ޓްރީ ޓޮޕް ހޮސްޕިޓަލް

ޓްރީ ޓޮޕްގައި ކުއްޖަކާ ބެހުނު މައްސަލައެއް ރިޕޯޓު ނުކުރުމުން ދައުވާ

ޓްރީ ޓޮޕްގެ ނަރުހަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ކަމާ ގުޅުންހުރި އިދާރާތަކަށް ރިޕޯޓު ނުކޮށް ފޮރުވުމުން ހޮސްްޕިޓަލު މެނޭޖްމެންޓްގެ ބައެއް އިސް ވެރިންނަށް ދައުވާ ކޮށްފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ ޓްރީ ޓޮޕްގެ އިސް މަގާމުތަކުގައި ތިއްބެވި ތިން ބޭފުޅަކަށް ދައުވާ ކުރަން ފޮނުވީ އުމުރުން 18 އަހަރު ނުފުރޭ ކުޑަކުދިންނާ މެދު ޖިންސީ އަމަލު ހިންގާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކާ ގުޅުންހުރި މައުލޫމާތު އެ ހޮސްޕިޓަލަށް ލިބުމުން އެ މައުލޫމާތު އެވަގުތު ރިޕޯޓް ކުރަންޖެހޭ މުއައްސަސާތަކަށް ރިޕޯޓް ކޮށްފައި ނުވާތީ ކަމަށެވެ. އަދި އަދުލުއިންސާފު ގާއިމް ކުރުމަށް ހުރަސްއެޅި ކަމަށް ވެސް ދައުލަތުން ވަނީ ތުހުމަތު ކޮށްފަ އެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައި ވަނީ ޓްރީޓޮޕް ހޮސްޕިޓަލްގެ "ސްޕެޝަލް ކޮމިޓީ އޮން ވޯކްޕްލޭސް ބުލީއިން އެންޑް ހެރަސްމެންޓް" ގެ މެންބަރުން ކަމަށްވާ، އެމްއޭސީއެލްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަދި ޓްރީ ޓޮޕްގެ ހޮސްޕިޓަލުގެ ސީއީއޯ، ބ. އޭދަފުށި ފެންއާރު، އާދިލް މޫސާ އާއި ތ. ގުރައިދޫ ކޮވެލިގެ އާމިނަތު ސުހާ އަދި ސ. ހުޅުދޫ ޑޭޒީވިލާ، ނަޒީރާ ނަޖީބުގެ މައްޗަށެވެ.

މި ތިން ބޭފުޅުންގެ މައްޗަށް ދައުލަތުން އުފުލައިފައި ވަނީ އެނގިހުރެ ނޭންގުމުގެ ކުށުގެ ދައުވާ އެވެ.

މި ދައުވާގައި ދައުލަތުން ބުނެފައި ވަނީ ޑިސެންބަރު 22، 2020 ވަނަ ދުވަހު ޓްރީޓޮޕް ހޮސްޕިޓަލްގެ ނަރުހެއްގެ ގޮތުގައި މަސައްކަތްކުރަމުން ދިޔަ ފިލިޕީންސްގެ ރައްޔިތެއްކަމަށްވާ ރޮމާ ސިމޯރާ ލަޒާޑޯ، އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ އަމަލު ހިންގިކަން އެނގެހުރެ، އެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައި ނުވާތީ ކަމަށެވެ.

ދައުލަތުން ބުނެފައި ވަނީ މި މައްސަލައަކީ އާންމުންގެ ބަޔަކު އެ އޮފީހަށް ހުށަހެޅި ޝަކުވާތަކަކާ ގުޅިގެން ގާނޫނުން ޕްރޮސިކިއުޓާ ޖެނެރަލްއަށް ލިބިދޭ ބާރުގެ ދަށުން، މިއަހަރުގެ މާޗް މަހު ފުލުހަށް އަމުރުކޮށްގެން ތަހުގީގު ކުރި މައްސަލައެއް ކަމަށެވެ.