޓަކައި ގިންޖެހުންތައް ދިމާވާ ކަމަށެވެ. " އެކި ފަހަރު އެކި މީހުން އެކި އެކި ވާހަކަ ދައްކަނީ. ވިޔަފާރިތަކުން ބުނަނީ މީހުން ނުލިބޭ ވާހަކަ. ވަޒީފާ އަދާކުރާ މީހުން އެބަ ބުނޭ ވިޔަފާރިތަކުންދޭ އެއްޗެއް ކުޑަ ވާހަކަ. މި ކަހަލަ މައްސަލަތަކެއް ދެ ފަރާތުގައި ވެސް އެބަހުރި." މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ.

ވަޒީފާގެ ފުރުސަތު އޮތްތޯ ބެލޭނެ ޕޯޓަލެއް ރާއްޖޭގައި ނެތުމުން ޖޮބް ސެންޓަރުގެ ޕޯޓަލް އިކޮނޮމިކް މިނިސްޓްރީން ގާއިމްކޮށްފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ ވަޒީފާ ބޭނުންވާ މީހާއަކީ އެ ޕޯޓަލްގައި ރަޖިސްޓްރީވެފައިވާ މީހާ ކަމަށެވެ. އަދި އޭނާ ބޭނުންވާ ވައްތަރެއްގެ ވަޒީފާ ޕޯޓަލްގައި ބުނެލުމުން އެކަން ހަމަޖެހިގެންދާނެ ނިޒާމު ގާއިމްކޮށްފައިވާނެ ކަމަށެވެ.

ޖޮބްޕޯޓަލްގެ ނިޒާމު ގާއިމްކޮށްފައިވީނަމަވެސް ފިޒިކަލް ޖޮބް ސެންޓަރުތަކެއް ރާއްޖޭގައި ހެދުން މުހިންމު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން އަންނަ މަހުގައި ހުޅުމާލޭގައި ޖޮބް ސެންޓަރު ހުޅުވާނެ ކަމަށެވެ. އަދި ދުވާފަރާއި ލ. ގަމުގައި ޖޮބް ސެންޓަރު ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

އޭގެ އިތުރުން ކޮންމެ ކައުންސިލެއްގައި ޖޮބް ޑެސްކެއް ހެދުމުގެ މަސައްކަތް ކައުންސިލްތަކާިއ ގުޅިގެން ކުރުމުގެ މަޝްވަރާތައް ކުރަމުންދާ ކަަމަށް މިނިސްޓަރު ވިދާޅުވި އެވެ.