ވިޔަފާރި

ދިވެހި އެއާލައިންތަކުން ހިތްގައިމު އެއާޝޯއެއް ބާއްވަނީ

Dec 7, 2015
1

އޭވިއޭޝަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ގިނަ ފްލައިޓްތަކެއް ބައިވެރިވެގެން އަންނަ ހުކުރު ދުވަހު މާލޭގައި އެއާޝޯއެއް ބޭއްވުމަށް ނިންމައި ތައްޔާރީތައް ވާން ފަށައިފި އެވެ. މިއީ ރާއްޖޭގައި މިގޮތަށް ބާއްވާ ފުރަތަމަ ހަރަކާތެވެ.

އޭވިއޭޝަން ޑިޕާޓްމަންޓުން ބުނީ މިއަދު ފާހަގަ ކުރަމުން އަންނަ އޭވިއޭޝަން ދުވަހާ ދިމާކޮށް އަންނަ ހުކުރު ދުވަހު ބާއްވާ އެއާޝޯގައި ރާއްޖޭގައި ފްލައިޓް އޮޕަރޭޓް ކުރާ ތިން ކުންފުންޏަކުން ޖުމްލަ އަށް ފްލައިޓް ބައިވެރިވާނެ ކަމަށެވެ. އަދި އެ އެއާޝޯގައި އާންމުކޮށް ފްލައިޓްތައް ދަތުރު ކުރާ ވަރަށް ވުރެ ތިރިކޮށް، ދަތުރުކޮށް ޕައިލެޓުންގެ ހައިރާން ކުރުވަނިވި ހުނަރުތައް ދައްކާލުމަށް ވަނީ ހަމަޖެހިފަ އެވެ.

އެ ހަރަކާތް އޮންނާނީ ހުކުރު ދުވަހު ހަވީރު ރާޅުގަނޑު ސަރަހައްދުން ބޮޑު ތަކުރުފާނު މަގަށް ފެންނަ ގޮތަށެވެ. އެ އެއާޝޯގައި ބައިވެރިވަނީ އައިލެންޑް އޭވިއޭޝަނާއި ޓީއެމްއޭ އަދި ވިލާ އެއާގެ ބޯޓުތަކެވެ.

އޭވިއޭޝަން ޑިޕާޓްމަންޓުން ބުނީ މިއީ ވަރަށް ހިތްގައިމު ހަރަކާތަކަށް ވާނެ ކަމަށެވެ. އެ ހަރަކާތް ބައްލަވާލެއްވުމަށް ސަރުކާރުގެ ވަޒީރުން ވެސް އާންމުންނާ އެކު ބައިވެރިވާނެ އެވެ. އަދި އޭވިއޭޝަންގެ ދާއިރާ އިން ރާއްޖެ ހޯދާފައިވާ ކުރިއެރުުންތަކާ ގުޅޭ ޕްރެޒެންޓޭޝަނެއް ވެސް އެ ދުވަހުގެ ހަފްލާގައި ދޭނެ އެވެ.