އެމެރިކާގެ ކުރީގެ ރައީސް ޖިމީ ކާޓާ ކެންސަރަށް ހޯއްދެވި ފަރުވާގެ ސަބަބުން، ސިކުނޑީގެ ޓިޔުމަރު އެކީ ނެތިގެން ހިނގައްޖެ ކަން އޭނާ މިއަދު އިއުލާން ކުރައްވައިފި އެވެ.
އުމުރުފުޅުން މިހާރު 90ގެ އަހަރުތައް ގުނުއްވަމުން ގެންދަވާ ކާޓާ ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވާ ކަން އިއުލާން ކުރެއްވީ މީގެ ހަތަރު މަސް ކުރިންނެވެ. އެމެރިކާގެ 30 ވަނަ ރައީސް ކާޓާ ކެންސަރު ބަލީގެ މައުލޫމާތު ހިއްސާ ކުރައްވަމުން އޭރު ވިދާޅުވެފައި ވަނީ އެބަލި އޭނާގެ ހަށިގަނޑުގެ އެތައް ތަނަކަށް ފެތުރިފައިވާ ކަމަށާއި ބަލި ހުރިކަން އެނގުނީ ލިވާގެ އޮޕަރޭޝަނެއް ކުރުމުގެ ތެރޭގައި ޑޮކްޓަރުންނަށް ކަމަށެވެ. އެ ބަލީގެ ފަރުވާ ފެއްޓެވި ފަހުން މިދިޔަ މަހު މައުލޫމާތު ހާމަ ކުރައްވަމުން ކާޓާ ވިދާޅުވެފައި ވަނީ، ކެންސަރަށް ކުރާ ފަރުވާ ގައި ހަށިގަނޑަށް ލުޔެއް ލިބި ބަލި ފަސޭހަވަމުން އަންނަ ކަމަށެވެ.
ޖޯޖިއާގެ ސްކޫލެއްގައި އޭނާ މިއަދު ދެއްވި ތަގުރީރެއްގައި މި ހައިރާން ކުރުވަނިވި ހަބަރު އިއުލާން ކުރެއްވުމާ އެކު އެތައް ބަޔަކީ މި ވަނީ ސިހުން ލިބިފަ އެވެ. އަދި ކެންސަރާ ދެކޮޅަށް ހަނގުރާމަ ކުރާ އެތައް ބަޔެއްގެ އުންމީދުތައް ވެސް މި ވަނީ އާކޮށްދީފަ އެވެ.
އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީ އަށް ނިސްބަތްވެ ވަޑައިގަންނަވާ ކާޓާ އަށް ރައީސްގެ ގޮތުގައި ފުރިހަމަ ކުރެއްވުމަށް ލިބިވަޑައިގަތީ ހަތަރު އަހަރުގެ އެންމެ ދައުރެކެވެ. ދެ ވަނަ ދައުރަކަށް އިންތިހާބުވެ ވަޑައިގަތުމަށް ޕާޓީ ވެސް މާ ބޮޑު ތާއީދެއް ނެތި ރިއާސީ ރޭހަށް ނުކުމެ ވަޑައިގެންނެވި ކާޓާގެ ވެރިކަން ނިމުމަކަށް ގެންނެވީ ރިޕަބްލިކަން ޕާޓީގެ ރޮނަލްޑް ރޭގަން އެވެ.
އެމެރިކާގައި 1977 ވަނަ އަހަރުން ފެށިގެން 1981 ވަނަ އަހަރާ ހަމަ އަށް ރައީސްކަން ކުރެއްވި ކާޓާ އަށް ވަނީ އެ ބޭފުޅާގެ ކާޓާ ސެންޓަރު ޖަމިއްޔާ މެދުވެރިކޮށް އިންސާނީ ހައްގުތަކަށް ކުރައްވަމުން ގެންދަވާ ހިދުމަތުގެ ތެރެއިން 2002 ވަނަ އަހަރު ނޮބެލްގެ ސުލްހައިގެ އިނާމު ވެސް ލިބިވަޑައިގެންފަ އެވެ.