ރައްޔިތުންގެ މަޖިލިސް

މެންބަރުން ވީއައިޕީ ލައުންޖު ބޭނުންކުރުމަށް 3.6 މިލިއަން ހަރަދުކޮށްފި

Nov 8, 2021
1

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިދިޔަ ތިން އަހަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ވީއައިޕީ ލައުންޖު ބޭނުން ކުރެއްވުމަށް 3.6 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްފި އެވެ.

އަމިއްލަ ފަރާތެއް ކަމުގައިވާ އައިމަން ލަތީފަށް މަޖިލީހުގެ އިދާރާ އިން އެ މައުލޫމާތު ހިއްސާކުރީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މަޖިލީހުގެ މެންބަރުން މިދިޔަ ތިން އަހަރު ވީއައިއޭގެ ވީއައިޕީ ލައުންޖު ބޭނުންކުރި ގޮތުގެ މައުލޫމާތު ހޯދުމަށް މަޖިލީހުގެ އިދާރާ އަށް ހުށަހެޅުމުންނެވެ.

މަޖިލީހުން ހިއްސާކުރި މައުލޫމާތުތައް އައިމަން ވަނީ ސޯޝަލް މީޑިއާގައި އާންމުކުރައްވާފަ އެވެ.

އެ މައުލޫމާތު ތަކަށް ބަލާއިރު 2018 ވަނަ އަހަރު މެންބަރުންނަށް 121،080 ޑޮލަރު ނުވަތަ 1.9 މިލިއަން ރުފިޔާ، 2019 ވަނަ އަހަރު 89،000 ޑޮލަރި ނުވަތަ 1.4 މިލިއަން ރުފިޔާ އަދި 2020 ވަނަ އަހަރު 28،740 ޑޮލަރު ނުވަތަ 444،033 ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

މަޖިލީހުގެ އިދާރާ އިން ހިއްސާކުރި މައުލޫމާތުގައި ބުނެފައިވަނީ ކުރިން މެންބަރުކަން ކުރެއްވި ބޭފުޅުން ވީއައިޕީ ބޭނުންކުރެއްވި ނަމަވެސް އެ ބޭފުޅުންނަށް އެކަމަށް ހަރަދުކޮށްފައި ނުވާނެ ކަމަށެވެ.

މަޖިލީހުގެ މެންބަރުން މިދިޔަ ތިން އަހަރު ވީއައިއޭގެ ވީއައިޕީ ލައުންޖު ބޭނުންކުރި ގޮތް ހާމަކޮށްފައި މިވަނީ ނިމިގެން ދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހާއި މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގެ މެމްބަރުންގެ ތެރެއިން އެންމެ ގިނައިން ވީއައިޕީ ލައުންޖުގެ ހިދުމަތް ހޯދި މެމްބަރުންގެ މައުލޫމާތު ހޯދަން މަޖިލީހުގެ އާންމު ކޮމިޓީން ވެސް ހޯދާފައި ވަނިކޮށެވެ.

މެންބަރުންގެ އާއިލާގެ އިތުރުން މެންބަރުން އިހުތިޔާރުކުރާ ދެ ރަހުމަތްތެރިޔަކަށް ވެސް ވީއައިޕީ ބޭނުންކުރެވޭ ގޮތް ހެދުމަށް ވެސް އާންމު ކޮމިޓީގެ ސިއްރު ބައްދަލުވުމެއްގައި ވަނީ ނިންމާފަ އެވެ. އެކަމަކު މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ވަނީ ކޮމިޓީގެ ނިންމުން ތަންފީޒު ކުރަން ދެކޮޅު ހައްދަވާފަ އެވެ.

އެމްޑީޕީގެ މެޖޯރިޓީ އޮންނަ އެ ކޮމިޓީގެ ނިންމުމަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އަދި އެމްޑީޕީގެ ބައެއް މެމްބަރުންވެސް ވަނީ އެ ނިންމުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ނިމިގެން ދިޔަ 18 ވަނަ މަޖިލީހުގައި ވީއައިޕީގެ ހިދުމަތް ދެމުން އައީ މެންބަރުންގެ އަނބިންނާއި، ފިރިންނާއި، ދަރިންނާއި، މައިންބަފައިންނަށް އެކަންޏެވެ.