ޔާގެން ކްލޮޕް

ގާޑިއޯލާ އާއި ސިޓީއަށް ކްލޮޕްގެ ހަމްދަރުދީ

ޔޫރަޕްގެ މުބާރާތްތަކުން ކުރިއަށް އޮތް ދެ އަހަރަށް މެންޗެސްޓާ ސިޓީ ސަސްޕެންޑް ކުރުމުން، ކޯޗް ޕެޕް ގާޑިއޯލާ އާއި އެ ޓީމުގެ ކުޅުންތެރިންނާ މެދު ދެރަވާ ކަމަށް ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް ބުނެފި އެވެ.

ނޯވިޗް ސިޓީއަތުން މޮޅުވެ، މެންޗެސްޓާ ސިޓީގެ މައްޗަށް 25 ޕޮއިންޓްގެ ލީޑެއް ނެގުމަށް ފަހު، ކްލޮޕް ބުނީ، ސިޓީއާ މެދު އެޅި ފިޔަވަޅުގެ ޚަބަރު އަޑުއިވިފައި އޭނާއަށް ލިބުނީ ޝޮކެއް ކަމަށެވެ. ގާޑިއޯލާއަކީ ވަރަށް މޮޅު ގޭމެއް ކުޅުވާ ކޯޗެއް ކަމަށާއި އެ ޓީމަށް އެ ދިމާވި ހާލަތުން ކުޅުންތެރިންނާ މެދު ހިތާމަ ކުރާ ކަމަށެވެ.

"ހަގީގަތަށް ބުނަންޏާ އަހަރެން ހިތާމަ ކުރަން ޕެޕް އަދި ކުޅުންތެރިންނާމެދު، އެމީހުން [ގާޑިއޯލާ އާއި ކުޅުންތެރިން] ގޯހެއް ހަދާފައި ނުވާނެކަން އަހަންނަށް ޔަގީން، އެމީހުން ކުޅެނީ ފުޓްބޯޅަ އަދި އެއީވެސް ވަރަށް ރީތި ފުޓްބޯޅައެއް ކުޅޭ ޓީމެއް، ޕެޕް ހުންނަ ކޮންމެ ލީގެއްގައި ވެސް އެ ލީގެއްގެ ފުޓްބޯޅަ ރަނގަޅު ކުރުމަށް އޭނާ އެހީވެދޭ،" ކްލޮޕް ބުންޏެވެ. "ނަމަވެސް އާހިރުގައި ހުރިހާ ގަވާއިދުތަކަށް އެންމެވެސް އިހްތިރާމް ކުރަން ޖެހޭ، އަހަންނަކަށް ނޭނގެ އެ މީހުން އެކަން ކުރާކަމެއް އަދި ނުކުރާ ކަމެއް ވެސް،"

ނޯވިޗްގެ މައްޗަށް ލިވަޕޫލް މޮޅު ކޮށްދިން ލަނޑު ކާމިޔާބު ކުރީ އަނިޔާގެ ސަބަބުން އަނިޔާގައި ދުވަސްތަކެއް ހޭދަ ކުރުމަށް ފަހުން އަލުން އެނބުރި އައި ސެނެގާލްގެ ފޯވަޑް ސެޑިއޯ މާނޭ އެވެ. މާނޭ ކުޅެން ނުކުތީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. ލިވަޕޫލްގެ ލަނޑު އޭނާ ކާމިޔާބު ކުރީ މެޗުގެ އެންމެ ފަހު ވަގުތުގެ ތެރޭގަ އެވެ.