އެކި ދާއިރާތަކުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ތަފާތު ކުރާކަަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ފާޑިކިޔުން އަމާޒުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓާ ގުޅޭގޮތުން މިއަދު މަޖިލީހުގައި ކުރިއަށްދިޔަ ބަހުސްގައި ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް ވިދާޅުވީ މިދިޔަ އަހަރު ބަޖެޓު ފާސް ކުރީ ވަރަށް ފޮނި އުއްމީދުތަކާއެކު ކަމަށާއި ނަމަވެސް މިއަހަރު ނިމެން ކައިރިވީ އިރުވެސް ފެނުނީ އޭނާ ނިސްބަތްވާ ކަނޑިތީމުގެ ދާއިރާއަށް އިހުމާލުވެފައި އޮތް މަންޒަރު ކަމަށެވެ.
އެހެންކަމުން މިހާރު ރާއްޖޭގައި މިހާރު އޮތް ރިޔާސީ ނިޒާމުން ބަރުލަމާނީ ނިޒާމަކަށް ދާން ޖެހޭ ސަބަބު ބަޖެޓުން ވަރަށް ރީއްޗަށް ސާފުވެގެން ހިނގައްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއީ ރައްޔިތުންނަށް ޖަވާބުދާރީވާންނުޖެހޭ ބަޔެއްގެ އަތް މައްޗަށް މިކަންކަން ދޫކޮށްލަންޖެހުމުގެ ނަތީޖާ މިއަދު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ. މި އިއްޒަތްތެރި[މެމްބަރުން] ނަށް ބާރެއް ނެތް ގޮތަށް ކަންކަން އޮތުމުގެ ނަތީޖާ މިއަދު ފެނިގެން މިދަނީ" ޝަހީމް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ މެމްބަރުން މިހާތަނަށް ވެސް މަސައްކަތް ކުރަމުން ދިޔައީ މަޖިލީހުގައި ވަރަށް ފުރިހަމައަށް ބަހުސްކޮށް ރައްޔިތުންގެ އެދުމުގެ މަތިން ކަންކަން ބަޖެޓުގައި ޖެހުމަށްފަހު އެކަން ތަންފީޒުކުރަން ކަމަށެވެ. އެހެން ނަމަވެސް މިއަދާ ހަމައަށް ވެސް މިދިޔައަހަރުގެ ބަޖެޓުގައި ހުރި ކަންކަން ތަންފީޒުނުވެ އެކަމުގެ އަމަލީ މަސައްކަތް ނުފެށި އަސާސީ ހައްގުތައް ކަށަވަރުނުކުރެވިގެން ދިއުމުން ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
"އަޅުގަނޑުމެންނަށް މި އުޅެނީ ފެނާއި ނަރުދަމާ ކަނޑިތީމު ރައްޔިތުންނަށް ހޯދައި ނުދެވިގެން" ޝަހީމް ވިދާޅުވި އެވެ.
ޝަހީމްއެކޭ އެއްްފަދައިން އެކި ދާއިރާތަކުގައި ތަފާތުކުރުންތައް ގެންގުޅޭ ކަމަށް ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު ވެސް މިއަދު ތުހުމަތު ކުރެއްވި އެވެ.
އޭނާ ވިދާޅުވީ ބަޖެޓު ތަންފީޒުކުރުމާއި ޖަވާބުދާރީ ވުމުގައި މިހާރަށް ވުރެ ރަނގަޅުވާން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ ބަޖެޓު ކިތަންމެ ފުރިހަމަކޮށް އެކުލަވާލި ނަމަވެސް ބަޖެޓު ތަންފީޒުކުރުމުގައި އެކި ދާއިރާތަކަަށް ބޮޑެތި ތަފާތުކުރުންތައް ގެންގުޅޭ ކަމަށެވެ.
"އެއީ އަޅުގަނޑުގެ ވަރަށް ބޮޑު މައްސަލައެއް. ތަފާތުކުރުން. އެކި ދާއިރާތައް އެކި ލެވަލްގައި ތަފާތު ގެންގުޅުން އެއީ މި ސަރުކާރުން ގެންގުޅޭ ވަރަށް ދޯހަޅި ސިޔާސަތެއް." ޒާހިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮވިޑްގެ ބަލި މަޑުކަމުގައު ނުކުރެވޭނެ ކަންތައްތައް ހުންނާނެކަމަށް ގަބޫލުކުރައްވާ ކަމަށާއި ނަމަވެސް ކުރެވޭ ކަންތައްތައް ކުރަން ޖެހޭނީ ހުރިހާ ދާއިރާއަަކަށް އެއް މިންގަނޑަކުން ކަމަށެވެ.
އެގޮތުން އޭނާ ނިސްބަތްވާ ގައްދޫ ދާއިރާ ގދ. ވާދޫ ސްކޫލުގެ ހާލަތު ބަދަލުކުރަން ފާއިތުވި ތިން އަހަރުވެސް މާބޮޑު ބަދަލެއް ނުގެނުުވުނު ކަމަށެވެ. އެގޮތުން މިދިޔަ އަހަރުވެސް އެ ސްކޫލުގައި ހަތަރު ކްލާސްރޫމާއި މަލްޓި ޕާޕަސް ހޯލެއް އަޅަން ބަޖެޓު ކުރި ކަމަށާއި އަދި އެކަން ނުނިމި މިއަހަރުވެސް ބެޖެޓުގައި ހިމެނިއިރު އެ މަޝްރޫއަށް ކަނޑައެޅި ފައިސާ މާކުޑަ ކަަމަށެވެ. އަދި ވާދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް އަދިވެސް ނުފެށޭތީ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.