ލިވަޕޫލްގެ ހޯމް ސްޓޭޑިއަމް، އެންފީލްޑްގައި އެ ޓީމުގެ މައްޗަށް 3-1 ން ކާމިޔާބު ހޯދައި އިނގިރޭސި ޕްރިމިއާ ލީގް ހޯދުމުގައި މެންޗެސްޓާ ސިޓީން ބޮޑު އުންމީދެއް ދަމަހައްޓައިފި އެވެ.
ޝެފީލްޑް ޔުނައިޓެޑްގެ މައްޗަށް 2-1 ން މޮޅުވެ ޗެލްސީ ވަނީ ފަސް ވަނަ އަށް ޖެހިލާފަ އެވެ.
އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލާއި ސިޓީގެ މެޗުގައި، ލިވަޕޫލްގެ ކީޕަރު އަލިސަން ބެކާގެ ފަރާތުން ފެނުނު ފީކަޅާ ގޯސްތަކަށް އޭނާއަށް ވަނީ ވަރަށް ބޮޑަށް ފާޑު ކިއުން އަމާޒު ވެފަ އެވެ. ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް މެޗަށް ފަހު ބުނީ، އަލިސަންގެ ފަރާތުން ހެދުނު ގޯސްތަކަށް ދޭނެ ތަފްސީލެއް އޭނާ އޭނާގެ އަތުގައި ނެތް ކަމަށެވެ.
ލިވަޕޫލުން އަގު ބޮޑުކޮށް ގެނައި ކީޕަރުގެ ގޯހުން ތިން މިނެޓް ތެރޭ މުޅި މެޗު އެނބުރިގެން ދިޔަ އެވެ. އޭރު މެޗުގެ ނަތީޖާ އޮތީ އެއްވަރުވެފަ އެވެ. މެޗުގައި ލިވަޕޫލްގެ ލަނޑު ކާމިޔާބު ކުރީ އިލްކޭ ގުންޑޮގަން އެވެ. ފުރަތަމަ ހާފުގައި ސިޓީއަށް ލިބުނު ޕެނަލްޓީއެއް ގުންޑޮގަން ފޮނުވާލީ ގޯލްގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.
ލިވަޕޫލަށް ނަތީޖާ ހަމަހަމަ ކޮށްދިނީ، ލިބުނު ޕެނަލްޓީ އަކުން މުހައްމަދު ސަލާހް އެވެ. މެޗުގެ 73 ވަނަ މިނެޓްގައި އަލިސަން ކުރިއަށް ދިން ބޯޅަ އޭނާ ދިނީ ސީދާ ފިލް ފޯޑަންގެ ފަޔަށެވެ. އޭނާ އެ ބޯޅަ ހިފައިގެން އަރައި ގޯލް ކުރިމައްޗަށް ކަޓުކޮށް ދިނުމުން ގުންޑޮގަން ގޯލްގެ ތެރެއަށް ވައްދާލި އެވެ. އޭގެ ތިން މިނެޓް ފަހުން އަލިސަން ލިވަޕޫލްގެ ކުޅުންތެރިޔަކަށް ދޭން އުޅުނު ބޯޅަ އޭނާ ދިނީ ބެނާޑޯ ސިލްވާ އަށެވެ. އޭނާ ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ ގޯލް ކުރިމައްޗަށް ނަގައިދިނުމުން ރަހީމް ސްޓާލިން ގޯލްގެ ތެރެއަށް ބޯޅަ ވައްދާލި އެވެ. ސިޓީގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކުރީ، ފިލް ފޮޑަން އެވެ.
ރޭގެ މޮޅަކީ، 18 އަހަރު ފަހުން އެންފީލްޑްގައި ލިވަޕޫލްގެ މައްޗަށް ސިޓީން ހޯދި ފުރަތަމަ މޮޅެވެ. އަދި އެންފީލްޑްގައި ރޭ ބަލިވުމާއެކު އިނގިރޭސި ލީގްގައި ޖެހިޖެހިގެން ތިން މެޗުން އެންފީލްޑްގައި ލިވަޕޫލް އެ ބަލިވީ 58 އަހަރު ފަހުންނެވެ. އިނގިރޭސި ލީގްގައި އެންފީލްޑްގައި ލިވަޕޫލް ޖެހިޖެހިގެން ތިން މެޗުން ބަލިވީ 1963 ގަ އެވެ.
ޝެފީލްޑް ޔުނައިޓެޑާއި ޗެލްސީ ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ޗެލްސީގެ މޭސަން މައުންޓް އެވެ. އޭނާ ލަނޑު ޖެހީ ޓިމޯ ވާނާ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. ދެ ވަނަ ހާފުގައި ޝެފީލުޑުން ނަތީޖާ ހަމަހަމަ ކުރީ ޗެލްސީގެ އެންޓޯނިއޯ ރޫޑިގާ އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ. ޗެލްސީ މެޗުން މޮޅުކޮށްދިން ލަނޑު ޖޯޖީނިއޯ ކާމިޔާބު ކުރީ ލިބުނު ޕެނަލްޓީ އަކުންނެވެ.