ރާއްޖެ ބަނގުރޫޓުވާން ރައްޔިތުންގެ މަޖިލީހުން ޖާގަދީގެން ނުވާނެ ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެ އެވެ.
ޝަރީފް އެފަދައިން ގޮވާލެއްވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ދިޔަ ބަޖެޓުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ނެވެ.
ޝަރީފް ވިދާޅުވީ ބޭކަރު ކަންތައްތަކަށް ހޭދަނުކޮށް ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ކަންތައްތަކަށް އިސްކަންދޭން ޖެހޭ ކަމަށެވެ. އެހެން ނޫންނަމަ ގައުމުން ފެންނަން އެދޭ ބަދަލު ނުފެންނާނެ ކަމަށެވެ. އަދި ދަރަންޏަށް ފައިސާ ނަގައިގެން މަޝްރޫއުތައް ކުރިއަށް ގެންދަން ވެއްޖެނަމަ ގައުމުގެ ފޮރިން ކަރަންސީ ހުސްވެ އެތެރެކުރަން ޖެހޭ ކާޑު ފަދަ މުހިންމު ބާވަތްތައް އެތެރެކުރުމަށް ދަތިވެދާނެ ކަމަށެވެ.
ދުނިޔޭގެ އިގްތިސާދަށް އަންނަމުންދާ ބަދަލުތަކާއެކު ސެންޓްރަލް ބޭންކުތަކުން ލޯނު ދޫކުރާ އުސޫލުތައް ހަރުކަށިކުރަމުންދާ އިރު ކުރިން ނެގިހާ ފަސޭހައިން ލޯނުތައް ނުނެގޭނެކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ. އަދި އޭރުން ދެން މިސްރާބު ޖަހަން ޖެހޭނީ ކޮމާޝަލް މާކެޓަށް ކަމަށާއި އޭރުންވެސް އެ ފައިސާ ދެއްކޭނެކަމުގެ ޔަގީންކަން ނުދެވޭނަމަ ފައިސާ ހޯދަން ދަތިވާނެ ކަމަށެވެ.
"ބަޖެޓުގައި އެބަހުރި ކަންބޮޑުވާން ޖެހޭ ގިނަ މައްސަލަތަކެއް. އަޅުގަނޑުމެންނަކަށް ސަތޭކަ ބިލިއަން ރުފިޔާގެ އެކިއުމުލޭޓެޑް ދަރަނި، އެއީ ދިވެހިރާާއްޖެއަށް ބަރުދާސްތު ކުރެވޭނެ ކަންކަމެއް ނޫން. ރާއްޖޭގެ އިގުތިސާދަށް، އެއީ އުފުއްލޭ ވަރަށް ވުރެ މާބޮޑުު ބުރައެއް." އޭނާ ވިދާޅުވި އެވެ.
ޝަރީފް އިތުރަށް ވިދާޅުވީ ރާއްޖެއަށް ފަތުރުވެރިން އައި މިންވަރު މި އަހަރު އިތުރުވި ނަމަވެސް ދައުލަތަށް ލިބުނު އާމްދަނީ އިތުރުނުވާ ކަމަށެވެ. އަދި އަވަށްޓެރި ގައުމަކަުން ކަރަންޓީނުވުވުމުގެ ބޭނުމުގައި ރާއްޖެއަށް 300،000 މީހުން ފަތުރުވެރިންގެ ގޮތުގައި އައި ނަަމަސް ޑޮލަރުގެ ސިފައިގައި އެ ނަންބަރުތައް ފެންނަން ނެތް ކަމަށެވެ.
"އަޅުގަނޑުމެން ހިސާބުތަކަށް ބަލައިގެން ބަލައިގެން ވިޔަކޮށްގެން ޖެހޭނީ އަޅުގަނޑުމެންނަށް ލިބޭ އާމްދަނީއަކުން އަޅުގަނޑުމެން ކުރަން މިއުޅޭ ކަންކަމަކާ އިސްކަން ދޭން ޖެހޭ ތަރުތީބުތައް ކަނޑައަޅައި އެކަމުގެ މައްޗަށް ރިއާޔަތްކޮށްގެން ކަންތައްކުރަން ޖެހޭނީ. މި ގައުމު ގައުމެއްގެ ސިފައިގައި ބަނގުރޫޓުވާކަށް މި މަޖިލީހުން ޖާގަދީގެން ނުވާނެ. އަދި ހަމަ އެއާއެކު މި ބަޖެޓު ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކުރާ މަސައްކަތަކަށް މި މަޖިލީހުން ތަރުހީބު ދީ އެއްބާރުލުން ދޭން ޖެހޭނެ." ޝަރީފް ވިދާޅުވި އެވެ.
މިސަރުކާރުގެ ދިފާއުގައި ވަރަށް ބޮޑަށް ވަކާލާތު ކުރައްވާ ބޭފުޅެއް ކަމަށްވާ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ގަބޫލުކުރައްވާ ގޮތުގައި ކޮންމެ އަހަރަކު ބަޖެޓްގައި އަދަދުތަކެއް ޖެހިނަމަވެސް އެގޮތަށް ކަންކަން ތަންފީޒުވެގެނެއް ނުދެ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ތިން އަހަރުގައި ހުށަހެޅި ދައުލަތުގެ ބަޖެޓުތަކުގައި ވެސް އާމްދަނީ ހޯދުމަށާއި ދަރަނި ކުޑަކުރަން ކުރާނެ ކަމަށް ބުނި ގިނަ ކަންކަން ނުވެ ހުރިކަން ޝަރީފް ފާހަގަކުރެއްވި އެވެ. އެހެންކަމުން ޝަރީފް ހުށަހަޅުއްވަނީ ހަމައެކަނި ދައުލަތުގެ މާލިއްޔަތުން ހޭދަކޮށްގެން ކުރެވޭ ވަރުގެ ކަންކަން އެކަނި އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުމަށެވެ.
"ތަންފީޒު ނުވާ އެތައް ކަމެއް މި ބަޖެޓްގައި ޖެހުމަށް ވުރެ ތަންފީޒު ވާނެ ދައުލަތުގެ މާލިއްޔަތަށް ކުރެވޭ އެންމެ ކަމެއް ތެދުވެރިކަމާއެކު ބަޖެޓްގައި ހިމަނާ ގޮތަށް، މިފަހަރު ބަޖެޓް ފާސްކުރަން ވާނީ،" ބަޖެޓް ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި ޝަރީފްގެ ހިޔާލު ހުރި ގޮތް ހިއްސާކުރައްވަމުން ވިދާޅުވި އެވެ.
ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި މިއަދު މަޖިލީހަށް ހުށަހަޅާފައިވަނީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓުން އަންނަ އަހަރު 34 ބިލިއަން ރުފިޔާ ހަރަދުކުރުމަށް ނިންމާފައިވާއިރު އޭގެތެރެއިން ރިކަރަންޓް ހަރަދުގެ ގޮތުގައި 24.8 ބިލިއަން ރުފިޔާ ހަރަދުކުރުމަށް ނިންމާފައިވެ އެވެ.