ފުވައްމުލައް

ފުވައްމުލަކު ބަނދަރުގެ މައްސަލަ ހައްލުކޮށެެއް ނުދެވޭ: ހުސައިން

ފުވައްމުލަކު ސިޓީގެ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށް އެ ބަނދަރު ބޮޑު ކުރަން ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ދީދީ ގޮވާލައްވައިފި އެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓާ ގުޅޭ ގޮތުން މިއަދު މަޖިލީހުގައި ކުރިއަށް ދިޔަ ބަހުސްގެ ތެރެއިން އޭނާ ވިދާޅުވީ ފުވައްމުލަކު ބަނދަރު ބޮޑު ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެއް ކަމަށާއި އަދި 13،000 މީހުންގެ އާބާދީއަކާ ބަލާއިރު ފުވައްމުލަކު ބަނދަރު މާ ކުޑަ ކަމަށާއި އެ ސިޓީގައި މިހާރު އޮތް ބަނދަރަކީ 300 އެއްހާ މީހުންގެ އާބާދީތައް އޮންނަ ރަށްރަަށުގެ ބަނދަރުތަކާ އެއްވަރުގެ ބަނދަރެއް ކަމަށެވެ.

އޭނާ ވިދާޅުވީ ބަނދަރުގެ މައްސަލަ ހައްލު ކުރަން 2020 ވަނަ އަހަރާއި މިއަހަރުގެ ބަޖެޓުގައި ވެސް ހިމެނި ކަމަށެވެ. ނަމަވެސް އެއްވެސް އަލިމަގެއް ނުފެނުނު ކަމަށެވެ.

"އެކަމަށް މިހާތަނަށް އައިއިރު އަލިމަގެއް ފެނިފައެއް ނެތް. އަޅުގަނޑު އުއްމީދުކުރަނީ 2022 ވަނަ އަހަރުގައި ޕްލޭނިން މިނިސްޓްރީން މި ކަންތައްތަކަށް ރިއާޔަތް ކުރައްވާ އިސްނަންގަވައިގެން ފުވައްމުލަކު ބަނދަރުގެ މިހާރު ދިމާވެފައިވާ ގޮންޖެހުމަށް ހައްލެއް ހޯދައިދޭނެ ކަމަށް." ހުސެއިން ވިދާޅުވި އެވެ.

މިދިޔަ ހަފްތާގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ފުވައްމުލަކުގެ ބަނދަރު އަޕް ގްރޭޑް ނުކުރެވިގެން އުޅެނީ އެ ބަނދަރު ބޮޑުކުރަން ގޮއްވަން ޖެހޭތީ ދިމާވާ މައްސަލަތަކާ ހެދި ކަމަށެވެ. އަދި އޭގެ ސަބަބުން ލިބިދޭން ގެއްލުންތަކާ ގުޅޭ ގޮތުން ޓެކްނިކަލް ހައްލެއް އަދި ނުލިބޭ ކަމަށެވެ.

ފުވައްމުލަކަށް ދިވާވެފައިވާ އެހެން މައްސަލަތައް ވެސް ހުސެއިން މިއަދު މަޖިލީހުގައި ފާހަގަ ކުރެއްވި އެވެ. އެގޮތުން ފުވައްމުލަކުގައި މަސް ކިރޭނެ ގޮތެއް ނެތުމުން ކަންބޮޑުުވުން ފާޅުކުރެއްވި އެވެ. ވިދާޅުވީ ބެޖެޓުގެ ކޮމިޓީ މަރުހަލާގައި އެކަމަށް ހައްލެއް ހޯދަން ކޮންމެވެސް މިންވަރެއް ބަޖެޓުގައި ހިމަނާނެ ކަަމަށް އުއްމީދު ކުރައްވާ ކަަމަށެވެ.

ފުވައްމުލަކު ހޮސްޕިޓަލަކީ ސަބް ސްޕެޝިލިޓީ ހޮސްޕިޓަލަކަށް ހެދުމަށް ރައީސް ސޯލިހު ވައުދުވެވަޑައިގެންނެވި ގޮތަށް އެކަން ވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ހުސެއިން ވިދާޅުވި އެވެ.

ފުވައްމުލަކު ހޮސްޕިޓަލުގެ ހިދުމަތްތައް އިތުރަށް ތަަރައްގީކުރަން 10.6 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައި ވެއެވެ. އެެހެން ނަމަވެސް އެ ހޮސްޕިޓަލު ސަބްސްޕެޝިލިޓީ ހޮސްޕިޓަލެއްގެ ގޮތުގައި އަންނަ އަހަރު ކެނޑައެޅިގެންދާނެ ކަމާމެދު ހުސެއިން ސުވާލު އުފެއްދެވި އެވެ.

"އަޅުގަނޑު ހިތާމައާއެކު ފާހަގަކޮށްލަން ބޭނުންވޭ މިހާ ހިސާބަށް އައިއިރުގައި އަދި ސަބްސްޕެޝިލިޓީ ހޮސްޕިޓަލެއް ފުވައްމުލަކުގައި އިންނާނެ ކަމަށް ޕޮލިސީ ލެވަލްގައި ކަނޑައަޅާފައެއް ނެތް. ބަޖެޓުގައި މި އިންނަނީ ހޮސްޕިޓަލުގެ އާ އިމާރާތް. ސަރުކާރުގެ ޕޮލިސީ ލެވެލްގެ ބޭފުޅުންނާ މިހާތަނަށް ދެކެވުނު ވާހަކައަކުން އަދި މިހާތަނަށް ހައްލެއް ލިބިފައެއް ނެތް." ހުސެއިން ވިދާޅުވި އެވެ.