މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީންދޫ ސަމާލު ނެރެފި އެވެ.
ރީންދޫ ސަމާލު ނެރެފައި ވަނީ ނ. އަތޮޅުން ފެށެގެން ދ. އަތޮޅަށެވެ. މި ސަރަހައްދަށް ރީންދޫ ސަމާލު ނެރެފައި ވަނީ މި ސަރަަހައްދުގެ ކަނޑު ގަދަވެ އަދި ވައި ވަރަށް ބޮޑަށް ގަދަވާނެ ކަމަށް ލަފާކޮށްފަ އެވެ.
މެޓް އޮފީހުން ބުނީ މި ސަރަހައްދަށް ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުމާއެކު، ކަނޑު ގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.
މި ސަރަހައްދަށް މެޓް އޮފީހުން ރީންދޫ ސަމާލު ނެރެފައި ވަނީ މިއަދު މެންދުރު 1:00 އިން ފެށެގެން ހަވީރު 5:00 އަށެވެ.
މެޓް އޮފީހުން މިއަދު ވަނީ ހަވީރު 5:00 އާއި ހަމައަށް ހއ. އަތޮޅުން ފެށެގެން ތ. އަތޮޅަށް ހުދު ސަމާލު ވެސް ނެރެފަ އެވެ. މި ސަރަހައްދަށް ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުމާއެކު ކަނޑު ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
ސިފައިންގެ އިން ވެސް އިއްޔެ ވަނީ ކުރިއަށް އޮތް ތިން ދުވަހަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ކަނޑުދަތުރުފަތުރު ކުރާ މީހުންނަށް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.