ފިލްމު އެސޯސިއޭޝަންގެ ވައިސް ޗެއާޕާސަންގެ މަގާމުގައި ހުރި މަޝްހޫރު ބަތަލާ، ނިއުމާ މުހައްމަދު އެ މަގާމުން އިސްތިއުފާ ދީފި އެވެ.
މިކަން ފިލްމު އެސޯސިއޭޝަނުން ކަށަވަރުކޮށް ނުދިޔަސް ނިއުމާގެ ރަސްމީ ފޭސްބުކް ޕޭޖުގައި އޭނާ ދަނީ، އިސްތިއުފާ ދީފި ކަމަށް ބުނެ ވާހަކަ ދައްކަމުންނެވެ. އަދި އިތުބާރުހުރި ފަރާތުން އެނގިފައިވާ ގޮތުން ނިއުމާ ވަނީ އޭނާގެ އިސްތިއުފާގެ ސިޓީ ފިލްމު އެސޯސިއޭޝަންގެ ބޯޑްގެ މެމްބަރަކާ ވެސް މިހާރު ހަވާލުކޮށްފަ އެވެ.
އޭނާގެ ފޭސްބުކްގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު ފިލްމު އެސޯސިއޭޝަނާ މެދު ނިއުމާ ހިތްހަމަނުޖެހިގެން އުޅެނީ އޭނާއާ ގުޅޭ ގޮތުން "އަވަސް" ގައި އިއްޔެ ޖެހި އާޓިކަލްއަކާ ގުޅިގެން އެކަން ކުށްވެރިކޮށް އަދި ނިއުމާގެ ދިފާއުގައި ފިލްމު އެސޯސިސޭޝަނުން އެއްވެސް އެއްޗެއް ބުނެފައި ނުވާތީ އެވެ.
"މަ އިސްތިއުފާ ދީފިން. ނުވާނެ މަށަކަށް މި ވަރުން. ނުވާނެ އެއްކަމެއް ވެސް. ހުސް އަނގަ ފޮނި،" އެސޯސިއޭޝަންގެ މަގާމުން އިސްތިއުފާ ދީފި ކަމަށް ބުނެ ދެއްކި ވާހަކައިގެ ތެރެއިން ނިއުމާ ބުނެފައިވެ އެވެ.
އެނގިފައިވާ ގޮތުގައި ނިއުމާ އާއި ފިލްމު އެސޯސިއޭޝަންގެ އެހެން މެމްބަރުން ވެސް ދަނީ އެމީހުންގެ ހިމާޔަތުގައި އެސޯސިއޭޝަނުން އެއްޗެއް ނުބުނާތީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
"އަވަސް" އާ މެދު ހިތްހަމަނުޖެހިގެން ނިއުމާ ސޯޝަލް މީޑިއާގައި ފާޑުކިޔަމުން ދަނީ އެ ލިޔުމުގައި އޭނާގެ ކެރިއަރުގެ ހައިލައިޓްސްތައް ގެނެސްދީފައިވާއިރު "ހުދު ބަލީގެ" ވާހަކަ ވެސް ފާހަގަކޮށްފައިވާތީ އެވެ. ނިއުމާ އަށް ހުދު ބަލި ޖެހުމަކީ އޭނާގެ ފިލްމީ ހަޔާތަށް ކުރިމަތިވި ހުރަހެއް ކަމަށް ބުނެފައިވާތީ އޭނާ އާއި އޭނާގެ ގާތް ފަރާތްތަކުން އަދި ސަޕޯޓަރުން ދަނީ ވަރަށް ބޮޑަށް ނުހުރުން ފާޅުކުރަމުންނެވެ.
މޯލްޑިވްސް ފިލްމު އެސޯސިއޭޝަންގެ ވައިސް ޗެއާޕާސަން ކަމަށް ނިއުމާ އިންތިޚާބުވީ އެންމެ ފަހުން ބޭއްވި، އެސޯސިއޭޝަންގެ އިންތިޚާބުންނެވެ.