ލިވަޕޫލް

ގަދަ ހަތަރެއްގެ ދޮރު ބަންދުވެއްޖެ: ކްލޮޕް

ޕްރިމިއާ ލީގްގެ ގަދަ ހަތަރެއްގެ ދޮރު ގާތްގަނޑަކަށް ލިވަޕޫލަށް ބަންދުވެއްޖެ ކަމަށް، ކޯޗް ޔާގަން ކްލޮޕް ބުނެފި އެވެ.

މި ހަފުތާގައި ވޯލްވާ ހެމްޓަން ވޮންޑާސް ބަލިކޮށް، ގަދަ ހަތަރެއްގެ ޖާގަޔާ ފަސް ޕޮއިންޓާ ކައިރީގައި ދެވުނު ނަމަވެސް ކްލޮޕް ގަބޫލު ކުރާ ގޮތުގައި ލިވަޕޫލް މިވަގުތު އޮތް ހާލަތުން އެއީ ވުމަށް ވުރެ ނުވުން ގާތްކަމެކެވެ.

"އަހަރެންނަކީ އުންމީދެއްގައި ހުންނަން ޝައުގުވެރިވާ މީހެއް އެހެންނަމަވެސް ލީގްގައި އަހަރެމެން މިއޮތް ހާލަތުގައި އޮވެގެން (އަންނަ ސީޒަންގެ) ޗެމްޕިއަންސް ލީގްގެ ޖާގަ ހޯދުމަކީ ގާތްގަނޑަކަށް ދެން ނުވާނެ ކަމެއް،" އަމިއްލަ ގައުމު ޖަރުމަންގެ "ބިލްޑް" ނޫހަށް ދިން އިންޓަވިއުގައި ކްލޮޕް ބުންޏެވެ. "ޓޯޓެންހަމްގައި ގެރެތު ބޭލް ރަނަގަޅު ފޯމަކަށް އެޅި މިހާރު ކުޅެން ފަށައިފި. އޭގެ އިތުރަށް މެންޗެސްޓާަ ސިޓި އާއި ޔުނައިޓެޑް އޮތީ މާ ދުރުގައި. ޗެލްސީވެސް ކުރިއަރައިގޮސް ޗެމްޕިއަންސް ލީގްގެ ޖާގައަކަށް ވާދަ ކުރާނެ. އަހަރެމެންނަށް އެނގޭ އަހަރެމެން މިއޮތް ހާލަތުން އެއީ އުނދަގޫ ކަމެއްކަން."

ލިވަޕޫލް އޮތީ ޗެމްޕިއަންސް ލީގްގެ ކުއާޓާ ފައިނަލުގަ އެވެ. އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގްގެ ޖާގަ ނުލިބުނަސް ކްލޮޕްގެ ވަޒީފާގެ ޔަގީންކަން ލިވަޕޫލްގެ ވެރިން ވަނީ އޭނާ އަށް ދީފަ އެވެ. އެހެންނަމަވެސް ޗެމްޕިއަންސް ލީގްގެ ޖާގަ ނުލިބިއްޖެނަމަ ކުލަބުގެ ކިޓް ޕްރޮވައިޑާ ނައިކީން ލިބޭ ސްޕޮންސާޝިޕް ބޮޑު ފައިދައެއް ނުހޯދޭނެ އެވެ. ގަދަ ހަތަރެއް މި ސީޒަންގައި ނުލިބިއްޖެނަމަ ޗެމްޕިއަންސް ލީގް ޖާގަ ހޯދުމަށް ލިވަޕޫލަށް އޮތީ އެންމެ ގޮތެކެވެ. އެއީ މި ސީޒަންގެ ޗެމްޕިއަންސް ލީގް ކާމިޔާބު ކުރުމެވެ. އެހެންނަމަވެސް އިންޖަރީ އާ ހެދި އެކަން ހާސިލު ނުވެދާނެ ކަމުގެ ބިރު ކްލޮޕަށް އެބައޮތެވެ.

"އަހަރެމެންގެ މިއޮތް ވަރަށް އިންޖަރީގެ ހާލަތު ކަންބޮޑުވާ ވަރަށް އޮވެގެން ޗެމްޕިއަންސް ލީގް އާންމުގޮތެއްގައި ނުހޯދޭނެ،" ކްލޮޕް ބުންޏެވެ. "ދެން އޭގެ އުނދަގޫ ކުރިމަަތި ވާނީ އަންނަ އަހަރު އެއީ ޗެމްޕިއަންސް ލީގެއް ނޯނާނާނެ. ފަހަރެއްގައި ޔޫރޮޕާ ލީގް. އެކަމަކު އަދި އެކަންވެސް ޔަގީނެއް ނޫން."