ކުޅިވަރު

ލިވަޕޫލަށް ބަދަލު ގެންނަން ޖެހޭކަން ވަރަށް ސާފު: ކްލޮޕް

މި ސީޒަން ނިމުމުން ލިވަޕޫލަށް ބަދަލުތަކެއް ގެންނަން ޖެހޭކަމަށް އެޓީމުގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

މިދިޔަ އަހަރުތަކުގައި ޔޫރަޕާއި އިންގްލެންޑުގައި އެންމެ މޮޅު އެއް ކުޅުމެއް ދެއްކި ލިވަޕޫލަށް މި ސީޒަނުގައި ރަނގަޅު ކުޅުމެއް ނުދެއްކެ އެވެ. އިނގިރޭސި ލީގު ކަޕާއި އިނގިރޭސި އެފްއޭ ކަޕުން ކެޓިއިރު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި އަމިއްލަ ދަނޑުގައި ރެއާލް މެޑްރިޑް އަތުން 5-2 އިން ވަނީ ބަލިވެފަ އެވެ.

"އަހަރެމެންނަށް އެނގޭ ޓީމަށް ކުރިއެރުން ބޭނުންވާކަން އަދި އެ ބަދަލުތައް ލިވަޕޫލަށް ގެންނާނަން" ކްލޮޕް ބުންޏެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ އުއްމީދު ލިވަޕޫލަށް ގެއްލިފައިވާއިރު މި ސީޒަނުގައި ތައްޓެއް ހޯދުމުގެ ފުރުސަތު އެޓީމަށް ގާތްގަނޑަކަށް ވަނީ ބަންދުވެފަ އެވެ. ލީގު ޗެމްޕިއަންކަމަށް އެޓީމު ވާދަނުކުރާއިރު ގަދަ ހަތަރަކާ އެޓީމާ ދެމެދު ހަތް ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. 35 ޕޮއިންޓާ އެކު ލިވަޕޫލް މިވަގުތު އޮތީ ލީގުގެ އަށް ވަނައިގަ އެވެ.

"ބޭނުންވާ ބަދަލުތައް މިހާރަކު ނުގެނެވޭނެ. އެކަމަކު ކުރިއަށް އޮތް ހޫނު މޫސުގެ ޓްރާންސްފާގައި ޓީމަށް ބަދަލު އަންނަން ޖެހޭކަން ވަރަށް ސާފު. މިވަގުތަށް އަހަރެމެންނަށް އޮތީ މި ޓީމާއެކު ހިތްވަރުކޮށްގެން ނަތީޖާ ނެރުން" ކްލޮޕް ބުންޏެވެ.

ލިވަޕޫލް ޓީމުގައި މިހާރު ތިބި ކުޅުންތެރިންގެ ތެރެއިން ޖޭމްސް މިލްނާ އާއި ނަބީ ކެއިޓާ އަދި އަލެކްސް އޮކްސްލޭޑް ޗެމްބަލިންގެ އެއްބަސްވުން މި ސީޒަން ނިމުމުން ހަމަވާނެ އެވެ. މި ކުޅުންތެރިންގެ އިތުރުން ބްރެޒިލްގެ ފޯވާޑް ރޮބާޓޯ ފިރްމީނޯގެ އެއްބަސްވުން ވެސް ސީޒަން ނިމުމުން ހަމަވާނެ އެވެ. ބެލެވޭ ގޮތުގައި މި ހަތަރު ކުޅުންތެރިން ވެސް މި ސީޒަން ނިމުމުން ލިވަޕޫލުން ދޫކޮށްލާނެ އެވެ.

ސީޒަނުގެ ބާކީ ބައިގައި ލިވަޕޫލުން އެންމެ ބޮޑަށް އަމާޒުހިފާނީ ގަދަ ހަތަރަކުން ފުރުސަތު ހޯދުމަށެވެ. ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން މޮޅުވިއިރު މިރޭ މެންދަމު އެޓީމު ރަށުން ބޭރުގައި ނުކުންނާނީ ކްރިސްޓަލް ޕެލެސްއާ ދެކޮޅަށެވެ.

މި ސީޒަނުގައި ނަތީޖާ ނެރުމުގައި ލިވަޕޫލަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އެޓީމުގެ މުހިއްމު ގިނަ ކުޅުންތެރިންތަކެއް އަނިޔާވުމެވެ.

ކްލޮޕް ބުނީ އަނިޔާގެ ސަބަބުން ޓީމުގެ ކުޅުމަށް އަސަރުކުރި ކަމަށާއި، އަންނަ ޓްރާންސްފާގައި ޓީމަށް ބަދަލު ގެންނާނީ ބޭނުންހިފޭ ގޮތަށް ކަމަށެވެ.

"ޖެހިޖެހިގެން ފަސް އަހަރު ޗެމްޕިއަންސް ލީގުގައި ކުޅެ އަހަރެމެން ތިން ފައިނަލުގައި ކުޅުނިން. ޓީމު އިތުރަށް ރަނގަޅުކުރަން ބޭނުންވަނީ ގިނަ ކުޅުންތެރިންތަކެއްގެ ސޮއި ހޯދުމެއް ނޫން. ބޭނުންވަނީ އެ މަގާމަކަށް ބޭނުންހިފޭ ކުޅުންތެރިން ގެންނަން" ލިވަޕޫލާ އެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކޯޗު ބުންޏެވެ.