އިނގިރޭސި ކްލަބް ލިވަޕޫލްގެ ކޯޗުކަން ދޫކޮށްލާނީ އެކަމަށް މަޖުބޫރުކޮށްގެން ކަމަށާއި، އެނޫން ގޮތަކަށް ލިވަޕޫލް ދޫކޮށްލުމުގެ ވިސްނުން ނެތްކަމަށް ޔާގެން ކްލޮޕް ބުނެފި އެވެ.
2015 ވަނަ އަހަރު އޮކްޓޫބަރު މަހު ލިވަޕޫލްގެ ކޯޗުކަމާ ހަވާލުވެ ކްލޮޕް ވަނީ އެ ކްލަބަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފަ އެވެ. ލިވަޕޫލާ އެކު ކްލޮޕް ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2026 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށެވެ. އެކަމަކު ފަހަކަށް އައިސް ލިވަޕޫލްގެ ފޯމް ދަށްވެފައިވާތީ ކްލޮޕް ކޯޗުކަމުގެ މަގާމުން ދުރުކޮށްފާނެތޯ ވަނީ ސުވާލު އުފެދިފަ އެވެ.
ލީގުގައި އޮކްޓޫބަރު މަހުގެ ފަހުން ގޯލެއް ނުވަދެ ލިވަޕޫލަށް މެޗެއް ނިންމައެއް ނުލެވެ އެވެ. އެންމެ ފަހުން ކުޅުނު މެޗުގައި ބްރައިޓަން އަތުން ލިވަޕޫލް ބަލިވީ 0-3 އިންނެވެ. މެޗަށް ފަހު ކްލޮޕް ބުނީ އެއީ ލިވަޕޫލުން މިހާތަނަށް ކުޅުނު އެންމެ ދަށް މެޗު ކަމަށެވެ.
ޕްރިމިއާ ލީގުގައި ލިވަޕޫލް މިވަގުތު އޮތީ ނުވަ ވަނައިގަ އެވެ. ގަދަ ހަތަރަކާ އެޓީމާ ދެމެދު 10 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.
"ބައިވަރު ކަންކަން ބަދަލު ނުވާހާ ހިނދަކު، ނޫނީ މީހަކު އަހަރެން ގާތު މަގާމު ދޫކޮށްލަން ނުބުނާހާ ހިނދަކު ލިވަޕޫލްގެ ކޯޗުކަން ދުލެއް ނުކުރާނަން" ކްލޮޕް ބުންޏެވެ.
ލިވަޕޫލުން ވަނީ މިހާރު ކުރިއަށްދާ ޓްރާންސްފާ ބާޒާރުގައި ފީފާ ވޯލްޑް ކަޕްގައި ނެދަލެންޑްސް ޓީމުން ވިދާލި ކޯޑީ ގަކްޕޯ ގެނެސްފަ އެވެ. ޖެނުއަރީ ޓްރާންސްފާގައި ލިވަޕޫލުން އިތުރު ކުޅުންތެރިއަކު ގެންނާނެ ކަމަކަށް ނުބެލެވެ އެވެ. އެކަމަކު ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްފާގައި ލިވަޕޫލަށް ބޮޑު ބަދަލެއް އަންނާނެ އެވެ. ކްލޮޕް ބުނީ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގެ ވާހަކަ ދައްކަން އަދި އަވަސް ކަމަށެވެ.
"އެކަމަށް އަހަރެންނަށް ވަގުތު އެބައޮތް. މިހާރު މިޖެހެނީ ކުޅުން ރަނގަޅުކުރަން" 30 އަހަރަށް ފަހު ލިވަޕޫލަށް ޕްރިމިއާ ލީގު ކާމިޔާބުކޮށްދިން ކޯޗު ބުންޏެވެ.
ލިވަޕޫލްގައި މިހާރު ތިބި ކުޅުންތެރިންނަށް ބަލާއިރު ޖޭމްސް މިލްނާ އާއި ނަބީ ކެޓިއާ، ރޮބާޓޯ ފިރްމީނޯ އަދި އަލެކް އޮކްސްލޭޑް-ޗެމްބަލިންގެ އެއްބަސްވުން މި ސީޒަން ނިމުމުން ހަމަވާނެ އެވެ. ލިވަޕޫލްގައި ތިބި ބައެއް ކުޅުންތެރިން ދިގު މުއްދަތަކަށް ކްލަބުގައި ތިބޭތީ ކްލޮޕަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ. ކްލޮޕް ބުނީ ވަކި ކުޅުންތެރިއަކަށް އޭނާ ވަފާތެރި ނުވާނެ ކަމަށާއި، ހުރިހާ ކުޅުންތެރިން ވެސް ވާނީ ހަމަހަމަ ކަމަށެވެ.
"އަހަރެން އަޑުއަހައިފިން ތިވާހަކަތައް. އަހަރެން މީ ކުޅުންތެރިންނަށް ވަފާތެރި ކޯޗެއް. އެކަމަކު މާބޮޑަށް ވަފާތެރިއެއް ނުވާނަން. ކްލަބަށް ބައިވަރު ކަންތައްތަކެއް ކޮށްދީފައިވާ ކުޅުންތެރިން ހާއްސަވާނެ" ކްލޮޕް ބުންޏެވެ.