އައިޖީއެމްއެޗް

އައިޖީއެމްއެޗުން ލޭގެ ޓެސްޓް ނުހެދޭ

އައިޖީއެމްއެޗް އިން ލޭގެ ޓެސްޓް ހެދުން ހުއްޓުމަކަށް އައިސްފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

ހޮސްޕިޓަލުން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އައުޓްޕޭޝަންޓް ލޭގެ ޓެސްޓް ހަދަން ބޭނުންކުރާ އެލިނިޓީ ސީއެލް މެޝިންތަކަށް އިއްޔެ ދިމާވި މައްސަލައަކާއި ގުޅިގެން ހިދުމަތް ވަގުތީ ގޮތުން މެދުކެނޑިފައިވާ ކަމަށެވެ. އަދި މިއީ ކުރިން ދިމާވެދާނެ ކަމަށް ލަފާކުރެވިފައި ނެތް މައްސަލައެއް ކަމަށް ވެސް އައިޖީއެމްއެޗުން ވަނީ ބުނެފަ އެވެ.

އެހެންކަމުން މިއަދުން ފެށެގެން ދިމާވެފައިވާ މައްސަލަ ހައްލު ކުރެވެންދެން ލޭގެ ޓެސްޓް އަދި އެހެން ހޮސްޕިޓަލްތަކުން ފޮނުވަމުން ދިޔަ ލޭގެ ޓެސްޓްތައް ހެދުން ހުއްޓާލައިފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

މީގެ އިތުރުން އިއްޔެ ނެގުނު ލޭގެ ސާމްޕަލްތަކުގެ ޓެސްޓްތައް ވެސް ހެދިފައި ނުވާ ކަމަށާއި ނަމަވެސް މި ހިދުމަތް ލިބޭ އެހެން ލެބޯޓަރީތަކުން ޓެސްޓް ހެދުމުގެ ފުރުސަތު އޮންނާނެ ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފަ އެވެ.

މެޝިންތަކަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް އެ ހޮސްޕިޓަލުންގެ ޓެކްނިކަލް ޓީމުން ހުއްޓުމެއްނެތި މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.