ކުޅިވަރު

ޑިބުރޭނޭ: ޕްރިމިއާ ލީގްގެ މޮޅު ކުޅުންތެރިޔާ

އިނގިރޭސި ޕްރިމިއާ ލީގްގެ މޮޅު ކުޅުންތެރިޔާަގެ އެވޯޑް، ލީގްގެ ދެ ވަނަ މެންޗެސްޓާ ސިޓީގެ މިޑްފީލްޑާ ކެވިން ޑި ބުރޭނޭ ހޯދައިފި އެވެ.

ނިމިދިޔަ ސީޒަންގައި، ޑި ބުރްނޭ ވަނީ، ޕްރިމިއާ ލީގްގެ ތާރީހްގައި އެންމެ ގިނަ އެސިސްޓް ކުރި ކުޅުންތެރިޔާގެ ރެކޯޑާ އަރާ ހަމަ ކޮށްފަ އެވެ. ކުރިން މި ރެކޯޑްގެ ސިންގަލް ހޯލްޑާ އަކީ އާސެނަލްގެ ކުރީގެ ފޯވަޑް ތިއަރީ އޮންރީ އެވެ. ޑިބްރޭނޭ ވަނީ 20 އެސިސްޓް ކޮށްފަ އެވެ. އޮންރީ މި ރެކޯޑް ހެދީ 2002-03 ސީޒަންގަ އެވެ.

މި ސީޒަނަކީ، ސިޓީއަށް އުނދަގޫ ސީޒަނެކެވެ. އެހެންނަމަވެސް ޑި ބުރޭނޭ ވަނީ، ލީގްގައި ސިޓީއަށް ދެ ވަނަ ހޯދައިދޭން އެހީތެރި ވެދީފަ އެވެ. އެ ޓީމުން ލީގް ނިންމާލީ ޗެމްޕިއަން ލީވަޕޫލާ 18 ޕޮއިންޓްގެ ފަހަތުންނެވެ.

މިއަހަރުގެ އެންމެ މޮޅު ޕްލޭމޭކާ އެވޯޑްވެސް ޑިބްރޭނޭ ވަނީ ހޯދާފަ އެވެ. އެއީ ތިން އަހަރު ތެރޭ އޭނާ އެ އެވޯޑް ހޯދި ދެ ވަނަ ފަހަރެވެ. އެ އެވޯޑް އެންމެ ފުރަތަމަ ތައާރަފް ކުރި 2017-18 ސީޒަންގައިވެސް އެ އެވޯޑް ހޯދީ ވެސް ޑި ބުރޭނޭ އެވެ.

އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑްގައި، ޑިބުރޭނޭ އާ އެންމެ ގާތުން ވާދަ ކުރީ ލިވަޕޫލްގެ ޓްރެންޓް އެލެކްޒެންޑާ އާނޯލްޑް، ޖޯޑަން ހެންޑަސަން، ސެޑިއޯ މާނޭ އެވެ.

މިދިޔަ ހުކުރު ދުވަހު އިއުލާން ކުރި ސީޒަންގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް ހޯދީ، ލިވަޕޫލްގެ ޒުވާން ޑިފެންޑަރު އާނޯލްޑް އެވެ. ހޮނިހިރު ދުވަހު އިއުލާން ކުރި އެންމެ މޮޅު ކޯޗްގެ އެވޯޑް ހޯދީ ލިވަޕޫލަށް ލީގް ޗެމްޕިއަންކަން ހޯދައިދިން ޔާގަން ކްލޮޕް އެވެ. ސީޒަންގެ އެންމެ މޮޅު ގޯލް އެވޯޑް ހޯދީ، ޓޮޓެންހަމް ހޮޓްސްޕާސްގެ ސަން ހިއުންގް މިން އެވެ. އެންމެ މޮޅު ގޯލަކީ ޑިސެމްބަރު މަހު ބާންލީގެ މައްޗަށް 5-0 ން ޓޮޓެންހަމް މޮޅުވީ މެޗުގައި ސަން ޖެހި މޮޅު ސޯލޯ ގޯލެވެ.