ޕްރިމިއާ ލީގްގައި 100 ޕޮއިންޓް ހޯދައިގެން މެންޗެސްޓާ ސިޓީން ހެދި ރެކޯޑް މުގުރާލެވޭނެ ކަމުގެ ޔަގީންކަން ނެތް ކަމަށް ޗެމްޕިއަން، ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް ބުނެފި އެވެ.
ފޯވަޑް މުހައްމަދު ސަލާހް ކާމިޔާބު ކުރި ދެ ގޯލާއި ކެޕްޓަން ޖޯޑަން ހެންޑަސަން ޖެހި ލަނޑާއެކު ބްރައިޓަން ހޯވް އެލްބިއޯން 3-1 ބަލިކޮށް ލިވަޕޫލް ވަނީ ޖުމުލަ ޕޮއިންޓްގެ އަދަދު 92 އާ ހަމައަށް ގެންގޮސްފަ އެވެ. ޕޮއިންޓްގެ އަދަދު 100 އަށް ވުރެ މައްޗަށް ގެންދަން ލީގްގައި ބާކީ އޮތް ހަތަރު މެޗުން އެ ޓީމަށް ބޭނުން ވަނީ ނުވަ ޕޮއިންޓެވެ.
ރޭ ގެ މޮޅަކީ ލީގްގެ 34 މެޗުގެ ތެރެއިން ލިވަޕޫލް މޮޅުވި 30 ވަނަ މެޗެވެ. މީގެ ކުރިން އިނގިރޭސި ފުޓްބޯޅައިގެ އެންމެ ޓޮޕް ޑިވިޝަންގައި އެހާ މަދު މެޗުތަކަކުން 30 މެޗުން މޮޅުވި އެހެން ޓީމެއް ނެތެވެ. އެ ރެކޯޑްގެ އިތުރަށް 100 ޕޮއިންޓް ހޯދައި ސިޓީ ހަދާފައިވާ ރެކޯޑު ވެސް މުގުރާލުމުގެ ފުރުސަތު ލިވަޕޫލަށް އޮތް ނަމަވެސް ކުރިއަށް ހުރި މެޗުތަކުގެ ގޮތުން އެ ރެކޯޑް މުގުރާލެވިދާނެ ކަން ގަބޫލު ކުރަން ކްލޮޕަށް ދައްޗެވެ. ޕްރިމިއާ ލީގްގެ 2017-18 ސީޒަންގައި ސިޓީ ވަނީ އެއް ވަނައިގައި 100 ޕޮއިންޓް ހޯދާފަ އެވެ. ކުރިއަށް އޮތް ހަތަރު މެޗުން މޮޅުވެ ލިވަޕޫލަށް 104 ޕޮއިންޓް ހޯދޭނެ އެވެ.
"ކުރިއަށް ހުރި ވަރުގަދަ މެޗުތަކަށް ބަލާފައި އަހަންނަށް ހީނުވެ އަހަރެމެންނަށް 12 ޕޮއިންޓް އެއްކޮށް ހޮދޭނެ ހެނެއް،" ބްރޮއިޓަން އާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ވާހަކަ ދައްކަމުން ކްލޮޕް ބުންޏެވެ. "ބާންލީ އަކީ ނަތީޖާ ނެރުމުގައި މެޝިނެއް، އަހަރެން ވަރަށް ބަލައިގަންނަ ޓީމެއް އެއީ، ދެން މިއޮތީ އާސެނަލް މިވަގުތު ވަރަށް ރަނގަޅަށް އޮތް ޓީމެއް، ޗެލްސީ އޮތީ ވަރަށް ރަނގަޅަށް."
"މި ހުރިހާ ޕޮއިންޓެއް ފުލުކޮށް ހޯދޭނެ ކަމަށް އަހަރެންނަށް ބެލޭނީ ކިހިނެއް، 92 ޕޮއިންޓްގައި މިއޮތީ މިދިޔަ ސީޒަންގައި 97 ޕޮއިންޓް ހޯދުނީ ކިހިނެއް، މިދިޔަ ސިޒަންގައި އަބަދުވެސް ވަކި ހިސާބަކުން ޗެމްޕިއަންސް ލީގްގެ ކުރިމަތިވޭ،" އެ ޓާގެޓަށް ވާސިލު ވެވޭނީ ނަސީބުވެސް ހުރެގެން."
ރޭ މެންޗެސްޓާ ސިޓީ ވަނީ ނިއުކާސަލް ޔުނައިޓެޑް މައްޗަށް 5-0 ން މޮޅުވެފަ އެވެ.