ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އިސްމާއީލް ފަތުހީ

އިސްމާއީލް ފަތުހީގެ އާއިލާއަށް ރައީސްގެ ތައުޒިޔާ ވިދާޅުވެއްޖެ

ކުރީގެ އޮޑިޓާ ޖެނަރަލް އިސްމާއީލް ފަތުހީ ދެމިއޮތުމުގެ އާލަމަށް ދަތުރު ކުރެއްވުމާ ގުޅިގެން އެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

އިސްމާއީލް ފަތުހީ އަވަހާރަވީ ކޯވިޑު ބަލީގެ އާލާސްކަންފުޅުގައި މިއަދު ހަވީރު ދަރުމަވަންތަ ހޮސްޕިޓަލުގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 80 އަހަރެވެ. ރައީސްގެ މެސެޖްގައި ވިދާޅުވީ މި ހަބަަރު އެއްސެވީ ވަރަށް ފުން ހިތާމައާ އެކުގައި ކަމަށާއި އިސްމާއީލް ފަތުހީ އަކީ ރާއްޖޭގެ އޮޑިޓް ދާއިރާ އާއި މާލީ ދާއިރާގެ ތަރައްގީއަށާއި ކުރިއެރުމަށް ވަރަށް އިހްލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއްކަން ފާހަގަކުރެއްވިއެވެ.

އިސްމާއީލް ފަތުހީ ހާއްސަ ގޮތެއްގައި ފާހަގަކުރެވެނީ ރާއްޖޭގެ އޮޑިޓް ދާއިރާގަ އާއި މާލީ ދާއިރާގައި ދިގު މުއްދަތެއް ވަންދެން ހިދުމަތްތަކެއް ކުރެއްވި ބޭފުޅެއްގެ ގޮތުގަ އެވެ. ރާއްޖޭގެ އޮޑިޓް އޮފީސް ހަރުދަނާ އުސޫލުތަކެއްގެ މަތިން ހިންގެވުމުގެ އަމަލީ މަސައްކަތްތައް ފެއްޓެވި ބޭފުޅަކީ ވެސް އިސްމާއީލް ފަތުހީ އެވެ.

އިންޑިއާގެ ބޮމްބޭ ޔުނިވަސިޓީން ކޮމާސް ޑިގްރީއެއް ހާސިލް ކުރައްވައިގެން 1969 ވަނަ އަހަރު ރާއްޖެ ވަޑައިގަތުމުން، އޮޑިޓް އޮފީހުގެ އޮޑިޓާ ކަމުގެ މަގާމު ސަރުކާރުން އެމަނިކުފާނަށް ދެއްވި އެވެ. އެއާ އެކު މުވައްޒަފުން ތަމްރީނު ކުރުމަށްޓަކައި މުހިއްމު މަސައްކަތްޕުޅުތަކެއް އިސްމާއީލް ފަތުހީ ކުރެއްވި އެވެ. އެގޮތުން އެކައުންޓްސް ދަސްކޮށްދިނުމަށް އިސްނަންގަވައިގެން މެއި 18، 1969 ގައި ހިންގަވަން ފެއްޓެވި ކްލާހުގެ މުދައްރިސަކީ ވެސް އެމަނިކުފާނެވެ.

ސީދާ އޮފީސްތަކާ ބެހޭ ބަޖެޓް މައުލޫމާތާއި، ދުވަހުން ދުވަހަށް ބަޖެޓަށް ވަމުންދާ ގޮތާއި، ބޮޑު އިސްޓޯރުގައި ހުރި ފައިސާގެ ހިސާބަކީ އަބަދު ބަލަމުން ގެންދަންޖެހޭ އެއްޗަކަށްވާތީ އޮޑިޓް އޮފީހުގެ މުވައްޒަފުންނަށް ކަމާ ގުޅޭ އިރުޝާދާއި ލަފާ ސީދާ ދެއްވަމުން ގެންދެވި ބޭފުޅަކީވެސް އިސްމާއީލް ފަތުހީ އެވެ. ސަރުކާރުގެ މުދަލާއި ފައިސާގެ ހިސާބު ބެލެހެއްޓުމުގެ ގަވާއިދު، ފޮތެއްގެ ސިފައިގައި ފުރަތަމަ ނެރުމުގައިވެސް ފަތުހީގެ ހިއްސާ ވަރަށް ބޮޑެވެ.

ސަރުކާރުގެ ފައިސާއާއި މުދަލާއި ތަކެތީގެ ހިސާބުތައް ބެލެހެއްޓުމުގެ ދާއިރާއަށް ހާއްސަކޮށް، އޮޑިޓް އޮފީހަށް ބޭނުންވާ މީހުން އުފެއްދުމުގެ ހަރަކާތްތައް، އަހަރުތަކަކަށް މެދުކެނޑިފައި އޮތުމަށްފަހު 1981 ވަނަ އަހަރު އަލުން ފެށުނު ކްލާސްތަކުގައި ކިޔަވައިދެއްވީ ވެސް އިސްމާއީލް ފަތުހީ އެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވި ބޭންކް، ސްޓޭޓް ބޭންކް އޮފް އިންޑިއާގެ މާލޭ ގޮފި ހުޅުވިއިރު އެ ބޭންކްގައި ސަރުކާރުގެ އޮފީސްތަކުގެ އެކައުންޓްތައް ހިންގުމުގައި ހިސާބުތައް ގެންގުޅެންވީ ގޮތް އިންތިޒާމް ކުރުމުގެ މަސައްކަތުގައި އިސްމާއީލް ފަތުހީ މުހިއްމު ދައުރެއް އަދާކުރައްވާފައިވެ އެވެ. ރާއްޖޭގެ ގައުމީ ބޭންކް، ބީއެމްއެލް އުފެއްދުމަށްޓަކައި ބަންގްލަދޭޝްގެ ސަރުކާރާއި އަދި އެ ސަރުކާރު ހިމެނިފައިވާ ކުންފުނި، އިންޓަނޭޝަނަލް ފައިނޭންސް އިންވެސްޓްމަންޓް ކޮމްޕެނީއާ ކުރެވުނު މަޝްވަރާތަކުގައި އެންމެ މުހިއްމު ދައުރެއް އަދާކުރެއްވި ބޭފުޅަކީ ފަތުހީ އެވެ. އަދި ކަމާބެހޭ އެގްރީމަންޓް އެކުލަވައިލުމާއި، ބޭންކަށް ބޭނުންވާ މީހުން ތަމްރީނު ކުރުމަށް ކުރެވުނު މަސައްކަތްތަކުގައި ވެސް ފަތުހީގެ ދައުރު ހާއްސަ ގޮތެއްގައި ފާހަގަކުރެވެ އެވެ.

އިސްމާއީލް ފަތުހީ އަކީ ފިނޭންސްގެ ދާއިރާގައިވެސް 15 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ސަރުކާރުގެ ބަޖެޓް 1979 ވަނަ އަހަރާ ހަމައަށް އޮޑިޓް އޮފީހުން ތައްޔާރުކުރިއިރު އެކަމުގައިވެސް އެންމެ އިސްކޮށް ހުންނެވި ބޭފުޅަކީ ފަތުހީ އެވެ. ބަޖެޓާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ކުރިން ކުރާ ސުވާލުތަކަށްވެސް ޖަވާބުދާރީވެވަޑައިގަންނަވަމުން ގެންދެވީ އެމަނިކުފާނެވެ. ޑިރެކްޓަރ އޮފް ފިނޭންސްގެ މަގާމުގެ އިތުރުން، މިނިސްޓާ އޮފް ސްޓޭޓް ފޯ ފިނޭންސްގެ މަގާމުވެސް ފުރުއްވާފައިވެ އެވެ.

އޮޑިޓާ ޖެނަރަލްގެ މަގާމަށް ރަސްމީކޮށް އިސްމާއީލް ފަތުހީ އައްޔަންކުރެއްވީ ނޮވެމްބަރު 11، 1993 ގައެވެ. އެދުވަހުން ފެށިގެން އޮޑިޓް އޮފީހަށް ބޭނުންވާ މީހުން ތަމްރީންކޮށް ޒަމާނީ ބަދަލުތަކެއް ގެނެސްދެއްވާފައިވެ އެވެ. އޮޑިޓާ ޖެނެރަލްގެ މަގާމުގައި 14 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރެއްވި އެވެ. ދައުލަތަށް ގިނަދުވަހު ހިދުމަތް ކުރެއްވި އިއްޒަތްތެރިއެއްގެ މަގާމަށް ޖެނުއަރީ 16، 2008 ގައި ބަދަލުކުރެއްވުމާ ހަމައަށް ހުންނެވީ ވެސް އޮޑިޓާ ޖެނަރަލްގެ މަގާމުގަ އެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭ 1981 ވަނަ އަހަރު އުފެއްދެވުމުގައިވެސް އިސްމާއީލް ފަތުހީ މުހިއްމު ދައުރެއް އަދާކުރައްވާފައިވެ އެވެ. ގާނޫނުގައިވާ ގޮތުގެ މަތިން، އެ އޮތޯރިޓީގެ ވައިސް ގަވަރުނަރުގެ މަގާމު އަދާކުރައްވާފައިވެ އެވެ. ބޭންކްތަކާއި މަނިޓަރީ އޮތޯރިޓީއާ ދެމެދު ހިނގާ މުއާމަލާތުތަކާއި، ދިވެހި ފައިސާގެ އަގު ހިފެހެއްޓުމާއި، ގައުމުގެ ތަރައްގީއަށް ފަހިވާނެ ގޮތެއްގައި، އެ އޮތޯރިޓީގެ މަސައްކަތްތައް ކުރައްވާފައިވެ އެވެ.

ދިވެހި ސަރުކާރު ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މާލީ އިދާރާތަކަށް ސަރުކާރުން ކަނޑައަޅާފައިވާ ގަވަރުނަރުކަމާއި އޯލްޓަނޭޓް ގަވަރުނަރުކަންވެސް އިސްމާއީލް ފަތުހީ ކުރައްވާފައިވެ އެވެ. ގައުމީ ތަރައްގީގެ މަސައްކަތްތަކުގައި މާލީ އިދާރާތަކާއި ސަރުކާރާ ދެމެދު ހިންގުނު ގިނަގުނަ މުއާމަލާތްތަކުގައިވެސް އަމަލީގޮތުން ބައިވެރިވެވަޑައިގެންނެވި އެވެ.

މައުމޫން އަބްދުލްގައްޔޫމު ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އުފެއްދެވި ނެޝަނަލް ޕްލޭނިން އެޖެންސީގެ ޑިރެކްޓަރެއްގެ ގޮތުގައި ހުންނަވައިގެން ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ރޭއްވެވުމުގައި ފަތުހީ މުހިއްމު މަސައްކަތްޕުޅުތަކެއް ކުރައްވާފައިވެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސުލްޖުމްހޫރިއްޔާގެ މެންބަރުކަންވެސް އިސްމާއީލް ފަތުހީ ވަނީ ދެފަހަރެއްގެ މަތިން ކުރައްވާފަ އެވެ.

އިސްމާއީލް ފަތުހީ އަކީ ސަރުކާރުގެ މުދަލާއި ފައިސާ ހަރަދުކުރުމުގައި ސަރުކާރުން ގެންގުޅުނު އުސޫލުތަކާއި ގަވާއިދުތަކުގެ ތެރެއަށް ވަރަށް ބޮޑަށް ވަދެވަޑައިގެން ހުންނެވި އަދި އޮޑިޓް ދާއިރާގެ މައުލޫމާތު ލިބިވަޑައިގެން ހުންނެވި ތަޖުރިބާކާރު ބޭފުޅެކެވެ. ދިވެހި ދައުލަތަށް 46 އަހަރަށް ވުރެ ދިގު މުއްދަތެއްގައި އެމަނިކުފާނު ވަނީ ހިދުމަތް ކުރައްވާފަ އެވެ.

އިސްމާއީލް ފަތުހީ ދިވެހި ދައުލަތަށް ކޮށްދެއްވި ހިދުމަތްތަކުގެ އަގުވަޒަންކޮށް ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި 2013 ވަނަ އަހަރު ވަނީ ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަން (ނ.އ.އ.ވ) ދެއްވާފަ އެވެ.