ދިވެހި ދައުލަތަށް 35 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރައްވާފައިވާ ބޭފުޅުންނަށް ސަރުކާރުންދޭ އައްޑަނަ 117 ބޭފުޅަކަށް ލިބިވަޑައިގަންނަވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އަރުވާ ޝަރަފުގެ ބެޖާއި، އައްޑަނަ ހަވާލުކުރުން އޮންނާނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބާއްވާ ޖަލްސާގަ އެވެ.
ޖުމްހޫރީ މައިދާނުގައި މިރޭ 8.30 ގައި ފަށާ މިޖަލްސާގައި ރައީސް ސޯލިހް ގައުމާ މުހާތަބު ކުރައްވާނެ އެވެ.
ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަކީ، ދިވެހި ދައުލަތަށް 35 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ގާބިލުކަމާއި، އިހްލާސްތެރިކަމާއެކު ކުރައްވައިފައިވާ ހިދުމަތްތަކަށާއި، އެބޭފުޅަކު ވަޒީފާ އަދާކުރެއްވި މުއައްސަސާގެ ކުރިއެރުމަށް ކުރައްވައިފައިވާހިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ގައުމީ ފެންވަރުގައި، ދިވެހި ދައުލަތުން އަރުވާ އިނާމެކެވެ.
ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަކީ، ދައުލަތުގެ ކޮންމެ މަގާމެއްގައި ހުންނަވައިގެން ވަޒީފާއަދާކުރެއްވި ކަމުގައިވީ ނަމަވެސް އިނާމު ދިނުމަށް ކަނޑައަޅައިފައިވާ ޝަރުތުތައް ފުރިހަމަވާ ކޮންމެ ބޭފުޅަކަށްވެސް އަރުވާ އިނާމެކެވެ
ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ދިނުމަށް ސަރުކާރުން ނިންމާފައިވަނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގަ އެވެ. އެހެންނަމަވެސް މިއީ މި އިނާމަށް ފުރުސަތު ހުޅުވާލި ފުރަތަމަ ފަހަރު ކަމަށްވެފައި މިފަހަރު އެއް ޖަލްސާއެއްގައި ހުރިހާ ބޭފުޅުންނަށް އިނާމު ނުދެއްވޭތީ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގެ އިތުރުން، ދިވެހީންގެ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައިވެސް މި އިނާމު މިއަހަރު ބައެއް ބޭފުޅުންނަށް އަރުވާނެ ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.