ކުޅިވަރު

ކްލޮޕް ގާޑިއޯލާ - މިޖީލުގެ ބޮޑު ދެ ވާދަވެރިން

ފުޓްބޯޅައިގައި މި ޖީލްގެ އެންމެ ބޮޑު ދެ ވާދަވެރި ދެ ކޯޗުންނަކީ، ޖޯސެފް ގާޑިއޯލާ އައި ޔާގަން ކްލޮޕެވެ. މި ދެ ވާދަވެރި ކޯޗުންގެ ކުރިމަތިލުންތައް ކޮންމެ ސީޒަނެއްގައިހެން ފެނުމަކީ ދެ ކޯޗުންގެ ފެންވަރު އެކަކު އަނެކަކާ އަޅާ ކިޔުން އިތުރުވި ސަބަބެކެވެ.

މީގެ 30 ހަކަށް އަހަރު ކުރިއަށް ބަލައިފިނަމަ، ނުފޫޒުގަދަ ކޯޗުންގެ ތެރޭގައި ހިމެނޭނޭނީ، ޔޯހާން ކްރައިފް، އަރިގޯ ސާޗީ އަދި ލުއިސް ވެން ހާލް އެވެ. ކްރައިފް އާއި ސާޗީގެ ވާދަވެރިކަން ފެނިގެން ދިޔައީ 1989 ގެ ޔޫއެފާ ސުޕަ ކަޕްގައި އޭސީ މިލާން އާއި ބާސެލޯނާ ކުޅުނު ދެ ލެގް މެޗުންނެވެ. ސާކީ އާއި ވެންހާލްގެ ވާދަވެރިކަން ފެނުނީ ސާކީ އެތުލެޓިކޯ މެޑްރިޑްގައި ހުރި އިރު އެވެ. އޭރު ބާސާގެ ކޯޗަކީ ވެންހާލް އެވެ.

ނަމަވެސް، ގާޑިއޯލާ އާއި ކްލޮޕްގެ ކުރިމަތިލުމަކީ، އެއަށް ވުރެ މާ ބޮޑަށް ފުޅާ ވެފައިވާ ކުރިމަތިލުމެކެވެ. ލިވަޕޫލް އާއި މެންޗެސްޓާ، މި ރޭ ކުޅޭ މެޗު ވެގެންދާނީ ގާޑިއޯލާ އާއި ކްލޮޕްގެ 21 ވަނަ ކުރިމަތިލުމަށެވެ. ކްލޮޕް އާ އެންމެ ގިނައިން ކުރިމަތިލި ކޯޗުންގެ ތެރޭގައި ގާޑިއޯލާ ހިމެނެ އެވެ. ގާޑިއޯލާ އާ އެއް އަދަދަކަށް ކްލްޕް އާ ދެކޮޅަށް ކުރިމަތިލި ކޯޗަކީ ބުރޫޝިއާ މެންޗެންގުލެޖްބާގް ކޯޗް ޑީޓާ ހެކިން އެވެ. ގާޑިއޯލާ އާ އެންމެ ގިނައިން ކުރިމަތިލި ކޯޗަކީ، ހޯޒޭ މޮރީނިއޯ އެވެ. އެއަށް ފަހު ކްލޮޕެވެ.

ދިހަ އަހަރު ކުރިން، ގާޑިއޯލާގެ ބާސެލޯނާ ޔޫރަޕްގެ އެންމެ ވަރުގަދަ ޓީމަށް ބަދަލުވީ ކެތްތެރި ކަމާއެކު އޭނާ ދެމެހެއްޓި "ޓިކީޓަކާ" ގެ ޕޮޒެޝަން ގޭމުންނެވެ. އަދި އޭރު ކްލޮޕް ބުރޫޝީއާ ޑޯޓަމުންޑްގެ ވިސްނުން ބަދަލުކޮށް އެ ކުލަބު އާ ހަރުފަތަކަށް ގެންދިއުމުގެ މަސައްކަތް ފެށީ ވަރުގަދަ އަށް ޕްރެސް ކޮށްގެން ކުޅޭ "ގޭގެން ޕްރެސިން" ގެ ނަމުގައި މަޝްހޫރުވި ފުޓްބޯޅައިގެ ސްޓައިލުންނެވެ. އޭރު ދެ ލީގެއްގައި ތިއްބަސް މި ދެ ކޯޗުންގެ ކުރިމަތިލުމަކަށް އިންތިޒާރު ކުރެވެއެވެ. އެހެން ނަމަވެސް މިހާރު އެއީ ކޮންމެ ސީޒަނެއްގައި ވެސް އެންމެ މަދުވެގެން ދެ ފަހަރު ބައްދަލުވާ ކުރިމަތިލުމެކެވެ. އެ ދެ ކޯޗުންގެ ކޮންމެ ކުރިމަތިލުމެއް ވެގެންދަނީ ފުޓްބޯޅައިގެ އާ ވިސްނުމާއި އާ ހިޔާލު ދަސްކޮށްދޭ މެޗުތަކަކަށެވެ.

ބަޔާން މިޔުނިކްގެ ކޯޗަކަށް ގާޑިއޯއޯލާ ހުރި އިރު އޭރު ޑޯޓަމުންޑާ ބަޔާންގެ ކުރިމަތިލުންތަކުގައި ފެންނަ ޓެކްޓިކަލް ބަދަލުތަކުގައި ތަފާތެއް ހުރެ އެވެ. އެންމެ ބޮޑު ބަދަލަކަށް ވަނީ ކްލޮޕް ޓެކްޓިކަލް އެތުރުންތަކެވެ. ބުންޑެސްލީގާގެ އެންމެ ވާދަވެރި ދެ ކުލަބުގެ ކުރިމަތިލުމުގައި އެކަން ފެނުނެވެ. މި ދެ ކޯޗުން ޕްރިމިއާ ލީގްގެ ފުރަތަމަ ކޮޅުގައި ވެސް އެ ތަފާތު ބޮޑުތަނުން ފެނުނެވެ. އެހެން ނަމަވެސް މިހާރު އެ ދެ ކޯޗުންނަކީ އެއް ކޮންސެޕްޓެއްގެ ދެވައްތަރަކަށް ކުޅުވާ ދެ ކޯޗުންނެވެ. ތިލަކޮށް ބުނާނަމަ ރުފިޔާ ފޮއްޗެއްގެ ދެ ފުށެވެ.

ގާޑިއޯލާ އާއި ކްލޮޕްގެ ވާދަވެރި ކަމުގައި، ލީގްގެ މެޗެއްގައި އެންމެ ފުރަތަމަ ކުރިމަތިލީ ނޮވެމްބަރު 2013 ގަ އެވެ. ޑޯޓަމުންޑްގެ މައްޗަށް ބަޔާން މޮޅުވީ 3-0 ންނެވެ. އެ ދެ ކޯޗުން މެޗަށް ތައްޔާރުވީ، އެ މެޗުގައި ދެ ކޯޗުންގެ އެޕްރޯޗް އަނެއް ކޯޗަކަށް ރޫޅާލެވޭނެ ގޮތަށެވެ.

އާންމުކޮށް ޑައިރެކްޓް ގޭމަށް ޓީމު ނުކުޅުވާ ގާޑއޯލާ އެ މެޗުގައި އެގޮތަށް އިހްތިޔާރު ކުރި އެވެ. ޖަރުމަންގެ ސުޕަ ކަޕްގައި ކްލޮޕްގެ ޑޯޓަމުންޑުން ގާޑިއޯލާގެ ބަޔާން ދެ ފަހަރަށް ބަލިކޮށް ތަށި ހޯދި އެވެ. ޑޯޓަމުންޑްގެ އެންމެ މޮޅެތި ކުޅުންތެރިން ގަތުމުގެ މާލީ ގާބިލުކަން ބަޔާންގެ ކިބައިގައި އަބަދުވެސް ހުރެ އެވެ. އޭރުވެސް ދެ ޓީމުގެ ކުރިމަތިލުންތަކުގައި އެންމެ ގިނައިން ކުރި އެރުން ހޯދަނީ ބަޔާން އެވެ.

ޕްރިމިއާ ލީގްގައި ކަލޮޕް އާއި ގާޑިއޯޅާގެ ފުރަތަމަ ކުރިމަތިލުން ސިޓީ ކާމިޔާބު ކުރީ ރެކޯޑް ނަތީޖާއެއް ކަމަށްވާ 5-0 ންނެވެ. އޭގެ ފަހުން 4-0 ންނެވެ. ގާޑިއޯލާ އާއި ކްލޮޕްގެ ވާދަވެރިކަން އިންގްލެންޑްގައި ވަޒަންކޮށްލަން ހަތަރު މެޗެއް ފުދެ އެވެ. އެންފީލްޑްގައި 2018 ގެ ކުރި ކޮޅު ލީގްގައި ސިޓީ އާ ދެކޮޅަށް 4-3 ން ލިވަޕޫލް މޮޅުވި މެޗަކީ އެއް މެޗެވެ. އޭގެ ފަހުން ޔޫއެފާ ޗެމްޕިއަންސް ލީގް ކްއާޓާ ފައިނަލުގައި އެންފީލްޑްގައި ސިޓީ އާ ދެކޮޅަށް ކުޅުނު މެޗު، ގާޑިއޯލާ ކަރުތާފެނަށް ގަންބާލައި އެ ލިވަޕޫލް ކާމިޔާބު ކުރީ 3-0 ންނެވެ. އެ ވާދަވެރިކަމުގެ އެންމެ ވަރުގަދަ މެޗަކީ ޖަނަވަރީ 2019 ގައި އިއްތިހާދު ސްޓޭޑިއަމްގައި 2-1 ން ލިވަޕޫލް ބަލިކޮށް ސިޓީ މޮޅުވި މެޗެވެ. އެ މެޗު ކާމިޔާބާއެކު ލީގް ހޯދުމުގެ ރޭހުގައި ބޮޑު ކުރިއެރުމެއް ސިޓީން ހޯދި އެވެ.