އެމްއާރުއެމް

ޖުމްހޫރިއްޔާ ވަރުގަދަ ކުރަން ކުރަންޖެހޭ މަސައްކަތް ގިނަ: އެމްއާރްއެމް

Nov 11, 2021
2

ރާއްޖޭގެ ޖުމްހޫރިއްޔާ ވަރުގަދަ ކުރުމަށް އަދިވެސް ކުރަން ޖެހިފައިވާ މަސައްކަތްތައް މުހިންމު ވެފައި ގިނަގުނަ ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ބުނެފި އެވެ.

ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ އަށް 53 އަހަރު ފުރުމާއި ގުޅިގެން އެ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ޖުމްހޫރީ ހަޔާތުގައި މި ވޭތުވެގެން ދިޔަ ދިގު މުއްދަތުގެ ތެރޭގައި ތަފާތު އިމްތިހާން ތަކާ ރާއްޖެ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ ކުރު މުއްދަތެއްގެ ތެރޭގައި ނިމިގެން ދިޔަ ދިޔުމާއި ދެވަނަ ޖުމްހޫރިއްޔާ އެއް ގާއިމު ކުރަން ޖެހުނު ސަބަބު ތަކާއި އެ ނިޒާމް ނިމެން މެދުވެރިވި ސަބަބު ތަކާއި ރިޔާސީ ނިޒާމު ހަރުދަނާ ކުރުމަށް ކުރެވުނު މަސައްކަތްތަކާއި ޒަމާނީ މަލްޓި ޕާޓީ ޑިމޮކްރަސީ އެއް ހޯދުމަށް ރައްޔިތުން ކުރި މަސައްކަތާއި އޭގެ ފަހުން ހިނގާ މިދިޔަ 13 ވަރަކަށް އަހަރުގެ ތެރޭގައި ކަން ހިނގަމުން މިދާ ގޮތް ހިމެނޭ ލަމަށެވެ.

"... މިކަންކަމުން ހާމަ ވެގެން ދާ އެއް ކަމަކީ ރާއްޖޭގެ ޖުމްހޫރިއްޔާ ވަރުގަދަ ކުރުމަށް އަދިވެސް ކުރަން ޖެހިފައިވާ މަސައްކަތްތައް މުހިންމު ވެފައި ގިނަގުނަ ކަމެވެ،"

ޖުމްހޫރީ ދުވަސް ބައްދަލު ކުރިއިރު މި މުނާސަބަ ދަނޑިވަޅުގައި ހަނދާނުގައި ބަހައްޓަން ޖެހޭ ކަންކަމުގެ ތެރޭގައި ގައުމީ ހަޔާތުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް ބާރުވެރި ކުރުވުމާއި އެކަކު އަނެކަކަށް އިހްތިރާމްކުރާ އަދި އިތުބާރު ކުރާ މުޖުތަމައެއް ގާއިމު ކުރުން ހިމެނޭ ކަމަށް އެ ޕާޓީން ބުންޏެވެ. އަދި ހައްގުތައް ކަށަވަރު ކޮށްދިނުމާއި ދައުލަތުގެ މުއައްސަސާތައް ވަރުގަދަ ކުރުން ހިމެނޭ ކަމަށެވެ.

އެ ޕާޓީން ބުނީ ދިވެހިރާއްޖެ ތަރައްގީ ކުރުމާއި ރައްޔިތުންނަށް ކުރިއެރުން ގެނައުމުގައި ރައްޔިތުން އިންތިހާބުކުރާ ވެރިއަކު ހުރުމުގެ ފައިދާ ދިވެހީން ދެކިފައިވާ ކަމީ ފެންނަން އޮތް ހަގީގަތެއް ކަމަށެވެ.