ކުޅިވަރު

ގައުމީ ޓީމުން އުނިކުރުމުން އާނޯލްޑްގެ ދިފާއުގައި ކްލޮޕް ތެދުވެއްޖެ

އިނގިރޭސި ގައުމީ ޓީމު މިދިޔަ ހަފްތާ ޖަރުމަނާ ދެކޮޅަށް ކުޅުނު މެޗުގެ ސްކޮޑަށް ޓްރެންޓް އަލެކްސަންޑަ-އާނޯލްޑް ނުނެގުމުން، ދިފާއުގައި ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ތެދުވެއްޖެ އެވެ.

ލިވަޕޫލްގެ ޑިފެންޑަރުގެ ފޯމު ފަހަކަށް އައިސް ދަށްވެފައިވާއިރު ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އިންގްލެންޑް މިދިޔަ ހަފްތާ ކުޅުނު ޔޫއެފާ ނޭޝަންސް ލީގުގެ ދެ މެޗުގެ ތެރެއިން އާނޯލްޑަށް ސްކޮޑުން ފުރުސަތު ލިބުނީ އިޓަލީ މެޗުގަ އެވެ. އެކަމަކު އެ މެޗުގައި ވެސް އާނޯލްޑަށް ކުޅުމުގެ ފުރުސަތު އިންގްލެންޑުގެ ކޯޗު ގަރެތު ސައުތުގޭޓް ދީފައެއްނުވެ އެވެ.

"އަހަރެންނަށް ވިސްނޭ ގޮތުގަ އާނޯލްޑް ޓީމަށް ލުމަކީ ވަރަށް ފަސޭހަ ނިންމުމެއް. އަހަރެން ކޯޗުކޮށްދޭ ކޮންމެ ޓީމެއްގައި އާނޯލްޑް ހިމަނާނަން. އެއީ އާދަޔާހިލާފު ކުޅުންތެރިއެއް" އާނޯލްޑާ ގުޅޭގޮތުން ވާހަކަ ދައްކަމުން ކްލޮޕް ބުންޏެވެ.

ގައުމީ ޓީމުގައި އާނޯލްޑް ކުޅޭ ޑިފެންސުގެ މަގާމުގައި އެއް ފެންވަރެއްގެ ގިނަ ކުޅުންތެރިންތަކެއް އެބަތިއްބެވެ. މިވަގުތު ސައުތުގޭޓު އެ މަގާމުގައި ބޭނުންކުރަނީ ޗެލްސީގެ ރީސް ޖޭމްސް އާއި ނިއުކާސަލް ޔުނައިޓެޑްގެ ކިއެރަން ޓްރިޕިއާ އަދި މެންޗެސްޓާ ސިޓީގެ ކައިލް ވޯކާ އެވެ.

އާނޯލްޑަށް އެންމެ ބޮޑަށް އަމާޒުވާ ފާޑުކިޔުމަކީ އެޓޭކުގައި ރަނގަޅު ނަމަވެސް ޑިފެންސް ކުރަންޖެހޭ ހާލަތްތަކުގައި ދަށްވުމެވެ. އެކަމާ ގުޅޭގޮތުން ކްލޮޕް ބުނީ އެއީ ތެދެއް ނޫން ކަމަށާ އާނޯލްޑްގެ ހުނަރު ހުރި ޑިފެންޑަރެއް އޭނާ ނުދެކެން ކަމަށެވެ.

"އެއީ ވަރަށް ހުނަރުވެރި ކުޅުންތެރިއެއް. ހަނދާން ބަހައްޓަން ޖެހޭ މިވަގުތު އިންގްލެންޑުގައި އެތަނަށް ކުޅޭ މޮޅު ކުޅުންތެރިން ތިބިކަން" އިންގްލެންޑުގައި ތިބި ކުޅުންތެރިންނާ ގުޅޭގޮތުން ކްލޮޕް ބުންޏެވެ.

އަނިޔާގެ ސަބަބުން އާނޯލްޑަށް މިދިޔަ އަހަރު އޮތް ޔޫރޯގައި ނުކުޅެވުނެވެ. އަދި އެންމެ ފަހުން ކުޅުނު މެޗުގައި ޓީމުން ފުރުސަތު ނުލިބުމާ އެކު ނޮވެމްބަރު މަހު ގަތަރުގައި ފަށާ ވޯލްޑް ކަޕްގެ އިންގްލެންޑް ސްކޮޑުން އޭނާ އަށް ޖާގަ ލިބޭނެ ކަމާމެދު ވަނީ ސުވާލު އުފެދިފަ އެވެ.

2018 ވަނަ އަހަރު އިންގްލެންޑް ޓީމުން ފުރުސަތު ހޯދި މިހާރު އުމުރުން 23 އަހަރުގެ އާނޯލްޑް އިންގްލެންޑަށް ޓީމަށް ކުޅެދީފައިވަނީ 17 މެޗެވެ.