ކޮންމެ ފަހަރަކު ފައިސާ ޗާޕު ކުުރުމަކީ ރާއްޖެއަށް އޮތް ހައްލެއް ނޫން ކަަމަށް ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ދީދީ ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ އެސްއޯއީ ކޮމެޓީގެ ނައިބު މުގައްރިރު އަދި އެކައުންޓްސް ދާއިރާއިން ތައުލީމް ހާސިލް ކުރައްވާފައިވާ ހުސެއިން މިހެން ވިދާޅުވީ ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމުގެ ގޮތުން ފައިސާ ޗާޕް ކުރަން މާލިއްޔަތު ކޮމިޓީން ނިންމި ނިންމުމާ ގުޅޭ ރިޕޯޓަށް މިއަދު މަޖިލީހުގައި ކުރި ބަހުސްގައި ބައިވެރިވެ ވަޑައިގެން ދެއްކެވި ވާހަކަފުޅުގަ އެވެ.
ހުސެއިން ވިދާޅުވީ މަޖިލީހުން ދައުލަތުގެ ބަޖެޓު ފާސްކޮށް ސަރުކާރާ ހަވާލުކުރާ އިރު ފިނޭންސް މިނިސްޓްރީން ބޭރުން ހޯދާނެ ކަމަށް ޖަހާފައި ހުންނަ ފައިސާގެ އަދަދުތައް ރަަނގަޅަށް، ހަމައަށް އެ އޮންނަ ވަގުތުތަކުގައި ހޯދަން ޖެހޭ ކަމަށާއި އަންނަ އަހަރު ސަރުކާރުގެ ކުންފުނިތައް ޕްރައިވެޓައިޒް ކޮށްގެން 700 މިލިއަނެއްހާ ރުފިޔާ ހޯދަން ބަޖެޓުގައި ހިމަނާފައި ވާއިރު އެ ފައިސާ ހޯދަން ކަނޑައަޅާ މުއްދަތުގެ ތެރޭގައި މަސައްކަތްކޮށް އެ ފައިސާ ހޯދަން ޖެހޭނެ ކަމަށެވެ.
"އެހެން ނޫނިއްޔާ ހަމަ އަބަދުވެސް މި މަނީ ޕްރިންޓިންއަކީ [ފައިސާ ޗާޕް ކުރުމަކީ] ހައްލު ކަމަށް ދެކޭތަން އަންނާނީ، އެއީއަކީ ރަަނގަޅު ގޮތެއް ނޫން. އެހެންވީމާ ކުރު މުއްދަތުގެ ކޭޝް ފްލޯތައް ހަމަޖެއްސުމަށް އެ ކަންތައްތަކަށް ވެސް ރަނގަޅަށް ބަލައިގެން ހޯދަން ޖެހޭ ފައިސާ ކުރިއާލައި ޕްލޭން ކޮށްގެން ބަޖެޓުގަިއ ލިޔާ ގޮތަށް އެ ކަންތައްތައް ތަންފީޒުކުރަން ޖެހޭ. އެހެން ނޫނީ ކޮންމެ ފަހަރަކު މިގޮތަށް ބަޖެޓު އައިސްގެން ފާސް ކުރަން ޖެހޭ އިރު ކުރަން ޖެހޭ ހަރަދުތަކެއް ނުކުރެވޭ. މި ކަންކަން ދިމާވުމަކީ އެއީ އަޅުގަނޑަށް ތާއީދު ކުރެވޭ ކަމެއް ނޫން." ހުސެއިން ވިދާޅުވި އެވެ.
އެހެން ނޫނިއްޔާ ހަމަ އަބަދުވެސް މަނީ ޕްރިންޓިންއަކީ ހައްލު ކަމަށް ދެކޭތަން އަންނާނީ، އެއީއަކީ ރަަނގަޅު ގޮތެއް ނޫން. އެހެންވީމާ ކުރު މުއްދަތުގެ ކޭޝް ފްލޯތައް ހަމަޖެއްސުމަށް ރަނގަޅަށް ބަލައިގެން ހޯދަން ޖެހޭ ފައިސާ ކުރިއާލައި ޕްލޭން ކޮށްގެން ބަޖެޓުގަިއ ލިޔާ ގޮތަށް އެ ކަންތައްތައް ތަންފީޒުކުރަން ޖެހޭ،ހުސައިން މުހައްމަދު ދީދީ | ފުވައްމުލަކު މެދު ދާއިރާ
އަންނަ އަހަރުގެ ބަޖެޓުގައި ރިކަރަންޓު ހަރަދުގެ ގޮތުގައި 24 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު އާމްދަނީގެ ގޮތުގައި 21 ބިލިއަން ރުފިޔާ ޖަހާފައި ވެއެވެ. ހުސެއިން ވަނީ އެކަމާ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ. ވިދާޅުވީ އެ ނޫން ގޮތަކަށް ރާއްޖޭގެ އިގްތިސޯދު ބައްޓަން ކުރެވޭނެ ގޮތެއް ހޯދަން ޖެހޭނެ ކަމަށެވެ.
"އެހެން ނޫނީ ފައިސާ ދެއްކޭނެ ގޮތެއް ނެތިގެން އަނެއްކާ ވެސް ފައިސާ ޗާޕް ކުރާނީ... އަނެއްކާ ފައިސާ ޗާޕް ކޮށްގެން އިންފްލޭޝަން އައިސްގެން އުޅޭނީ... އެހެންވީމާ މިއީކީ އެންމެ ރަނގަޅަށް ކަންކަން ކުރެވޭނެ ނިޒާމެއް ނޫން. އެބަޖެހޭ މި ނޫން ގޮތަކަށް ހައްލު ހޯދަން." ހުސެއިން ވިދާޅުވި އެވެ.
ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން ދައުލަތުގެ ހަރަަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތައް ސަސްޕެންޑް ކުރީ މިދިޔަ އަހަރު އޭޕްރީލް މަހު އެވެ. އަދި މި އަހަރު ވަނީ އެ މުއްދަތު އަންނަ އަހަރުގެ އޭޕްރީލް މަހާ ހަމަ އަށް އިތުރު ކޮށްފަ އެވެ. އަދި އެ މުއްދަތު އަންނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް އިތުރު ކޮށްދިނުމަށް ފިނޭންސް މިނިސްޓްރީން ވަނީ މަޖިލީހަށް ހުށަހަޅާފަ އެވެ.
އެ މައްސަލަ ދިރާސީކުރި މާލިއްޔަތު ކޮމިޓީން ފިނޭންސް މިނިސްޓްރީއާއެކު މަޝްވަރާ ކުރުމަށް ފަހު ބަދަލުތަކާއެކު އޯވާ ޑްރޯގެ މުައްދަތު އިތުރުކޮށްދޭން މިހާރު ވަނީ ފާސްކޮށްފަ އެވެ. ކޮމިޓީން ނިންމީ އަންނަ އަހަރުގެ ޖެނުވަރީ އެއްވަނަ ދުވަހުން ފެށެގެން 2023 ވަނަ އަހަރުގެ ޑިސެމްބަރު 31 ވަނަ ދުވަހާ ހަމައަށް ޕަބްލިކް ބޭންކުން އޯވަޑްރޯ ކުރެވޭނެ ލިމިޓަކީ 2.5 ބިލިއަން ރުފިޔާ ކަމުގައި ކަނޑައެޅުމަ ށެވެ.