ޔާގެން ކްލޮޕް

ލީގް ޝެޑިއުލް އޮތް ގޮތުން ކްލޮޕްގެ ކަންބޮޑުވުން

ކައިރިކައިރީގައި މެޗުތައް ކުޅެން ޖެހޭ ގޮތަށް އިނގިރޭސި ޕްރިމިއާ ލީގްގެ ޝެޑިއުލް އޮތުމުން ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް ކަންބޮޑުވުން ފާޅު ކޮށްފި އެވެ.

ލީގްގެ ޝެޑިއުލް އާ މެދު ކަންބޮޑުވުން ފާޅު ކުރީ ކްލޮޕް އެކަންޏެއް ނޫނެވެ. މީގެ ކުރިން މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗް އޮލޭ ގަނާ ސޮލްޝަޔާ އާއި މެންޗެސްޓާ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާވެސް ވަނީ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ. މެންޗެސްޓާ ސިީޓީ އަތުން އެއްވަރުވި މެޗުގައި ލިވަޕޫލްގެ ޓްރެންޓް އެލެގްޒެންޑާ އާނޯލްޑްއަށް އަނިޔާވި އެވެ. މެޗަށް ފަހު ވާހަކަ ދައްކަމުން ކްލޮޕް ބުނީ ކުޅުންތެރިން ރައްކާތެރި ކުރުމަށްޓަކައި ލީގްގެ ޝެޑިއުލް ބަދަލު ކުރަން ޖެހޭ ކަމަށެވެ.

"ބުދަ ދުވަހުގެ ރޭ (ޗެމްޕިއަންސް ލީގްގައި) ކުޅެފައި އަނެއްކާ ހޮނިހިރު ދުވަހު 12:30 ގައި ކުޅެގެން ނުވާނެ ކަމަށް އަހަރެން ޕްރިމިއާ ލީގް (އިންތިޒާމު ކުރާ ފާތްތަކުގެ) ކައިރިގައި ބުނިން،" ބީޞީސީއަށް ދިން އިންޓަވިއުގައި ކްލޮޕް ބުންޏެވެ. "ބުދަ ދުވަހުގެ ރޭ ކުޅެފައި އާދިއްތަ ދުވަހު ކުޅެން ޖެހުމަކުން މައްސަލައެއް ނެތް. ހަމައެޔާއެކު އާދިއްތަ ދުވަހުވެސް މެންދުރު 12:30 ގައި ކުޅުގެން ނުވާނެ ސަބަބަކީ ކުޅުންތެރިން ތިބޭނީ ރިކަވަރީ މަރުހަލާގައި. ޕްރިމިއާ ލީގުން ޖެހޭނެ މިކަންކަން ބަދަލު ކުރަން."

ކްލޮޕް ބުނީ ކައިރިކަިރީގައި މެޗުތައް ކުޅެގެން ސީޒަން ނިންމާލައި އަންނަ އަހަރަށް މިހާރު ފަސް ކޮށްފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތާއި ކުރިމަތިލާއިރު ކުޅުންތެރިންނަށް އުނދަގޫތައް ކުރިމަތި ވާނެ ކަމަށެވެ.

"އަންނަ އަހަރު ހޫނު މޫސުމުގައި އަހަރެމެންނަށް ޔޫރޯ ކުޅެވޭނެ ކަމަށް އުންމީދު ކުރެވޭ އެކަމަކު އަހަރެމެން މިހެން ގޮސްގެން އަހަރެން ހިތައް އަރާ ކޮން ކުޅުންތެރިންނަކަށް ބާއޭ ޔޫރޯގައި ބައިވެރި ވެވޭނީ." ކްލޮޕް ބުންޏެވެ. "ޓްރެންޓް [އެލެގްޒެން އާނާލްޑް] އަށް ކުރިއަށް އޮތް އިންގެލެންޑްގެ ތިން މެޗުގައި ނުކުޅެވޭނެ. ސްކޭން ހެދީމަ ނޫނީ ނޭންގޭނެ އޭނާއަށް ކުރިމަތިވީ ކޮން އަނިޔާއެއް ކަމެއް އަދި ގެރެތު ސައުތުގޭޓްގެ ފުރަތަމަ އަދި ފަހު ކުޅުންތެރިޔަކަށްވެސް ކުރިއަށް އޮތް ތިން މެޗުގައި ޓްރެންޓް ނުހުންނާނެ."