ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކޮޕީ ރަޝީދުގެ އާއިލާއަށް ރައީސްގެ ތައުޒިޔާ

Nov 12, 2021
ރައީސް ސޯލިހް، ކޮޕީ ރަޝީދަށް ހަނދާނީ ލިޔުމެއް ހަވާލުކޮށްދެއްވަނީ: ރަޝީދު އަވަހާރަވުމުގެ ހިތާމާގައި އާއިލާއަށް ވަނީ ތައުޒިޔާ ފޮނުއްވާފައި -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

މއ.ކޮޕީގެ މުހައްމަދު ރަޝީދު (ކޮޕީ ރަޝީދު) އަވަހާރަވުމާއި ގުޅިގެން އޭނާގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ތައުޒިޔާ ވިދާޅުވެއްޖެ އެވެ. ރަޝީދު އަވަހާރަވީ ރޭގެ ވަގުތެއްގައި އޭޑީކޭ ހޮސްޕިޓަލްގައެވެ. އަވަހާރަވީ ސްޓްރޯކެއް ޖެހި ވަރަށް ބޮޑަށް ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ.

ރަޝީދުގެ އާއިލާއަށް ތައުޒިޔާ ފޮނުއްވާ ރައީސް ވިދާޅުވީ ދިވެހި އަދަބިއްޔާތާއި ފަންނުވެރިކަމަށް އަގުނުކުރެވޭ ވަރުގެ ގިނަ ހިދުމަތްތަކެއް ކޮށްދެއްވި ކޮޕީ މުހައްމަދު ރަޝީދު އަވަހާރަވުމާއި ގުޅިގެން އާއިލާއަށް ތައުޒިޔާ ދަންނަވާ ކަމަށެވެ.

ކޮޕީ ރަޝީދަކީ ތަމްސީލާއި ފިލްމު ކުޅުއްވުމުގައި ވަރަށް ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އަދި ދިވެހި އަދަބިއްޔާތަށްވެސް ގިނަ ހިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ.

މިހާރު މިއޮތް ފެންވަރަށް ރާއްޖޭގައި ތަމްސީލު އާއްމުވެގެންދިޔަ އެއް ސަބަބު ކަމަށްވާ މަޖީދިއްޔާގެ ގޯލްޑަން ޖުބިލީއާ ގުޅިގެން ބޭއްވުނު ތަމްސީލު ޝޯތަކުގައި އިސްކަނޑު އަނބުރަން ހުންނެވީ ކޮޕީ މުޙައްމަދު ރަޝީދެވެ. އޭގެ ފަހުން ކޮޕީ ރަޝީދުގެ މަސްއޫލުވެރިކަމުގެ ދަށުގައި ތަމްސީލުކު ޅެން ހާއްސަ ސޮސައިޓީއެއް އުފެއްދެވިއެވެ. އެއީ ސީޑީއެސްގެ ނަމުގައެވެ.

ކޮޕީ މުހައްމަދު ރަޝީދު ކުޅުއްވާފައިވާ ތަމްސީލުތަކަކީ ވަރަށްވެސް ގިނަ ތަމްސީލުތަކެކެވެ. އޭގެތެރޭގައި ސްޓޭޖްމަތިން ކޮޕީ ފެނިގެންދިޔަ ފުރަތަމަ ތަމްސީލުކަމަށްވާ "ތިން އުދަގޫ" އާއި "ވަޒީފާ" ފަދަ ތަމްސީލުތަކުން ފެށިގެން ޓީވީގެ ބައެއް ފިލްމުތައްވެސް ހިމެނެއެވެ. ކޮޕީ ރަޝީދުގެ އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ކޮންމެ ހަރަކާތެއް ތަމްސީލެއްގައި ގެންނަންވިޔަސް ފަސޭހަކަމާއެކު އެކަމެއް ކޮށްލާކަމެވެ.

އޭގެ ފަހުން އަމިއްލައަށް ސްކްރީންޕްލޭ ލިޔުއްވާ ބައެއް ޑްރާމާތަކާއި ސީރީޒްތައްވެސް އުފައްދަވާފައިވެއެވެ. އޭނާގެ ބޭފުޅުން ކަމަށްވާ ކޮޕީ އިސްމާއީލް ރަޝީދުއާއެކު އުފެއްދެވި ކުރު ފިލްމުތަކަކީ ދިވެހިންގެ މެދުގައި ވަރަށް މަގުބޫލު އުފެއްދުންތަކެކެވެ.

ކޮޕީ މުހައްމަދު ރަޝީދަކީ، ތަމްސީލުކުޅުމުގެ އިތުރުން ރީތިކޮށް ތާނަ ލިޔުއްވުމުގައި ހާއްސަކޮށް ބޮޑު އަކުރު ކުރެއްވުމުގައިވެސް ފާހަގަކޮށްލެވޭ މޮޅު ލިޔުންތެރިއެކެވެ. އޭނާއަށް ތިން ދާއިރާއަކުން އާންމު ހިދުމަތުގެ އިނާމާއި ޝަރަފުވެރިކަމުގެ ގައުމީ އިނާމުވެސް ވަނީ ލިބިވަޑައިގެންފައެވެ.

ކޮޕީ ރަޝީދުގެ މައްޗަށް ކަށުނަމާދު ކުރުން އޮތީ މިއަދުގެ ހުކުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910