އޭސީސީ

އޭސީސީގެ މެންބަރުން ވަކިކުރަން ކޮމިޓީން ތައްޔާރުވަނީ

Nov 10, 2021

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުންނާ ގުޅޭ ޕާފޯމަންސް އޮޑިޓެއް ހެދުމަށްފަހު ރަނގަޅަށް މަސައްކަތް ނުކުރައްވާ މެންބަރުން ވަކިކުރުގެ މަސައްކަތް ކުރިއަށް ގެންދިއުަމަށް ނިންމައިފި އެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެގޮތަށް ނިންމީ އޭސީސީ އަށް ގިނަ މައްސަލަތަކެއް ހުށަހަޅާފައިވާއިރު ބަލައިގަނެވޭ ފަދަ މިންވަރަކަށް ކޮމިޝަންގެ މަސައްކަތްތައް ކުރިއަށް ނުދާ ކަމަށް ބުނެ އޭސީސީއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކާ ގުޅޭ މައްސަލަތަކާ މެދު ކޮމިޓީގެ މެންބަރުން އިއްޔެ މަޝްވަރާކުރުމަށްފަހު އެވެ.

ކޮމިޓީން ނިންމާފައިވަނީ އަންނަ ހަފްތާގެ ކުރީކޮޅު އޭސީސީގެ މެންބަރުން ވަކިވަކިން ކޮމިޓީ އަށް ހާޒިރުކޮށް އެބޭފުޅުންގެ މަސައްކަތާ ގުޅޭ އޮޑިޓެއް ހެދުމަށްފަހު އެކަށީގެންވާ ފަދަ މަސައްކަތެއް ނުކުރެއްވޭ މެންބަރުން މަގާމުން ދުރުކުރުމުގެ މަސައްކަތް ފެށުމަަށެވެ.

އޭސީސީގައި މިވަގުތު ތިއްބެވި ފަސް މެންބަރުންނަކީ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ އާއި، ނައިބް ރައީސް ފާތުމަތު އަނޫލާއާއި، އިބްރާހިމް ޝަކީލް އަލީ އަޝްރަފްގެ އިތުރުން އައިޝަތު އަބްދުﷲ އެވެ.

ކޮމިޓީގެ ބައްދަލުވުމުގައި އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހްމަދު ހުށަހެޅުއްވުމެއްގެ ގޮތުގައި އެދިވަޑައިގަތީ އޭސީސީގައި މިހާރު ތިއްބެވި މެންބަރުން މަގާމަށް އައްޔަންކުރެއްވި ފަހުން ކޮމިޝަނުން ބަލާފައި ހުރި މައްސަލަތަކުގެ އަދަދުތައް ހޯދުމަށާއި، ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވި މައްސަލަތަކުގެ އަދަދު ބެލުމަށާއި، އަދި ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް އޭސީސީން މިހާތަނަށް ކޮށްފައިވާ މަސައްކަތްތައް ބެލުމަށެވެ.

ހަސަންގެ ހުށަހެޅުއްވުމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ތާއީދުކުރެއްވީ އެ ހުށަހެޅުއްވުމުގެ ތެރެއަށް އޭސީސީގެ މެންބަރުންގެ ޕާފޯމަންސް އޮޑިޓެއް ހެދުމަށާއި އޭގެފަހުގައި މަސައްކަތް ނުކުރެއްވޭ ކަމަށް ފާހަގަވާ މެންބަރުން ވަކިކުރެއްވުމަށެވެ.

އޭސީސީގެ މެންބަރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ހުސައިން ވިދާޅުވީ އޭސީސީގެ މެންބަރުން ވަކި ތާރީހުތަކަކަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން މަޖިލީހުގައި ދިނުމަށްފަހު އެގޮތަށް އަމަލުކުރައްވާފައި ނުވާ ކަމަށެވެ.

އޭސީސީން އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ މައްސަލައެއް ބެލުމަށް އަށްމަސް ދުވަސް ހޭދަކުރުމަކީ ބޭނުންވާ ގޮތް ނޫން ކަމަށް ފާހަގަކުރައްވާ ހުސައިން ވިދާޅުވީ ގަބޫލުކުރެވޭ ވަރާ ގާތަށް ވެސް އޭސީސީގެ މެންބަރުންނަށް މަސައްކަތް ނުކުރެއްވޭ ކަމަށެވެ.

"އެމްޑީޕީން ވެސް އެކަމެއް ގަބޫލެއް ނުކުރާނެ. މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން އަޅުގަނޑު ވެސް ގަބޫލެއް ނުކުރަން،" ހުސައިން ވިދާޅުވި އެވެ.

އޭސީސީގެ މެންބަރުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ހާޒިރުކޮށް މަސައްކަތުގެ ސްޕީޑާ މެދު މެންބަރުން ސުވާލު އުފެއްދެވުމުން ކޮމިޝަންގެ މެންބަރުން ކޮންމެ ފަހަރަކު ވެސް ކޮންމެވެސް އުޒުތަކެއް ދައްކަވަ އެވެ. އެގޮތުން ކޮމިޝަންގައި ހަރުދަނާ ކުރަންޖެހޭ ކަންކަމަށް ވަގުތު ބޭނުންވާ ކަމާއި އިންވެސްޓިގޭޓް ކުރާނެ މުވައްޒަފުން މަދު ވާހަކަ ދައްކަވަ އެވެ. އަދި ކޮވިޑްގެ ލޮކްޑައުންއާ ގުޅިގެން މީހުން ހާޒިރުކުރަން ދަތިވެގެން ވެސް ބައެއް މަސައްކަތްތައް ނުކުރެވުނު ކަމުގެ އުޒުރު ދައްކަވާފައިވެ އެވެ.