ބޭރު ކުޅިވަރު

ބަލިވީ ނުކުޅެވިގެން: ކްލޮޕް

އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ ނިއުކާސަލް އަތުން ލިވަޕޫލް ބަލިވީ އެކަށީގެންވާ ކަމަށް ނުކުޅެވިގެން ކަމަށް ލިވަޕޫލްގެ ކޯޗު ޖާގަން ކްލޮޕް ބުނެފި އެވެ.

މެޗަށް ފަހު އޭނާ ބުނީ 1-0އިން ނިއުކާސަލް ކުރީގައި އޮއްވައި ލިވަޕޫލްގެ އަލްބާޓޯ މޮރޭނެ ޖެހި ގޯލު ރެފްރީ ގަބޫލުނުކުރީ ކަމަށެވެ.

"އަހަންނަށް މެޗުގެ ގޯސް ޕޮއިންޓްގައި ވެސް ހިފިދާނެ. އެ ގޯލު ގަބޫލުކުރިނަމަ 1-1ވާނެ. އަދި ނަތީޖާ ވެސް ބަދަލުވެދާނެ. އެކަމަކު މިމެޗުން އަހަރުމެންނަށް ޕޮއިންޓެއް ހައްގު. އެއަށްވުރެ އިތުރަށް ލިބޭކަށް ނުޖެހޭ. އެއީ އަހަރުމެން ތިބީ މެޗުތެރޭގައެއްނޫން ގިނަ ވަގުތު. އަހަރުމެންނަށް އެޓޭކިންގައި ވެސް އެވަރަށް މަސައްކަތް ނުކުރެވުނު. ނިއުކާސަލް ވަރަށް މަސައްކަތް ކުރި،" 23 ޕޮއިންޓާއެކު ތާވަލުގެ ހަތްވަނާގައި އޮތް ޓީމުގެ ކޯޗު ބުންޏެވެ.

ރޭގެ މެޗުގައި ނިއުކާސަލްގެ ފުރަތަމަ ގޯލަކީ 69 ވަނަ މިނިޓްގައި ލިވަޕޫލްގެ މާޓިން ސްކާޓެލް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ދެ ވަނަ ގޯލު ޖެހީ 90 ވަނަ މިނިޓްގައި ޖިއޯގީނިއޯ އެވެ.

މި މެޗުން މޮޅުވުމުން ނިއުކާސަލް ވަނީ19 ވަނަ އިން 18 އަށް ކުރިއަށް ޖެހިލައިފަ އެވެ.

ނިއުކާސަލްގެ ކޯޗު ސްޓީން މެކްލެރަން ބުނީ މެޗުގައި އޭނާގެ ޓީމު ވަރަށް މަސައްކަތް ކުރި ކަމަށާއި ނަތީޖާ އެމީހުން ކޮޅަށް އެނބުރުނީ ބުރަ މަސައްކަތުން ކަމަށެވެ.